މަނާ ބޭހަށް ޕޮޒިޓިވްވުމުން އޮލިމްޕިކް ގޭމްސް 2008ގެ 50 ކިލޯމީޓަރު ހިނގުމުގެ ރޭހުގެ ޗެމްޕިއަން އެލެކްސް ޝުވާޒާ، އަށް އަހަރު ދުވަހަށް ސަސްޕެންޑްކޮށްފިއެވެ.

އިޓަލީގެ އުމުރުން 31 އަހަރުގެ ޝުވާޒާ ވަނީ މީގެ ކުރިން ވެސް މަނާ ބޭހަށް ޕޮޒިޓިވްވެގެން ސަސްޕެންޝަނަކާ ކުރިމަތިލައިފައެވެ. ކުރިން އޭނާ މަނާ ބޭހަށް ޕޮޒިޓިވް ވެފައިވަނީ 2012 ވަނަ އަހަރު އިނގިރޭސިވިލާތުގެ ލަންޑަނުގައި ކުރިއަށްދިޔަ އޮލިމްޕިކްސްއާ ދިމާކޮށެވެ.

މިދިޔަ ޖެނުއަރީ މަހު ހެދި ޓެސްޓްތަކުން ޕޮޒިޓިވް ކަމަށް ދެއްކުމާއެކު ޝުވާޒާ އެ މައްސަލަ އިސްތިއުނާފް ކުރުމަށް ހުށަހެޅި ނަމަވެސް ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އިން ވަނީ އެ މައްސަލަ ބޭރުކޮށްލައިފައެވެ.

"މި އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިހާތަނަށް އެލެކްސް ޝުވާޒާ ނެރުނު ނަތީޖާތައް ބާތިލްކޮށްފިން. އޭގެ ތެރޭގައި އޭނާ ހޯދި މެޑެލްތަކާއި، ޕޮއިންޓް އަދި އިނާމުތައް ވެސް ހިމެނޭ،" ސީއޭއެސް އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ޝުވާޒާ 2012 ވަނަ އަހަރު ޕޮޒިޓިވް ވެފައިވަނީ މަނާ ބޭހެއް ކަމަށްވާ އެރީތުރޯޕޮއީޓިން އަށެވެ. އެއީ ލޭގެ ހިނގުން އަވަސްކުރުމަށް ބޭނުންކުރާ ވަރުގަދަ ބޭހެކެވެ.