28 May 2011, 10:06
ދާދިފަހުން ރާއްޖޭގައި ކުރި ޑޮލަރު މުޒާހަރާތަކާ ގުޅޭ ހަބަރުތައް ދުނިޔޭގެ ބައެއް މީޑިއަމްތަކުން ގެނެސްދިން ގޮތް ބަލަން އިންދައި ސިއްސައިގެން ދިޔައީ މަޝްހޫރު ޓީވީ ނެޓްވޯކް، އަލްޖަޒީރާ އިން "ރާއްޖެއަކީ މެޖޯރިޓީ މުސްލިމް ނޭޝަން" ]ގައުމެއް[ ކަމަށް ބުނުމުންނެވެ.
ނަމަވެސް ރާއްޖެއަކީ 100 ޕަސެންޓް މުސްލިމް ގައުމެއްގެ ގޮތުގައި ދުނިޔެ އަށް މަޝްހޫރުވެ، ދުނިޔޭގެ ބޮޑެތި އިސްލާމީ ގައުމުތަކުގެ ކުޑަ ކޮށްކޮއެއްހެން އުޅެމުން އަންނަތާ އެތަކެއް އަހަރުވެއްޖެ އެވެ. ގާނޫނީ ގޮތުން މި ހަގީގަތް އޮތީ ވެސް މިހެންނެވެ. ގާނޫނު އަސާސީ ބުނާ ގޮތުން ދިވެހި ރައްޔިތަކަށް ވެވެނީ ވެސް މުސްލިމަކަށް ވެގެންނެވެ.
ކަން މިހެން އޮތް އިރު އަލްޖަޒީރާ ފަދަ އިތުބާރު ހިފޭ ނޫސް އެޖެންސީއަކުން މިހެން ބުނީ ކީއްވެބާ އެވެ؟ އެއީ ކޮން ބަޔަކު އެ މީހުންނަށް ދީފައިވާ ވަސްވާހެއް ބާވަ އެވެ. އަނެއް ސުވާލަކީ ގާނޫނު އަސާސީގައި އެހެން އޮތުމުން ކޮންމެ ދިވެއްސަކީ މުސްލިމެއް ކަމަށް ބަލަންވީތޯ އުފެދޭ ސުވާލެވެ.
ގާނޫނީ ނަޒަރިއްޔާ އިން އެކަން އެގޮތަށް ބަލައިގަނެވިދާނެ އެވެ. އެހެންނަމަވެސް މީހެއްގެ ހިތުގައިވާ އެއްޗެއް އެނގޭނީ ކިހިނެއް ހެއްޔެވެ؟
މުސްލިމުންނާއި ޣައިރު މުސްލިމުން ވަކިކުރާ ހަމައެކަނި ގޮތަކީ އެމީހުންގެ އިއުތިރާފް ކަމަކަށް ވެސް ބެލެވޭކަށް ނެތެވެ. ކީރިތިގުރުއާނާއި މާތް ރަސޫލާގެ ސުންނަތުގައިވާ ހުކުމްތަކާއި އިލްމީ ހަގީގަތްތައް އަހަރެމެންނަށް އޮޅުން ފިލުވައިދޭން ތިބި ޢިލްމުވެރިން އެގޮތަކަށް އެއްބަހެއް ނުވެ އެވެ.
"މުސްލިމުންގެ އަގީދާއަށް ފުރައްސާރަކޮށް، ސީދާ މުސްލިމުންނާ ދެކޮޅަށް ފާޅުގައި ޣައިރު މުސްލިމުން ދައްކާ ވާހަކަތަކަށް ތާއީދުކުރާ ނަމަ އެމީހަކު މުރުތައްދުވާނެ،" އައްޝައިހު ޙަސަން ފިކުރީ ވިދާޅުވި އެވެ.
އައްޝައިޚު ޢަބުދުﷲ މުހައްމަދު ވެސް ވިދާޅުވީ އެފަދަ މީހުން މުސްލިމުންނަށް ނުވާނެ ކަމަށެވެ.
"މުސްލިމުންގެ އަގީދާ އާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރާކަމަށްވާ ނަމަ އެމީހުން އަމިއްލައަށް އެބުނަނީ އެމީހުންނަކީ މުސްލިމުންނެއް ނޫންކަމަށް" ޝައިޚު ޢަބުދުﷲ ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. އަބުދުލްމަޖީދު އަބުދުލްބާރީ ވިދާޅުވީ އިސްލާމްދީނަށާއި ރަސޫލާ އަށް ފުރައްސާރަކޮށްފި ނަމަ އެމީހަކު ދީނުން ބޭރުވާނެ ކަމަށެވެ.
"އިސްލާމްދީނަށް ނުވަތަ ދީނުގެ ހުކުމަކަށް މީހަކު ދެކޮޅު ހަދައި ފުރައްސާރަކޮށް ހަދައިފި ނަމަ ދީނުން ބޭރުވާނެކަން ކީރިތި ގުރުއާނުގައި ވަނީ އަންގަވާފައި،" ޑރ. މަޖީދު ވިދާޅުވި އެވެ.
ރާއްޖޭގައި އެކަކު ވަނީ ފާޅުގައި އިސްލާމް ދީން ގަބޫލު ނުކުރާ ވާހަކަ ބުނެ އިއުލާންކޮށްފަ އެވެ. (އޭނާ ބުނިބަސް އަނބުރާ ގެންދިއުން އެއީ މުޅިން އެހެން ކަމެކެވެ.) ސައްތައިން ސައްތަ މުސްލިމު ކަމަށް ބުނާ ރާއްޖޭގައި މިހާރު 100 ޕަސެންޓް މުސްލިމުން އުޅޭ ކަމާ މެދު ސުވާލު އުފެދޭ ހިސާބަކީ މިއީ އެވެ.
ކެމެރާތަކުގެ ކުރިމަތީގައި އެހެން ބުނި މީހާ ބުނެފައި ވަނީ "އަހަރެން މިތަނުގައި އުފަންވެ ބޮޑުވިޔަސް އެއްވެސް އިރަކު އިސްލާމްދީން ގަބޫލެއް ނުކުރަން" ކަމަށެވެ.
ފާޅުގައި އިސްލާމްދީން ގަބޫލު ނުކުރާކަމަށް އިއުލާން ކުރީ އެއްމެ މީހެއް ނޫނެވެ. އަމިއްލަ ބްލޮގުތަކާއި ފޭސްބުކް ފަދަ ސޯޝަލް ނެޓްވޯކްތަކާއި އަދި ވެބްސައިޓުތަކުގައި އެމީހުން އިސްލާމްދީނު ގަބޫލުނުކުރާ ވާހަކަ ދިވެހިން ބަޔާންކުރަނީ ޖެހިލުމެއް ނެތި އެވެ. ދީނަށް ފުރައްސާރަކުރަނީ ވެސް އެމީހުން ބޭނުން މިންގަނޑެއްގަ އެވެ. އެކަމަކު އެއީ މުޅިންވެސް ރާއްޖޭގެ ގާނޫނު އަސާސީގެ ހިމާޔަތް ލިބޭ، ދިވެހިންނެވެ.
ފުލުހުން އަދި މިހާތަނަށް މިފަދަ ކަމެއް ފާހަގަކޮށް ސަމާލު ކަމަށް ގެނެސްފައެއް ނުވެ އެވެ. އެފަދަ މީހުން ހޯދައި ތަހުގީގެއް ވެސް ހިންގާފައިވާ ކަމެއް ވެސް ރައްޔިތުންނާ ހިއްސާކޮށްފައެއް ނުވެ އެވެ.
އެކަމާ ބެހޭ ގޮތުން ފުލުހުންގެ މީޑިޔާ އޮފިޝަލް އަހުމަދު ޝިޔާމް ވިދާޅުވީ އެފަދަ ކަމެއް ފުލުހުންނަށް ހުށައެޅިޔަސް އެކަމާ ބެހޭ މައުލޫމާތު އާއްމު ކުރާނީ އިސްލާމިކް މިނިސްޓްރީން ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ވެސް ފާޅުކަން ބޮޑު ގޮތެއްގައި މީހުން ދީން ދޫކުރާ ވާހަކަ އާންމުންގެ ސަމާލުކަމަށް ގެނެސް، މީހުން ހޭލުންތެރިކުރުވުމަށް ބޮޑު ކެމްޕެއިނެއް ފަދަ ކަމެއް ކުރާތީއެއް ނުފެނެ އެވެ.
"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ސަރުކާރުގެ ސަމާލުކަން މިކަމަށް ލިބޭ ކަމަކަށް، އެއްވެސް ފިޔަވަޅެއް އަޅާތަނެއް ނުފެނޭ،" ޝައިހު ޢަބުދުﷲ ވިދާޅުވި އެވެ.
ތާރީހުގައި މުސްލިމުން ކުރި ޖިހާދަކީ "ކަނޑިހިފައިގެން ކުރިއަރާފައި ހުރިގައުމުތަކަށް އަރައި ރޯކޮށް ލޫޓުވައި އަންހެންދަރިން ނޮޅައި ފިރިހެނުން ކަތިލައި" ހެދުން ކަމަށް ދާދިފަހުން ސަންގެ ހަބަރަކަށް ކޮމެންޓް ކުރި އެތައް ބަޔަކު ސިފަކޮށްފައިވެ އެވެ. އަދި ކުޑަކުދިންނާ ބަދުއަހުލާގީ އަމަލު ހިންގުމުގެ ހަބަރުތަކަށް "ކީރިތި ރަސޫލާ" އަށް ނިސްބަތްކޮށް ކުފުރުގެ ބަސްތައް ލިޔެ ކޮންމެ ދުވަހަކު އެތަކެއް ބައިވަރު ކޮމެންޓް އާދެ އެވެ.
އިސްލާމްދީން ގަބޫލު ނުކުރާ އެތައް ބަޔަކު މިހާރު ރާއްޖޭގައި އުޅޭކަން ފާހަގަ ކުރެއްވިފައިވާ ކަމަށް ޝައިޚު ހަސަން ފިކުރީ ވެސް ވިދާޅުވި އެވެ.
"އެތައް ބަޔަކު އެބަ އުޅޭ، ސީދާ އަޅުގަނޑުމެން ގާތަށް އައިސްފައި އެބަހުރި ބައެއް މީހުން، އިސްލާމް ދީން ގަބޫލު ނުކުރެވޭ ވާހަކަ އެމީހުން ބުނޭ. އަދި ބައެއް މީހުން އެބަހުރި އެކަމާ ދެރަވެފައި ވެސް،" ޝައިހު ފިކުރީ ވިދާޅުވި އެވެ. އަދި މިކަންތައްތައް ހުއްޓުވޭނީ ރަނގަޅު އަގީދާއެއްގެ މަތީގައި ކުޑައިރުން ފެށިގެން ދަރިން ތަރުބިއްޔަތުކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެބާވަތުގެ މީހުން ސިއްރިއްޔާތުގައި ވަރަށް ގިނައިން އުޅޭކަން އިންޓަނެޓްގެ ވެބްސައިޓްތަކުން އަޅުގަނޑުމެންނަށް ވެސް ވަނީ ފާހަގަ ކުރެވިފައި، އަދި ފާޅުގައި އިސްލާމްދީނަށް ފުރައްސާރަކޮށް، ދީނާ ދެކޮޅަށް މަސައްކަތް ކުރާ މީހުން ވެސް އަންނަނީ އިތުރުވަމުން، އަޅުގަނޑުމެންނަށް މިކަން ފާހަގަކުރެވޭ" ޝައިޚު ޢަބުދުﷲ ވިދާޅުވި އެވެ.
ޑރ. މަޖީދު ވެސް ވިދާޅުވީ އެފަދަ ކަންތައްތަކުގެ ޝަކުވާތައް ދޭތެރެ ދޭތެރެއިން އަންނަ ކަމަށެވެ. އަދި އެކަންތައްތައް ފުލުހުންނާ ހިއްސާކުރައްވާފައި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދޭތެރެ ދޭތެރެއިން އާދޭ އެފަދަ ޝަކުވާތައް، އަދި ދީނާ ހިލާފު ފޮތްތަކާއި ސީޑީތައް ކަސްޓަމްސް އިން ހިފަހައްޓާފައި ވެސް އެބަހުރި،" މަޖީދު ވިދާޅުވި އެވެ.
އަލް ޖަޒީރާ އިން އެބުނާ ފަދަ މެޖޯރިޓީ މުސްލިމް ގައުމަކަށް ރާއްޖެވާ ގޮތަކީ ކޮބައި ކަމެއް ނޭނގެ އެވެ. ރަނގަޅު ވާހަކައެކެވެ. އެކަކު ފާޅުގައި ތިމަންނައަކީ މުސްލިމެއް ނޫން ކަމަށް ބުނެފި އެވެ. ނަމަވެސް އޭނާ އެހެން ބުނުމާއި އަލްޖަޒީރާ ފަދަ ނެޓްވޯކަކުން އެހެން ބުނުމުގައި ފޮރުވިފައިވާ ހަގީގަތްތަކެއް ވާނެ ކަމަށް ގިނަ ބަޔަކު ދެކެ އެވެ. މިއީ ކުރިން މި ރާއްޖޭގައި އެހާ ފާޅުކަން ބޮޑު ގޮތެއްގައި ދައްކަމުން އައި ވާހަކަތަކެއް ނޫނެވެ. ހަމަ ޔަގީނުން ވެސް އެކަންކަމުގެ ފުރަގަހުގައި ފޮރުވިފައިވާ ސިއްރުތަކެއް ވާނެ އެވެ. ހޯދައި ފާރަލައި ބަލާށެވެ.