"ދަބާންގް" ގެ ތަރި ސޮނާކްޝީ ސިންހާ އާއި އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ވާހަކަ ދެކެވޭ ބަންޓީ ސަޗްދޭވް އާ ދެމީހުން އެންގޭޖްވެފައިވާ ކަމަށް ދެކެވޭ ވާހަކަތައް ސޮނާކްޝީ ދޮގުކޮށްފި އެވެ.

ސޮންކްޝީ އާއި ބަންޓީ އެންގޭޖްވެފައިވާ ކަމަށް ފުރަތަމަ ރިޕޯޓު ކުރީ އިންޑިއާގެ މިރަރ ނޫހުންނެވެ.

އެއާއެކު ސޮނާކްޝީ ކުރި ޓުވީޓެއްގައި ބުނެފައި ވަނީ، އޭނާގެ ހަޔާތާ ގުޅޭގޮތުން ޚުދު އޭނާ އަށް ވެސް ނޭނގޭ ކަންކަން މިރަރ ނޫހުން އަންގައިދީފައި ވާތީ ޝުކުރު އަދާކުރާ ކަމަށެވެ.

"މިރަރ އަށް ވަރަށް ބޮޑަށް ޝުކުރިއްޔާ އަހަންނާއި އަހަރެންގެ ކުރިމަގަށް ރާވާފައި ހުރި ކަންކަން އާއިލާ އާއި އެކުވެރިންނާ އަދި އަހަންނަށް ވެސް ބުނެދިނީތީ. އެކަމަކު ނޫން،" ސޮނާކްޝީ ބުންޏެވެ.

ސޮނާކްޝީ ބުނީ އެއީ ދޮގު ވާހަކަތަކެއް ކަމަށާއި، ހަގީގަތެއް ނެތް ވާހަކަތައް ފެތުރުން މިހާރުން މިހާރަށް ހުއްޓާލުމަށް އެދޭ ކަމަށެވެ.

ސޮނާކްޝީ ދެން އެންމެ އަވަހަށް ފެނިގެންދާނީ އޭ.އާރް މުރުގަދޯސް ޑައިރެކްޓު ކުރާ ފިލްމު "އަކީރާ" އިންނެވެ. "އަކީރާ" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު އެވެ.