12 Aug 2016, 10:09
ދުވަސްވީ ކާރަކަސް ރީތި ކާރެކެވެ. ނަމަވެސް އެއަށް އެއްވެސް އަޅާލުމެއް ބަހައްޓާހެނެއް ހިއެއްނުވެ އެވެ. ދޭހާ އަތްވާއި ވެހޭހާ ވާރޭގައި އެކާރު ބާވާފައިއޮތްއިރު ރައްކާތެރި ކުރަން މަތީގައި އަޅާލާފައި އޮތީ ބާ ސަތަރިގަނޑެކެވެ. އޭގެ މަތީގައި ބާ ފުރޮޅެކެވެ. އަދި ފައި ފުހިތަކެއް ވެސް ބަހައްޓާފައި ހުއްޓެވެ. އެއީ ލިލީމަގުގައި ހުންނަ މުލިއާގޭ ގަރާޖް ގައި ބާއްވާފައި އޮންނަ ކާރެކެވެ. އެނގޭ ހެއްޔެވެ. ވަރަށްވެސް ފަރުވާ ކުޑަކޮށް ބާއްވާފައި އޮތް އެކާރަކީ ދިވެހި ތާރީހުން ޖާގަ ހޯދާފައިވާ ކާރެކެވެ. ތާރީހު ދިރާސާ ކުރައްވާ އެތައް ފަރާތަކުން އެކަން ޔަގީންކޮށްދެއްވައެވެ.
އަޅާ ނުލުމުގެ ސަބަބުން ބާދަގަނޑަށް ކިރާ ހާލުގައި މިހާރު އޮތް އެ ކާރަކީ މީގެ 44 އަހަރު ކުރިން އިނގިރޭސި ރާނީ، މިހާރުގެ ރާނީ އެލިޒަބަތު ދެއެއް ރާއްޖެ ވަޑައިގަތްއިރު އެކަމަނާ ދަތުރު ކުރެއްވި ކާރުކޮޅެވެ. އެކާރު އޭރު ގެންގުޅުއްވީ އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރެވެ. އެއީ ދިވެހި ދައުލަތުގެ ނިޝާން ޖެހި ދައުލަތުގެ ކާރެކެވެ.
ރާނީ އެކާރުކޮޅުން ފައިބާވަޑައިގަންނަވަނީ--
އެކާރަށް އަޅާލުމެއް ނެތީ ކީއްވެ؟
އެކިދިމާދިމާލުން ދަބަރަށްވެފައިވާ އެ ކާރު އެހާލަތައް ގޮސްފައިވާއިރު އެއީ ގިނަ ބައެއްގެ ސަމާލުކަން އައިސްފައިވާ ކަމެއް ނޫނެވެ. ނަތީޖާއެއްގެ ގޮތުން އެ ހާލަތައް ދިޔައީއެވެ. ނަމަވެސް މިދިޔަ އަހަރު ތެރޭގައި ސަރުކާރުން ވަނީ އެކާރު ނީލަމުގައި ވިއްކާލުމުގެ މަސައްކަތް ކޮށްފަ އެވެ.
އެކަމާއި ގުޅޭގޮތުން ރައީސް އޮފީހުގެ އިސް އޮފިޝަލަކު ސަން އަށް ވިދާޅުވީ އެކާރު ނީލަމުގައި ވިއްކާލާފައިވާ ކަމަށެވެ. ނަމަވެސް ވިއްކި އަގެއް އަދި ވިއްކި ފަރާތެއް ހާމައެއް ނުކުރި އެވެ. އެކާރު ވިއްކާާފައިވާއިރު ނުގެންގޮސް އޮންނަނީ ކީއްވެތޯ ސުވާ ލުކުރުމުންވެސް އެކަށޭނަ ޖަވާބެއް ނުލިބުނެވެ.
"ސަރުކާރުގެ ބާމުދާ ނީލަން ކިޔަން އޮންނަ އުސޫލުން އެކަން ކުރިއަށް ދިޔައީ އެކަން ނިމިފައި ވަނީ، ދެން ވެރިފަރާތައް ނުގެންދެވިފައި ވެސް އޮވެދާނެތާ، ކޮންމެވެސް އެކަހަލަ ކަމެއް އޮތީ ކަމެއް ކަމަށްވެދާނެ،" އޮފިޝަލް ވިދާޅުވިއެވެ.

ދައުލަތުގެ އެފަދަ މުދާ ނީލަންކިޔާ އެމްޓީސީސީގެ އިސް ފަރާތްތަކަށް ގުޅައިގެން ވެސް އެނީލަމުގެ ކަންކަން ކުރިއަށްގޮސްފައިވާ ގޮތް ވަނީ ސާފް ވާގޮތްނުވެފައެވެ.
އެކާރު އޮންނަ މުލިއާގޭ ގަރާޖުގައި މަސައްކަތް ކުރައްވާ ފަރާތަކުން މައުލޫމާތު ދޭ ގޮތުގައި އެ ކާރު އެހެން އޮންނަތާ އަށް އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. އެއީ ކޮން ކާރެއް ކަމެއް އެމީހުންނަަކަށް ނޭނގެ އެވެ. މިކަމުން ވެސް އެއަށް މާބޮޑު އަހުމިއްޔަތު ކަމެއް ނުދެވޭކަން ހާމަވެއެވެ.
ދާރުލްއާސާރުން ޖާގަ ނުދީ ކީއްވެ؟
ކޮންމެ ގައުމެއްގެ ތާރީހުގައި ވެސް ފާހަގަކޮށްލެވޭ ކަންކަމާއި ތަކެއްޗަކީ އެމީހުންގެ ތެރޭގައި ލޯބި ލިބިގެންވާ އެއްޗިއްސެވެ. ނަމަވެސް އެ ދިދައަކަށް އިރު ނުއޮއްސޭނެއޭ ބުނި އިނގިރޭސީންގެ ރާނީ ރާއްޖެ އައިސް ބޭނުން ކުރެއްވި ކާރަށް ދިވެހިންގެ ތެރެއިން އެ ޖާގަ މި ވަނީ ނުދެވިއެވެ.
އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ހެރިޓޭޖް ޑިޕާޓްމަންޓުގެ އިސް ފަރާތަކުން ބުނީ އެފަދަތަކެތި ސަގާފީތަކެތީގެ ގޮތުގައި ރައްކާތެރި ކުރެވޭނީ ސަރުކާރުން ހަވާލު ކުރުމުން ކަމަށާއި މިހާތަނަށް އޭތި ސަރުކާރުން ހަވާލުކޮށްފައިނުވާ ކަމަށެވެ.
އެއީ ކޮންކަހަލަ ކާރެއް!
އެކާރަކީ އެމެރިކާގެ ބުރޭންޑެއް ކަމަށްވާ "ޝެވްރޮލޭ" ބުރޭންޑުގެ ކާރެކެވެ. އެއީ އެ ބުރޭންޑް ސީރީޒްގެ ފަސް ވަނަ ޖެނެރޭޝަންގެ ކާރެކެވެ. ހަތަރު ދޮރުފަތް ހުންނަ އެޝާހީ ކާރުގެ ކުލައަކީ ކުރީމް ކުލައެވެ. އެ ޒަމާނަށް ބަލާއިރު ރަނގަޅު އިންޖީނެއް އިން އެކާރުގެ އިންޖީނު ވެސް މިހާރު ވަނީ ދަބަރަށްވެފައެވެ.

ކާރު އުފެއްދި ކުންފުނި: އެމެރިކާގެ މެނުފެކްޗަރާ ޖެނެރަލް މޮޓޯސްގެ އޮޓޯމޮބައިލް ޑިވިޝަނެއް ކަމަށްވާ ކާރުގެ
މޮޑެލް އުފެއްދި އަހަރު: 1966 ވަނަ އަހަރު
މޮޑެލް އުފެއްދުން ހުއްޓާލުމާ ހަމައަށް ކާރުގެ 38000 ކާރު ވިކިފައިވޭ
ކާރު އުފެއްދި ގައުމު: އެމެރިކާ
އިންޖީނުގެ ވައްތަރު: ސްޕާކް އިގްނިޝަން 4 ސުޓްރޯކް، 250 ކިއުބިކް އިންޗި، ހަ ސިލިންޑަރު
ރިއާ ވީލް ޑްރައިވް، މެނުއަލް ތިން ސްޕީޑް ގިއާބޮކްސް
އިންޖީނަށް އަޅާ ތެލުގެ ވައްތަރު: ޕެޓްރޯލް
ހޯސްޕަވަރު: 11.5 ކިލޯވޮޓް
ޕެޓްރޯލް އެޅޭ މިންވަރު: 76 ލިޓަރު
ކާރުގެ ދިގުމުން: ގާތްގަނޑަކަށް 5415 މިލިމީޓަރު/ 213.2 އިންޗި
ކާރުގެ ފުޅާމިން: ގާތްގަނޑަކަށް 2022 މިލިމީޓަރު/ 79.6 އިންޗި
އެންމެ ބާރަށް ދުވާ މިންވަރު: ގަޑިއިރެއްގެ ތެރޭގައި 156 ކިލޯމީޓަރު
އިބްރާހިމް ނާސިރު ފަދަ ދިވެހި ރާއްޖެއަށް މިނިވަން ކަން ގެނެސްދިން އަދި އިނގިރޭސި ވިލާތުގެ ރާނީ ދަތުރުކުރެއްވި ކާރެއް މިހާލުގައި އޮވެގެންވާނެ ކަމަށް ގަބޫލެއް ނުކުރެވެއެވެ. މިފަދަ ތަކެއްޗަށް ހިމާޔަތް ދޭންޖެހެ އެވެ.