ސަރުކާރުގެ އެންމެ މުހިންމު އަމާޒަކީ ގާނޫނުއަސާސީގެ ދަށުން ހަދާފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި އިހްތިރާމު ކުރާ އަބުރުވެރި ދިރިއުޅުމެއް އުޅޭނެ ބައެއްގެ ގޮތުގައި ދިވެހިންވުން ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރެއްވުމާ ގުޅިގެން މިނިސްޓަރު އަޒްލީން ނެރުއްވެވި ބަޔާނެއްގައި ވިދާޅުވީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެެރިކަމާއި ނުތަނަވަސްކަން އުފެދޭފަދަ ކަންކަން ކުރުމަކީ ކަނޑައެޅިގެން ގާނޫނުއަސާސީ އާއި ގާނޫނުތައް ތަންދޭ ކަންތައްތަކެއް ނޫން ކަމަށެވެ.

ރާއްޖޭގެ ސުލްހަމަސަލަސްކަން ނަގާލަން އެއްވެސް ކަމެއް އެއްވެސް ބަޔަކު ކުރާނަމަ އެކަންކަންކަން ވަގުތުން ހުއްޓުވުމަށް އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅުއްވާނެ ކަމަށް ހޯމް މިނިސްޓަރުގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

"އެހެންކަމުން އެއްވެސް ބަޔަކު ގައުމު ހަލަބޮލިކޮށް ރައްޔިތުންގެ އަބުރާއި ކަރަމާތަށް އަރައިގަނެ ގައުމުގެ އާންމު މަސްލަހަތަށް ސުލްހަމަސަލަސްކަމާއި އަމަންއަމާންކަން ނަގާލައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދޭފަދަ އެއްވެސް ކަމެއް ނުކުރުމަށް އިލްތިމާސްކުރަމެވެ،" ހޯމް މިނިސްޓަރު ނެރުއްވި ބަޔާނުގައިވެ އެވެ.

އޭނާ ވިދާޅުވީ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ރާއްޖެއަކީ އަމާން ވެއްޓެއް ގާއިމުވެފައިވާ ތަނަކަށް ހެދުމަށް ކަމަށެވެ. އަދި އެ މަސައްކަތަށް ރައްޔިތުން އެއްބާރުލުން ދެމުންދާ ކަަމަށާއި އެކަމަށްޓަކައި ޝުކުރު އަދާ ކުރައްވާ ކަމަށް އަޒްލީންގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

"ސުލްހަމަސަލަސްކަމާއި އަމާންކަން ގާއިމު ކުރުމަށް ކުރެވޭ މަސައްކަތްތަކާއި ކުށްކުރުން މަދުކުރުމާއި އާމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް މުދަލާއި ފައިސާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހި ފުލުހުން ކުރައްވަމުން ގެންދަވާ އެންމެހާއި މަސައްކަތްޕުޅުތަކަށް ޝުކުރު ދަަންނަވައި އެ ބޭފުޅުންގެ މަސައްކަތްޕުޅުގައި ސަރުކާރުގެ ފަރާތުން ދޭންޖެހޭ ކޮންމެ އެއްބާރުލުމަކާއި އެހީތެރިކަމެއް ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އެ ފަރާތަށް އަރުވަމެވެ،" އަބުރު ރައްކާތެރިކޮށްދިނުމުގެ ބިލު ރައީސް ތަސްދީގު ކުރެއްވުމާ ގުޅިގެން އަޒްލީން ނެރުއްވި ބަޔާނުގައިވެ އެވެ.

އޭނާ ވިދާޅުވީ އާންމުންނަށް ދިމާވާ އުނދަގޫތަކުން އެ މީހުން ރައްކާތެރިކޮށްދިނުމަށް ފުލުހުން ކުރަމުންދާ މަަސައްކަތަށް އެންމެ ފުޅާ ދާއިރާއެއްގައި އެހީތެރިކަން ފޯރުކޯށްދޭނެ ކަމަށެވެ.