11 Aug 2016, 22:54
ސްރީ ލަންކާގައި ހުންނަ މޯލްޑިވިއަން އެޑިއުކޭޝަން އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ) ނުވަތަ ސޯސަންވިލާ އަށް ކުޅިވަރު ކުޅުމަށްދާ ޒުވާނުން އިތުރުވެ، އެތަނުގައި އިތުރު ފުޓްސަލް ދަނޑެއް އަޅަން ބަޔަކާ ހަވާލުކޮށްފި އެވެ.
ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ ތާޑް ސެކްރެޓަރީ އަދި ސޯސަންވިލާ ހިންގެވުމާ ހަވާލު ހުންނެވި އަބްދުއްރަޝީދު މިރޭ "ސަން"އަށް ވިދާޅުވީ، ދައުލަތުގެ ބަޖެޓުން 1.9 މިލިއަން ދިވެހި ރުފިޔާ ހަރަދުކޮށްގެން އެތަނުގައި ފުޓްސަލް ދަނޑެއް އަޅަން ލަންކާގެ ކުންފުންޏަކާ ހަވާލުކުރީ މިއަދު ކަމަށެވެ.
ފުޓްސަލް ދަނޑު އެޅުމަށް ހަވާލުކޮށްފައި ވަނީ، މެކްރޯ ސޮލިއުޝަން ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. އެ ކުންފުންޏާ ޕްރޮޖެކްޓު ހަވާލުކުރުމުގެ ގޮތުން ދިވެހި ހައިކޮމިޝަނުގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖެއިން ސްރީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޒާހިޔާ ޒަރީރެވެ.
ފުޓްސަލް ދަނޑުގެ މަސައްކަތް ހަވާލުކުރީ ތިން މަސް ދުވަހުގެ ތެރޭގައި ނިންމާ ހަވާލު ކުރާ ގޮތަށެވެ.
ސޯސަންވިލާގައި މިހާރު ގާއިމްކޮށްފައިވާ ފުޓްސަލް ދަނޑަކީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ހުޅުވި، ސަރުކާރުގެ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން 1.2 މިލިއަން ދިވެހި ރުފިޔާ ހަރަދު ކޮށްގެން ގާއިމްކޮށްފައިވާ ތަނެކެވެ.
އަބްދުއްރަޝީދު ވިދާޅުވި ގޮތުގައި، ސޯސަންވިލާގައި އިތުރު ފުޓްސަލް ދަނޑެއް އަޅައިދޭން ޔޫތް މިނިސްޓްރީން ނިންމެވީ އެންމެ ފުޓްސަލް ދަނޑެއް އޮތުމުން އެތަނުގައި ފަރިތަކުރަން ބޭނުންވާ ޓީމްތަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާތީވެ، އެކަން މިނިސްޓްރީގައި އެދިވަޑައިގަތުމުން ކަމަށެވެ.
ލަންކާގައި ގާތްގަނޑަކަށް 13،000 ދިވެހިން ދިރިއުޅެމުންދާއިރު، ސޯސަންވިލާއިން ހިދުމަތް ހޯދާ 2000 މީހުން ރަޖިސްޓްރީ ކޮށްފައިވެ އެވެ. އަދި އެތަނުގައި 15 ފުޓްސަލް ޓީމާއި ފަސް ހޭޑްބޯލް ޓީމު ކޮންމެ ދުވަހަކު ވެސް ފަރިތަކުރަމުންދާއިރު، ފުޓްސަލް ދަނޑުގައި ކުޑަކުދިންނަށް ވައިޑީޕީ ޕްރޮގްރާމެއް ވެސް ދަނީ ހިންގަމުންނެވެ.
މިއަދުގެ ރަސްމިއްޔާތުގައި، ސޯސަންވިލާގައި މިއުޒިކާއި ބޮޑުބެރު ފަރިތަކުރުންތައް ކުރުމަށް ސައުންޑް ޕުރޫފް ކޮޓަރިއެއް ވެސް އަޅަން ވަނީ މެކްރޯ ސޮލިއުޝަނާ ހަވާލުކޮށްފަ އެވެ. ސަރުކާރުގެ ބަޖެޓުން 15،4000 ދިވެހި ރުފިޔާ ހަރަދުކޮށްގެން ސައުންޑް ޕުރޫފް ރޫމެއް ހަދަން ހަވާލުކުރީ އެއް މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
އަބްދުއްރަޝީދު ވިދާޅުވީ، ރާއްޖޭން ބޭރުގައި ނަމަވެސް، ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ސަރުކާރުން އަބަދުވެސް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ބަލައިގަނެ، އެ ސެންޓަރުގެ ފަރާތުންނާއި ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ފަރާތުން ޝުކުރުއަދާ ކުރާ ކަމަށެވެ.