11 Aug 2016, 22:18
ޖިންސީ ތަފާތު ކުރުންތައް ނައްތާލުމުގެ ގޮތުން "ޖެންޑާ އީކުއަލިޓީ" ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު އިޖުތިމާއީ ކޮމެޓީން ފާސްކޮށްފި އެވެ.
މިއަދު އޮތް އިޖުތިމާއީ ކޮމެޓީގެ ބައްދަލުވުމުގައި މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު ހުށަހެޅުއްވި އެ ބިލު ފާސްކުރީ ހަ މެމްބަރުންގެ ވޯޓުން ނެވެ.
ބިލުގައި ބުނެފައި ވަނީ އަސާސީ ހައްގުތަކާއި މިނިވަންކަން ލިބުމުގައި އެމީހެއްގެ ޖިންސަށް ނުވަތަ އެނޫން ވެސް ކަންކަމަށް ބަލައި ތަފާތުކޮށްގެން ނުވާނެ ކަމަށް ގާނޫނު އަސާސީގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ގާނޫނުން ލިބިދޭ ރައްކާތެރިކަމާއި ގާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާ އެކު ލިބުމަކީ ހަމަ ކޮންމެ މީހެއްގެ ވެސް ހައްގެއް ކަމަށް ގާނޫނު އަސާސީގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ.
ޖިންސީ ތަފާތު ކުރުންތައް ނައްތާލުމުގެ ބިލުގެ މަގްސަދަކީ ގާނޫނު އަސާސީ އާއި ގާނޫނުތަކުން ލިބިދޭ އަސާސީ ހައްގުތަކާއި މިނިވަންކަން ވަކި ޖިންސަކަށް ނުވަތަ ޖެންޑާއަކަށް ބަލައި ތަފާތު ކުރުމެއް ނެތި ހަމަ ކޮންމެ މީހަކަށް ވެސް ފުރިހަމައަށް ލިބިގެންވާކަން ކަށަވަރުކޮށްދިނުން ކަމަށެވެ.
ބިލުގައި ބުނެފައި ވަނީ އެ ބިލު މާނަކުރަން ވާނީ ގާނޫނު އަސާސީއާ އިސްލާމްދީނުގެ އަސްލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށެވެ. އަދި ޖިންސު ގާއިމު ކުރުމަކީ އިސްލާމްދީނުގެ އަސްލެއް ކަމަށް ބަލައިގެން ބިލު މާނަ ކުރަން ޖެހޭނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.
ބިލު ހުށަހެޅުއްވި މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު -- ސަން ފޮޓޯ/ފަޔާޒު މޫސާ
އަސްމާ ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ ވަކި ޖިންސަކަށް ބެލުމަށް ފަހު އެއްވެސް މީހަކާ މެދު ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިއަސް ތަފާތު ކުރުމަކީ މަނާ ކަމެއް ކަމަށެވެ.
ބިލުގައި ބުނެފައި ވަނީ ވަކި ޖިންސެއްގެ މީހުންނަށް ވަކި ބާވަތްތަކެއްގެ މަސައްކަތެއް ހާއްސަ ކުރުމުގެ ނަތީޖާއެއްގެ ގޮތުން، ވަކި ޖިންސެއްގެ މީހުންނަށް ފުރުސަތު ނުލިބޭ ގޮތަށް އުފެދިފައިވާ ހަމަހަމަކަން ގެއްލިފައިވާ ނިޒާމެއްގެ ސަބަބުން ކުރިމަތިވާ ނިޒާމީ ތަފާތު ކުރުން ބެލެވޭނީ "ޖެންޑާ" އަށް ބަލައި ތަފާތު ކުރުން ކަމަށެވެ.
ސާޅީސް ހަ މާއްދާގެ މައްޗަށް އެކުލަވާލައިފައިވާ ބިލުގައި ބުނެފައި ވަނީ ވަޒީފާ ދިނުމުގަ އާއި ވަޒީފާގެ ކުރިއެރުން ދިނުމުގައި އަންހެނުންނަށާއި ފިރިހެނުންނަށް ހަމަހަމަ ފުރުސަތު ދޭންޖެހޭނެ ކަމަށެވެ. އަދި އެއްތަނެއްގައި ވަޒީފާ އަދާ ކުރުމުގައި އަންހެނަކާއި ފިރިހެނެއް ކުރާ މަސައްކަތަކީ މަސައްކަތުގެ އަގަށާއި ކުރާ މަސައްކަތަށް ބަލާއިރު އެކަށީގެންވާ މިންވަރަކަށް އެއްގޮތް މަސައްކަތެއްނަމަ މުސާރަ އާއި އިތުރު ގަޑީގެ ފައިސާ އާއި އިނާޔަތާއި އެލަވަންސް ދިނުމުގައި ދެ ފަރާތުގެ މެދުގައި ހަމަހަމަ އުސޫލުން އަމަލު ކުރަންޖެހޭނެ ކަަމަށެވެ.
މީޑިއާގައި ހިދުމަތްދޭ ފަރާތްތަކުންނާއި މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކުން އަންހެނުންނާއި ފިރިހެނުންގެ މެދުގައި ހަމަހަމަކަން ބޭއްވުގެ އަސާސް ކުރިއަރުވަން ވާނެ ކަމަށްވެސް އެ ބިލްގައިވެ އެވެ. އަދި ސިޔާސީ މައިދާނުގައި ހުރިހާ ފަންތިއެއްގެ ފިރިހެނުންނާއި އެއްހަމަ ފުރުސަތުތަކެއް އަންހެނުންނަށް މަގުފަހި ކޮށްދިނުމަކީ ދައުލަތާއި ސިޔާސީ ޕާޓީތަކުގެ ޒިންމާއެއް ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.
ބިލުގައި ބުނެފައި ވަނީ ޖިންސީ ތަފާތު ކުރުމެއް، ވަޒީފާދޭ ފަރާތަކުން ގެންގުޅެފިނަމަ އެ ހިލާފުވި ހިލާފުވުން އިސްލާހުކުރުމަށް އެދި ތަފާތުކުރުން ރައްދުވި މީހާ ވަޒީފާ ދޭ ފަރާތަށް ލިޔުމުން ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ. އަދި ޝަކުވާ ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި އެ ގެންނަން ކަނޑައަޅާފައިވާ އިސްލާހުތައް ގެނެސް ތަފާތު ކުރުން ރައްދުވި ފަރާތަށް ވަޒީފާދޭ ފަރާތުން ލިޔުމެއް ހުށަހަޅަންވާނެ އެވެ.
ވަޒީފާދޭ ފަރާތުން ތަފާތުކުރުން ގެންގުޅުނު ފަރާތަށް ދިން ލިޔުމުގައި ބުނެފައިވާ އިސްލާހުތައް 60 ދުވަހުގެ ތެރޭގައި ގެނެސްފައިނުވާ ނަމަ ވަޒީފާދީފައިވާ ފަރާތާއި މެދު ދައުވާ ކުރުމުގެ ހައްގު ޝަކުވާ ހުށަހެޅި ފަރާތަށް ލިބިގެންވެ އެވެ.
އެގޮތުން ދައުވާކުރާއިރު ބަދަލު ހޯދައި ދިނުމަށް ކޯޓުގައި އެދެވިދާނެ އެވެ. އަދި ޖިންސީ ތަފާތު ކުރުމެއް ގެންގުޅުނު ފަރާތަކީ ދައުލަތުގެ އިދާރާއެއް ނަމަ ނުވަތަ އާންމުންނާ ގުޅުންހުރި މަސްއޫލިއްޔަތު އަދާކުރާ ފަރާތެއް ނަމަ އެފަރާތެއްގެ އަމަލު މުރާޖާކޮށްދިނުމަށް ވެސް ކޯޓުގައި ދައުވާ ކުރާ ފަރާތަށް އެދެވިދާނެ އެވެ. އަދި ކޯޓުން ނިންމާ ނިންމުމަކާއި މެދު ހިތްހަމަ ނުޖެހޭ ނަމަ އެ ނިންމުމެއް ގާނޫނު އަސާސީގެ 56ވަނަ މާއްދާގެ ދަށުން އިސްތިއުނާފު ކުރުމުގެ އިހްތިޔާރު ލިބިގެންވެ އެވެ.