11 Aug 2016, 17:52
ސިޔާސީ އެކި ފޯރަމުތަކުގައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމަށް ދެރަކޮށް ބައެއް ބަސްތައް ބުނެވިފައިވާތީ ތިމަރަފުށި ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު މުހައްމަދު މުސްތަފާ ރައީސް މައުމޫންގެ އަރިހުން މައާފަށް އެދިވަޑައިގެންފި އެވެ.
ރައީސް މައުމޫންގެ އަރިހުން މުސްތަފާ މައާފަށް އެދިވަޑައިގަތީ މިއަދު އޭނާ ކުރެއްވި ޓުވީޓެއްގަ އެވެ. އޭނާގެ ޓުވީޓަށް ރައީސް މައުމޫނު ވަނީ ޖަވާބު ވެސް ދެއްވާފަ އެވެ. މުސްތަފާގެ ޓުވީޓަށް ޖަވާބު ދެއްވަމުން ރައީސް މައުމޫނު ވިދާޅުވީ އެމަނިކުފާނުގެ ހިތް މުސްތަފާއަށް ސާފު ކަމަށެވެ.
@maumoonagayoom, Siyaasee eki forum thakuga manikufaanu ah dherakoh baeh basthah Alhugandah bunvifavaathee, nihaayathah#Maafahedhemueve.
— Mohamed Musthafa (@Thimarafushi)August 11, 2016
މުސްތަފާ މިއަދު "ސަން"އަށް ވިދާޅުވީ ސިޔާސީ އެކި ޕޯޑިއަމްތަކާ ފޯރަމުތަކުގައި ރައީސް މައުމޫނަށް ވަރަށް ދެރަ ބަސް ވިދާޅުވެވިފައި ހުންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ ރައީސް މައުމޫނުގެ އަރިހުން މައާފަށް އެދިވަޑައިގަތުމަށް މިއަދަކީ "އެންމެ މުނާސަބަތު" ދުވަސް ކަމަށެވެ.
Varah bodah shukriyya@Thimarafushialhugan'duge hiy saafu.
— Maumoon Abdul Gayoom (@maumoonagayoom)August 11, 2016
"އަޅުގަނޑުމެން ގާތު އެކި މީސްމީހުން ރައީސް މައުމޫން ކިޔުއްވައިގެން ދައްކާފައި ހުރި އެކި ކަހަލަ ވާހަކަތަކާ ރައީސް މައުމޫނުގެ އަމަލުތަކާ ވަރަށް ތަފާތު. އަޅުގަނޑަށް ވީ ހައިރާން ކުރުވަނިވި ކަމަކަށް،" މުސްތަފާ ވިދާޅުވި އެވެ.
މުސްތަފާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިގެންދާ އެކި ބިލުތަކާ ރައީސް މައުމޫނު ދެކިލައްވާ ގޮތް ވައިބާ ގުރޫޕުގައި އެމަނިކުފާނު ހިއްސާ ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންނަށް ގެއްލުންވާ ކަމަކަށް އެމަނިކުފާނު ފާޅުގައި ދެކޮޅު ހައްދަވާ ކަމަށެވެ.
"ދަންނަވަންތޯ ރައީސް މައުމޫނު ޕީޕީއެމްގެ ވައިބާ ގުރޫޕު ތެރޭގައި ހާދަ ރަނގަޅު ވާހަކަ ދައްކަވާފައި އެބަހުއްޓޭ. މަޖިލީހަށް ހުށަހަޅާފައި ހުރި އެކި ބިލުތަކަކީ ރައްޔިތުންނަށް ގެއްލުންވާ ބިލެއް ކަމަށްވާ ނަމަ އެ ކަންކަމުގައި ހަމަ ސީދާ ދެކޮޅު ހައްދަވާފައި އެބަހުރި. އޭގެ އަނެއް ކޮޅުވެސް އެބަހުރި. ރައްޔިތުންނަށް ފައިދާވާ ބިލަކަށް ވަންޏާ އެކަމަށް ތައުރީފުކޮށް އެމަނިކުފާނުގެ އެކްސްޕީރިއަންސާއި އެކު މެމްބަރުންނަށް ނަސޭހަތްތެރިވެވަޑައިގެންފައި އެބަހުންނެވި،" މުސްތަފާ ވިދާޅުވި އެވެ.
މުސްތަފާ ވިދާޅުވީ ހަގީގަތް ކުރިމަތީގައި ހާމަވާން އޮންނައިރު އެކަމަށް އިންކާރު ކުރެއްވުމަކީ "ޖާހިލުންގެ ގައިގައި ހުންނަ ސިފައެއް" ކަމަށެވެ.
ރައީސް މައުމޫނުގެ އަރިހުން މުސްތަފާ މައާފަށް އެދިވަޑައިގެންފައިވާއިރު މަޖިލީހުން މިދިޔަ އަންގާރަ ދުވަހު ފާސްކުރި އަބުރު ރައްކާތެރިކޮށްދިނުމާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލު ރައީސް އަބްދުﷲ ޔާމީނު މިއަދު ވަނީ ތަސްދީގު ކުރައްވާފަ އެވެ.
އެ ބިލާ ދެކޮޅު ހައްދަވާ މުސްތަފާ އެ ބިލަށް ވޯޓު ނުދެއްވުމުން އޭނާ ވަނީ ޕީޕީއެމް ޕީޖީ ގުރޫޕުގެ ވައިބާ ގުރޫޕުން ވެސް ބޭރުކޮށްލާފަ އެވެ.