ބޮލީވުޑްގެ މަޝްހޫރު ތަރި އަނުޝްކާ ޝަރުމާ އާއި މަޝްހޫރު ކްރިކެޓު ކުޅުންތެރިޔާ ވިރާތު ކޯލީ ދެ އަހަރު ރައްޓެހިވެގެން އުޅުމަށް ފަހު ވަކިވި ކަމަށް ހަބަރުތައް ބުނަން ފެށީ މި އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގަ އެވެ.

ވަރަށް ލޯބިން އުޅުމަށް ފަހު ދެމީހުން ވަކިވީ ކީއްވެ ކަމެއް ނޭނގެ އެވެ. އެކުގައި ފެންނަ މިންވަރު މަދުވެ، ވިރާތު ވަނީ އަނުޝްކާ އަށް ރައްދުކޮށް ބައެއް ކަހަލަ ބަސްތައް ވެސް ބުނެފަ އެވެ. އަދި ޕާޓީއެއްގެ ތެރެއިން، އޭނާ އަކީ ހުސްހަށިބައި މީހެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން އަނެއްކާ ވެސް ދެމީހުން ވަނީ ގުޅިފަ އެވެ. އެކުގައި ބައެއް ހަފްލާތަކާއި ހަރަކާތްތަކުގައި ބައިވެރިވާން ފެށި އެވެ. ނަމަވެސް ކުރިން ދެމީހުން އުޅުނު ގޮތް މިހާރު ވަނީ މުޅިން ބަދަލުވެފަ އެވެ.

އެކަކު އަނެކަކުގެ ވާހަކަ ދެއްކުން ވަނީ އެއްކޮށް ހެން ހުއްޓާލައިފަ އެވެ. އެ ބަދަލާ ގުޅޭގޮތުން ސުވާލު ކުރުމުން މީގެ ކުރިން އަނުޝްކާ އަދި ވިރާތު ވެސް ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް އަނުޝްކާ މިވަނީ މިހާރު އެއްވެސް ވަރަކަށް ވިރާތުގެ ވާހަކަ ނުދައްކާ ސަބަބު ހާމަކޮށްފަ އެވެ.

"މައްސަލަ އެއް ނެތް. ބުނެފާނަން ކީއްވެކަން އެވާހަކަ ދައްކަން ބޭނުން ނުވަނީ. ކުރިން ދެމީހުންގެ ގުޅުން ހާމަކޮށް ކުރިއަށް ގެންދިޔައީ ވަރަށް ހަރުދަނާކޮށް އެކަން ކުރުމަށް. އަހަރެން އުންމީދު ކުރިން އެ ހަރުދަނާ ކަން ބެލުންތެރިންގެ ކިބައިން ވެސް ފެންނާނެ ކަމަށް،" އަނުޝްކާ ބުންޏެވެ.

އަނުޝްކާ ބުނީ ފިލްމެއްގައި ކިތަންމެ މޮޅު އެކްޓިން އެއް ދެއްކި ނަމަވެސް، އެވާހަކަ ދައްކާ މީހަކު ނޫޅޭ ކަމަށާއި، އެންމެން ވެސް އަހަނީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަ ކަމަށެވެ.

"އަހަރެންނަށް ދެއްކޭނެ އެންމެ މޮޅު އެކްޓިން ދެއްކިން. އެކަމަކު ވެސް ނޫސްތަކުގެ ހެޑްލައިން ގައި ހުންނަނީ އަހަރެންގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަ،" އަނުޝްކާ ބުންޏެވެ.

އަނުޝްކާ އާއި ވިރާތުގެ ގުޅުމުގެ ވާހަކަ ނުދެއްކި ނަމަވެސް، މިހާރު ދެ މީހުން ގުޅިގެން އުޅޭކަން ކަށަވަރު ވެފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ. އަދި އިންޑިއާ އާއި ވެސްޓް އިންޑީޒް ބައްދަލު ކުރާ ކުރިކެޓް މެޗް ބެލުމަށް އަނުޝްކާ ކެރީބިއަން އަށް ގޮސްފައިވާ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.