ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ތިން ޕަސެންޓް ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރު ފަރާތުން ހުށަހެޅި އިސްލާހު އިޖުތިމާއީ ކޮމެޓީން ފާސްކޮށްފި އެވެ.

އެ އިސްލާހު ކޮމެޓީން ފާސްކުރީ ވޯޓުގައި ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އަގުލަބިއްޔަތުން ނެވެ.

ބިދޭސީންގެ އަތުން ނެގުމަށް އެ ބިލުގައި ބުނެފައިވާ ޓެކްސްގެ ނަމަކީ "ރެމިޓެންސް ޓެކްސް" އެވެ. ސަރުކާރުގެ ފަރާތުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަހުމަދު މަނިކު މަޖިލީހަށް ހުށަހެޅި އިސްލާހުގައި ކުރިން ބުނެފައި ވަނީ އެ ޓެކްސް ނަގަން ފަށާނީ ޖޫން މަހުން ފެށިގެން ކަމަށެވެ. ނަމަވެސް ކޮމެޓީން މިހާރު ވަނީ އެ ޓެކްސް ނެގުން އޮކްޓޫބަރު މަހަށް ބަދަލުކޮށްފަ އެވެ.

އިސްލާހުގައި ބުނެފައި ވަނީ ރެމިޓެންސް ޓެކްސް މީރާއަށް ދައްކަން ޖެހޭނީ ރާއްޖެއިން ބޭރަށް ފައިސާ ފޮނުވައި ދިނުމުގެ ހިދުތަމް ދޭ ބޭންކުތަކާއި އެެހެނިހެން ފަރާތްތަކުންނެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ގުޅޭގޮތުން އަމީތު މަޖިލީހުގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: މަޖިލިސް

ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާ މީހުންގެ ތެރެއިން ޓެކްސް ދައްކަން ލާޒިމް ވަނީ ވޯކް ވިސާ ލިބިފައިވާ ބިދޭސީންނާއި ވިސާއެއް ލިބިފައި ނެތް ކަމުގައިވިޔަސް، ވިސާގެ މުއްދަތު ހަމަވެފައިވީ ކަމުގައި ވިޔަސް ވޯކް ވިސާ ލިބިގެން މެނުވީ ރާއްޖޭގައި ވަޒީފާ އަދާކުރުން މަނާ ބިދޭސީންނަށެވެ.

ރެމިޓެންސް ޓެކުހަށް ރަޖިސްޓްރީކޮށްފައިވާ ފަރާތަކުން ކޮންމެ މަހަކު މީރާއަށް ދައްކަންޖެހޭ މިންވަރު ހިސާބު ކުރުމަށްފަހު، އެކުލަވައިލާ ބަޔާނެއް ޖެހިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މީރާއަށް ހުށަހަޅައި، ޓެކުހުގެ ފައިސާ އެ މުއްދަތުގައި ދައްކައި ހަލާސް ކުރަން ޖެހޭނެ ކަަމަށް އިސްލާހުގައިވެ އެވެ. އެ ޓެކްސް ދައްކަން ޖެހޭނީ ދިވެހި ރުފިޔާއިންނެވެ.

އެ ޓެކްސް ދެއްކުމުން ބަރީއަވާން އެއްވެސް މަސައްކަތްކޮށްފިނަަމަ ނުވަތަ އެފަދަ ކަމަަކަށް އެހީތެރިވެއްޖެނަމަ ބޭރަށް ފޮނުވި ފައިސާއާ އެއްވަރުގެ އަދަދަކުން އެ ފަރާތް ޖޫރިމަނާވާނެ ކަމަށް ބިލުގައިވެ އެވެ.

އެކަން ކުރީ ވިޔަފާރިއަކުން ކަމުގައިވާނަމަ ޖޫރިމަނާ ކުރުމުގެ އިތުރުން އެފަރާތަކަށް ދޫކޮށްފައިވާ ވިޔަފާރި ކުރުމުގެ ހުއްދަ ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ އިހުތިޔާރު ކަމާބެހޭ އިދާރާތްތަކަށް ލިބިގެންވާ ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.