ތެހެރާން : ނިއުކްލިޔަރ ހަތިޔާރު ހެދުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް އީރާނުން ބުނެފިއެވެ. އިންޓަރނޭޝަނަލް އެޓަމިކް އެނަރޖީ އެޖެންސީ (އައި.އޭ.އީ.އޭ.) އަށް ކަނޑައަޅާފައިވާ މަންދޫބު ޢަލީ އަސްޣަރު ސުލްތާނިޔާ ވިދާޅުވީ އީރާނުގެ ބޭނުމަކީ ނިއުކްލިޔަރ ޤާބިލްކަން ފުރިހަމައަށް ހުރެފައި ނިއުކްލިޔަރ ހަތިޔާރު ނުއުފެއްދައި މަދަނީ ކަންކަމުގައި ނިއުކްލިޔަރ ހަކަތައިގެ ބޭނުންކުރުމެވެ.

ނިއުކްލިޔަރ ހަތިޔާރު އުފެއްދުމަކީ ހެދޭ ސްޓްރެޓީޖިކް ގޯހަކަށްވާނެ ކަމަށް އީރާން ދެކޭ ކަމަށް ސުލްތާނިޔާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ނިއުކްލިޔަރ ޤާބިލްކަން ފުރިހަމައަށް ހުރެފައި މަދަނީ ކަންކަމުގައި ނިއުކްލިޔަރ ހަކަތައިގެ ބޭނުން އަމިއްލަ ޓެކްނޮލޮޖީގައި ކުރުމުގެ ކެރިފޯރުން ހުރުމުން ނިއުކްލިޔަރ ހަތިޔާރު އުފައްދާފައިވާ ބޮޑެތި ޤައުމުތަކެކޭ އެއްފެންވަރަށް އީރާން ބާރުގަދަ ވެގެންދާނެ ކަމުގައެވެ.

އޭރުން އީރާނާ ކުޅެން އެއްވެސް ޤައުމަކަށް ނުކެރޭނެ ކަމަށާއި މިޙާލަތަށް ދިޔުމުން އީރާނަށް އީޙްތިރާމްކޮށް ހަމަގޮތެއްގައި އީރާނާ މުޢާމަލާތްކުރަން އެެމެރިކާފަދަ ޤައުމުތަކަށް މަޖްބޫރުވެގެންދާނެ ކަމަށްވެސް ސުލްތާނިޔާ ވިދާޅުވިއެވެ.
އީރާނަކީ އެއްވެސް ޤައުމެއްގެ ނުފޫޒުގެ ދަށުގައިނުވެ އަމިއްލަ މަސްލަޙަތާއި އިސްލާމީ މަސްލަޙަތު ރައްކާތެރި ކުރުމުގެ މިނިވަން މުސްތަޤިއްލު ސިޔާސަތެއް ގެންގުޅޭ ޤައުމެއްކަމަށާއި އެމެރިކާފަދަ ޤައުމުތަކުން ރުޅިއަންނަނީ ނިއުކްލިޔަރ ޓެކްނޮލޮޖީގައިވެސް އަމިއްލަ ފައިމައްޗަށް ތެދުވަން އީރާން މަސައްކަތްކުރާތީ ކަމަށް ސުލްތާނިޔާ ވިދާޅުވިއެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން ނިއުކްލިޔަރ ހަތިޔާރާނުލައިވެސް ނިއުކްލިޔަރ ބާރުގަދަ ޤައުމަކަށް އީރާނަށްވެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނިއުކްލިޔަރ ދެބޮން އުފެއްދޭ މިންވަރަށް އީރާނުން ޔޫރޭނިޔަމް ފައްކާކޮށްފައިވާ ކަމަށާއި ބޭނުންވެއްޖެ ޙާލަތެއްގައި މަދުވެގެން ނިއުކްލިޔަރ ދެބޮން އީރާނަށް އުފެއްދިދާނެ ކަމަށް ހުޅަނގުގެ ޖާސޫސީ ރިޕޯޓްތައް ބުނެއެވެ.

ސްޓްރެޓީޖިކް ދިރާސާތަކާބެހޭ ބައިނަލްއަޤްވާމީ އިންސްޓިޓިއުޓްގެ ރީސާޗަރެއް ކަމަށްވާ މާރކް ފިޓްސްޕެކް ވިދާޅުވާގޮތުން އީރާންގެ މަޤްސަދަކީ ނިއުކްލިޔަރ ހަތިޔާރު އުފެއްދޭމިންވަރަށް ޔޫރޭނިޔަމް ފައްކާކުރުމާއި ނިއުކްލިޔަރ ބޮންހެދުމަށްބޭނުންވާ އެނޫންތަކެތިވެސް ތައްޔާރުކޮށްފައި ބެހެއްޓުން ކަމަށް ދިރާސާތަކުން ހާމަވެއެވެ.

މިއީ ބޭނުންވެއްޖެނަމަ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ނިއުކްލިޔަ ބޮމެއް ރާވާލެވޭފަދަ ޙާލަތެއް ކަމަށް އޭނާ ވިދާޅުވިއެވެ. މަދަނީ ބޭނުންތަކަށް ބޭނުންވާ ނިއުކްލިޔަރ ޤާބިލްކަން ފުރިހަމައަށް ހޯދާފައިވާ ޤައުމަކަށް، ބޭނުންވެއްޖެ ހިނދެއްގައި ނިއުކްލިޔަރ ހަތިޔާރު އުފެއްދުމަކީ މާބޮޑުކަމެއް ނޫންކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ. (ނޫސްއެޖެންސީތައް)