12 Aug 2016, 10:22
މެޖިސްޓްރޭޓް ކޯޓުތަކަށް މިއަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި ފަސް މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފި އެވެ.
މެޖިސްޓްރޭޓް ކޯޓުތަކަށް އާމްދަނީގެ ގޮތުގައި ފަސް މިލިއަން ރުފިޔާ ލިބުނު އިރު، މިދިޔަ އަހަރުގެ ނިޔަލަށް ޖުމްލަ ލިބިފައި ވަނީ ވެސް ގާތްގަނޑަކަށް ފަސް މިލިއަން ރުފިޔާ ކަމަށެވެ.
މިއަދު ޑީޖޭއޭ އިން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު 7.7 ޕަސެންޓަށް ވަނީ އިތުރުވެފަ އެވެ.
މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު މެޖިސްޓްރޭޓް ކޯޓުތަކުން ނިންމި މައްސަލަތަކުގެ އަދަދު މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ނިންމި މައްސަލަތަކާ އަޅާބަލާއިރު 11.5 ޕަސެންޓު ވަނީ އިތުރުވެފައެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް މެޖިސްޓްރޭޓް ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތަކުގެ އަދަދު 29.6 ޕަސެންޓަށް ވަނީ ދައްކުރެވިފައެވެ.
މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް މެޖިސްޓްރޭޓް ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތަކުގެ ތެރެއިން އަހަރުވެފައި ވަނީ 16 ޕަސެންޓު މައްސަލައެވެ.