ކޮންމެ އަހަރެއްގެ ވެސް އޯގަސްޓު 15 ވަނަ ދުވަހު ފާހަގަ ކުރާ އިންޑިއާގެ މިނިވަން ދުވަހާ ގުޅުވައިގެން، އިންޑިއާގެ ލަކްނައުގައި، އަކްޝޭ ކުމާރުގެ "ރަސްތަމް" ބަލަން ބޭނުންވާ ފަރާތްތަކަށް ހިލޭ ފިލްމު ބެލޭނެ ގޮތް ހެދުމަށް ނިންމައިފި އެވެ.

ލަކްނައު ޑިސްޓްރިކްޓުގެ އެޑްމިނިސްޓްރޭޝަނުން ވަނީ އެ ސިޓީގެ ހުރިހާ ސިނަމާތަކެއްގައި މިނިވަން ދުވަހު "ރަސްތަމް" ހިލޭ އެޅުވުމަށް ނިންމައިފަ އެވެ.

އެއީ ރައްޔިތުންގެ ހިތްތަކުގައި ގައުމީ ލޯބި އުފެއްދުމުގެ މަގުސަދުގައި ނިންމި ނިންމުމެއް ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ.

އެގޮތުން މިހާތަނަށް އެ ސިޓީގެ އަށް ސިނަމާއަކުން 1704 ސީޓު ވަނީ ބުކް ކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްފައިވާ 10 ޕަސެންޓު ސީޓާއި، އުމުރުން ދުވަސްވީ ފަރާތްތަކަށް ހާއްސަކޮށްފައިވާ 33 ޕަސެންޓު ސީޓާއި ކިޔަވާ ކުދިންނަށް ހާއްސަކޮށްފައިވާ 33 ޕަސެންޓު ސީޓެވެ.

ޓިކެޓު ދޫކުރަމަށް ހަމަޖެހިފައި ވަނީ ކިޔޫ ތަރުތީބުންނެވެ. އަދި ޓިކެޓު ހޯދުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާނެ އެވެ.

އަކްޝޭ ކުމާރު ލީޑު ރޯލުން ފެނިގެންދާ "ރަސްތަމް" ރިލީޒް ކުރުމަށް ހަމެޖެހިފައި ވަނީ މާދަމާ އެވެ.