11 Aug 2016, 20:27
އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފު މަންޒަރުތައް މީޑިއާނެޓުގެ ނެޓުވޯކުގައި ހިމެނޭ ބައެއް ޗެނަލުތަކުން ދައްކަމުންދާތީ އެފަދަ މަންޒަރުތައް ނުދެއްކުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މީޑިއާނެޓަށް އަންގައިފި އެވެ.
އެ ކޮމިޝަނުން މިއަދު މީޑިއާނެޓަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ މީޑިއާނެޓްގެ ހިދުމަތުގައި ހިމެނޭ ބައެއް ޗެނެލްތަކުން ދައްކާ އާންމު އިޖްތިމާއީ މިންގަނޑުތަކާއި ހިލާފު ކޮންޓެންޓް ރީބްރޯޑްކާސްޓިންގެ ގަވާއިދާ އެއްގޮތަށް ސެންސަރުކުރުމަށް އިތުރަށް ސަމާލުކަން ދިނުމަށް އަންގާ ކަމަށެވެ.
"މީޑިއާނެޓްގެ ނެޓްވާކުގައި ހިމެނޭ ބައެއް ޗެނަލްތަކުން އާންމު އިޖްތިމާއީ މިންގަނޑުތަކާއި ޚިލާފަށް ނިވާކަން ކުޑަ ހެދުން އަޅައިގެން އުޅޭ މަންޒަރުތައް ދައްކާ ކަމަށް ބުނެ ކޮމިޝަނަށް ޝަކުވާ ލިބެމުންދާތީ ދަންނަވަމެވެ." ސިޓީގައި ބުނެފައިވެ އެވެ.
ބްރޯޑްކޮމުން ބުނީ ޗެނަލްތައް ބްރޯޑްކާސްޓު ކުރުމުގައި އިތުރަށް ސަމާލުވެ، އެފަދަ މަންޒަރުތައް ނުފެންނާނެ އިންތިޒާމުތައް ހަމަޖައްސައި ގަވާއިދާ އެއްގޮތަށް އެ ހިދުމަތް ކުރިއަށް ގެންދިއުމަށް މީޑިއާނެޓަށް އަންގާފައިވާނެ ކަމަށެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން މީޑިއާ ނެޓަށް އެފަދަ އެންގުމެއް އަންގާފައި ވަނީ އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރައްވާފައިވަނިކޮށެވެ.
ރައީސް ޔާމީން މިއަދު ތަސްދީގު ކުރެއްވި ހިޔާލުފާޅު ކުރުން ހަނިކުރާ ބިލުގައި ބުނެފައި ވަނީ އާންމު ނިޒާމާ ހިލާފު ހިޔާފުޅުކުރުމަކީ މަނާކަމެއް ކަމަށެވެ.
އެ ގާނޫނުގެ 11 ވަނަ މާއްދާގައި ބުނެފައި ވަނީ އާންމު ނިޒާމާ ހިލާފު ހިޔާލުފާޅު ކުރުމަކީ މުޖުތަމައުގައި އާންމު އުސޫލެއްގެ ގޮތުން އަމަލު ކުރެވެމުންދާ ނުވަތަ މީހުން ތަބާވަމުންދާ އާންމު އަހުލާގީ ސުލޫކީ މިންގަނޑުތަކަށް ނުވަތަ ހަމަތަކަށް އަދި އާންމުތަންތާނގައި އާންމުކޮށް މީހުން އެއްވެ އުޅޭ ތަންތަނުގައި މީހުން އަމަލު ކުރަމުންދާނެ ނުވަތަ ތަބާވަމުންދާނެ އާންމު އަހުލާގީ ސުލޫކީ މިންގަނޑުތަކާއި ރައްޔިތުންނަށްޓަކައި މަސްއޫލިއްޔަތު އުފުލުމުގެ ވާޖީބު އަދާ ކުރާ ފަރާތްތަކުންނާއި މީޑިއާގެ ވަސީލަތްތަކުން އަމަލު ކުރެވެމުންދާނެ ނުވަތަ ތަބާވަމުންދާނެ އާންމު އަހުލާގީ ސުލޫކީ މިންގަނޑުތަކާއި ހިލާފަށް ހިޔާލުފާޅު ކުރުމެވެ.