11 Aug 2016, 21:47
ކޯޓު އަމުރެއްގެ ދަށުން އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަންވަރު އިބްރާހިމް މިރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ "ސަން"އަށް މިރޭ ވިދާޅުވީ އަންވަރު ހައްޔަރުކުރީ މިރޭ 7:30 އެހާކަށްހާއިރު ކަމަށެވެ.
އޭނާ ވިދާޅުވީ އަންވަރު ހައްޔަރުކުރީ ގާނޫނުގައި މަނާކޮށްފައިވާ ތަންތަނަށް އެއްވުމަށް އަންވަރު ގޮވާލައިފައިވާތީ އާއި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމަށް ހިތްވަރު ލިބިދޭ ގޮތަށް ވާހަކަދައްކަވާފައި ވާތީ ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން އަންވަރު މިރޭ ހައްޔަރުކޮށްފައިވާއިރު ހިޔާލުފާޅު ކުރުން ހަނިކުރެވޭ ގޮތަށް މަޖިލީހުން މިދިޔަ އަންގާރަ ދުވަހު ފާސްކޮށްފައިވާ އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބިލު ރައީސް އަބްދުﷲ ޔާމީނު މިއަދު ވަނީ ތަސްދީގު ކުރައްވާފަ އެވެ.
ފުލުހުންގެ ހުއްދަ ނަގައިގެން މާލޭގައި މުޒާހަރާތަކާއި ހިނގާލުމާއި އުޅަނދުބުރުތައް ބާއްވަން ޖެހޭ ގޮތަށް ދާދިފަހުން ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ.