ރާއްޖޭގެ ރައްޔިތުންގެ މިނިވަންކަމާއި ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ހައްގުތައް ކަށަވަރުކޮށްދިނުމަށް އިނގިރޭސި ވިލާތުން ރާއްޖެއަށް ގޮވާލައިފި އެވެ.

ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރެއްވި އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލާ ގުޅިގެން ލަންކާގައި ހުންނަ އިނގިރޭސި ހައި ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރައްޔިތުންގެ މަޖިލީހުން މިދިޔަ އަންގާރަ ދުވަހު ފާސް ކުރި އަބުރުގެ ބިލަކީ ރާއްޖޭގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ފަހަތަށް ގެންދާނެ ގާނޫނެއް ކަމަށެވެ.

"ޑިމޮކްރެޓިކް ނިޒާމު ބަލިކަށިވެ، ހައްގުތައް ގެއްލޭ ފަދަ ކަންތައްތައް ހައްލުކުރަން އެދެވޭ ފިޔަވަޅުތަކެއް އަޅަން ސަރުކާރަށާއި މަޖިލީހުގެ އިތުރުން ޝަރުއީ ދާއިރާއަށް ގޮވާލަން. އަދި ދިވެހި ރައްޔިތުންގެ ފަރުދީ މިނިވަންކަމާއި ގާނޫނުއަސާސީން ލިބިދޭ ހައްގުތައް ކަށަވަރުކޮށް ދޭން ބާރު އަޅަން،" ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމާތު ލިބިގަތުމުގެ ހައްގަކީ މިނިވަން އަދި ޑިމޮކްރެޓިކް މުޖުތަމައުތަކުގައި މުހިއްމު އެއްޗެއް ކަމަށެވެ.

ނަމަވެސް ރާއްޖޭން މިއަދު އަމަލުކުރަން ފަށާފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިވާ ގޮތަށް ފަރުމާކޮށްފައިވާ ގާނޫނުގެ ދަށުން ކުށަކަށްވާ ކަންކަމާއި އަދަބުތައް މާނަކޮށްފައިވާ ފުޅާމިނަކީ، ބައިނަލްއަގްވާމީ މިންގަނޑުތަކާއި ހާއްސަކޮށް ކޮމަންވެލްތުގެ އުސޫލްތަކަށް ނުފެތޭ ގާނޫނެއް ކަމަށް ބަޔާނުގައިވެ އެވެ.

ރާއްޖޭގެ ރައްޔިތުންގެ އިންސާނީ ހައްގުތަކުގެ މައްސަލާގައި ރާއްޖޭގެ ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިޔާ އެއްގައުމަކީ އިނގިރޭސިވިލާތެވެ. އެގޮތުން އެގައުމުން މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ނެރުނު އިންސާނީ ހައްގުތަކުގެ ހާލަތާ ބެހޭ ރިޕޯޓުގައި ބުނެފައި ވަނީ ރާއްޖޭގެ ޑިމޮކްރެސީ އާއި އިންސާނީ ހައްގުތަކުގެ ހާލަތުގެ އިތުރުން ޝަރުއީ ނިޒާމުގެ މިނިވަންކަން މިދިޔަ އަހަރު ވަނީ އިތުރަށް ގޯސްވެފައި ކަމަށެވެ.

އާއްމުންނާއި މީޑިއާތަކުން ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށްފައިވަނިކޮށް މިއަދު ތަސްދީގު ކުރި ގާނޫނުގެ ސަބަބުން، ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ހަބަރު ފެތުރުމާއި އަބުރާ ބެހެވޭ ފަދަ ބަހެއް މީޑިއާއަކުން އާންމުކޮށްފި ނަމަ އެ މީޑިއާއެއް 50،000 ރުފިޔާ އިން ފެށިގެން 2،000،000 ރުފިޔާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

އަދި އެފަދަ ކޮންޓެންޓެއް ޝާއިއުކުރި ނުވަތަ ބްރޯޑްކާސްޓް ކުރި ރިޕޯޓަރެއް 50،000 ރުފިޔާ އާއި 150،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ގާނޫނުގައިވާ ގޮތުން ހަބަރެއް ރައްދުވާ ފަރާތުން އެ ހަބަރެއް ބްރޯޑްކާސްޓު ކުރި ފަހުން ނުވަތަ ޝާއިއުކުރި ފަހުން ރައްދެއް ޝާއިއުކުރަން ނުވަތަ ބްރޯޑްކާސްޓުކުރަން ބޭނުންވާ ނަމަ އެއްވެސް އަގެއް ނުވަތަ ފީއެއް ނެގުމަކާ ނުލައި އެ ހަބަރެއް ޝާއިއު ނުވަތަ ބްރޯޑްކާސްޓު ކުރަންވާނެއެވެ.

ގާނޫނުގައި ބުނެފައި ވަނީ އަބުރާ ބެހެވޭ ފަދަ ޒާތުގެ ކޮންޓެންޓެއް ވަގުތުން ގެނެސްދޭ އިވެންޓެއްގައި ހިމެނިއްޖެ ނަމަ ލައިވް ފީޑު ހުއްޓާލަން އަބުރާ ބެހެވުނު ފަރާތުން ކަމާ ބެހޭ ދައުލަތުގެ މުއައްސަސާ އަށް އެންގުމުން ވެސް ލައިވް ފީޑު ކަނޑާ ނުލައިފިނަމަ ކަމާ ގުޅޭ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތީން އެ މީޑިއާ އަކަށް ފިޔަވަޅު އަޅަންވާނެ ކަމަށެވެ.