11 Aug 2016, 19:30
ހޮސްޕިޓަލަކާއި ނަރުދަމާއެއް ނެތް ރަށްރަށުގައި ވެސް ޓޫރިސްޓު ހޮޓާ ހިންގުމުގެ ހުއްދަ ދޭ ގޮތަށް، ޓޫރިސްޓު ހޮޓާ ތަރައްގީކޮށް، ހިންގުމާ ބެހޭ ގަވާއިދު އިސްލާހު ކޮށްފި އެވެ.
ޓޫރިސްޓު ހޮޓާ ތަރައްގީކޮށް ހިންގުމާ ބެހޭ ގަވާއިދު އެކުލަވާލާފައި ވަނީ މިދިޔަ އަހަރު އެވެ. ޓޫރިޒަމް މިނިސްޓްރީން މިއަދު އިސްލާހު ކޮށްފައި ވަނީ އެ ގަވައިދުގެ 18 ވަނަ މާއްދާ އެވެ.
ޓޫރިސްޓް ހޮޓާ އަޅާ ރަށާއި، ޓޫރިސްޓް ހޮޓަލުގައި ލިބެން ހުންނަ ޚިދުމަތްތަކުގެ ފެންވަރާއި މިންގަނޑު ބަޔާންކޮށްދޭ ބާބުގައި، 18 ވަނަ މާއްދާއަކީ އަސާސީ ޚިދުމަތްތައް ދިނުމާ ބެހޭ މާއްދާ އެވެ. މި މާއްދާގެ (ހ) ގައި ވަނީ ހޮޓާ އަޅާ ރަށުގައި ހުންނަންޖެހޭ ޚިދުމަތްތަކެވެ. އަދި (ށ) ގައި، ހޮޓަލުގައި ހުންނަން ޖެހޭ ބައެއް އަސާސީ ޚިދުމަތްތައް ބަޔާން ކޮށްފައިވެ އެވެ.
އެ މާއްދާގެ (ހ) ގައި މީގެ ކުރިން ބުނެފައި ވަނީ ޓޫރިސްޓު ހޮޓާ ހިންގުމުގެ ހުއްދަ ދޫކުރެވޭނީ ހޮސްޕިޓަލާއި، ނަރުދަމާއާއި، 24 ގަޑިއިރު ކަރަންޓާއި ފެނުގެ ޚިދުމަތުގެ އިތުރުން، ފުލުހުންގެ ޚިދުމަތް ދޭ މަރުކަޒެއް ގާއިމު ކޮށްފައިވާ ރަށްރަށުގަ އެވެ.
ނަމަވެސް، މިއަދު އެ މާއްދާގެ (ހ) އަށް ގެނައި އިސްލާހުގައި ވަނީ، ގަވައިދުގައި ހިމަނާފައިވާ ބައެއް ޚިދުމަތްތައް އުނިކޮށްފަ އެވެ. އެގޮތުން، ރަށުގައި ހޮސްޕިޓަލެއް ހުންނަން ޖެހޭ ކަމަށް ބުނެފައިވާ ތަން، އިސްލާހުގައި ވަނީ "ސިއްހީ ޚިދުމަތް" އަށް ބަދަލު ކޮށްފަ އެވެ.
"މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ށ) ގައިވާ ގޮތަށް ޓޫރިސްޓް ހޮޓާ ހިންގުމުގެ ހުއްދަ ދޫކުރެވޭނީ ޞިއްޙީ ޚިދުމަތާއި، 24 ގަޑިއިރު ކަރަންޓު ޚިދުމަތް ލިބެން ހުންނަ އަދި ފުލުހުންގެ ޚިދުމަތް ދެވޭ ގޮތަށް މަރުކަޒެއް ގާއިމުކޮށްފައިވާ ރަށް ރަށުގަ އެވެ،" ޓޫރިސްޓު ހޮޓާ ތަރައްގީކޮށް ހިންގުމުގެ ގަވައިދުގެ 18 ވަނަ މާއްދާގެ (ހ) އަށް ގެނައި އިސްލާހުގައި ވެ އެވެ.
މީގެ އިތުރުން، ރަށުގައި ފެނާއި ނަރުދަމާ ހުންނަންޖެހޭ ކަމަށް ގަވައިދުގައި ބުނެފައި އޮތް ނަމަވެސް، ގަވައިދުގެ 18 ވަނަ މާއްދާއަށް ގެނެވުނު އިސްލާހުގައި، ރަށުގައި ހުންނަންޖެހޭ ޚިދުމަތްތަކުގެ ތެރޭގައި ފެނާއި ނަރުދަމާ ހިމަނާފައެއް ނުވެ އެވެ.
އޭގެ ބަދަލުގައި، ފެނާއި ނަރުދަމާގެ ޚިދުމަތް ހިމަނާފައި ވަނީ ގަވައިދުގެ 18 ވަނަ މާއްދާގެ (ށ)ގައި، ޓޫރިސްޓު ހޮޓަލުގައި ލިބެން ހުންނަންޖެހޭ ޚިދުމަތެއްގެ ގޮތުގަ އެވެ.
ފެނާއި ނަރުދަމާގެ އިތުރުން، ކުރިން ވެސް އެ މާއްދާގައި ބުނެފައިވާ ފަދައިން ކަރަންޓާއި، ލޭންޑް ލައިނާއި ފެކްސް އާއި އިންޓަނެޓުގެ ޚިދުމަތް ވެސް އެ ހޮޓަލުން 24 ގަޑިއިރު ލިބެން ހުންނަން ޖެހޭނެ ކަމަށާއި ހޮޓަލަށް ބޭނުންވާ އެމަޖެންސީ ކަރަންޓު ފަދަ ޚިދުމަތްތައް ވެސް، އެ ސަރަހައްދަކަށް ޔޫޓިލިޓީޒް ޚިދުމަތް ދޭ ފަރާތަކުން ކަނޑައަޅާ ހުއްދައާ އެކު ދޭން ވާނެ ކަމަށް އެ ގަވައިދުގެ 18 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވެ އެވެ.