11 Aug 2016, 16:35
ގދ. ފިޔޯރީ ކައުންސިލް އިދާރާ އިން ތިޖޫރީ ރިޕޯޓު ހަދައި ތިޖޫރީގައި ހުރި ފައިސާގެ ބާކީ ވެސް ބަލަހައްޓާފައި ނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
އޭސީސީން މިއަދު ނެރުނު ރިޕޯޓެއްގައި، ފިޔޯރީ ކައުންސިލް އިދާރާގެ އިދާރީ ކަންތައްތަކާ ގުޅޭގޮތުން ގިނަ ކަންތައްތަކެއް ވަނީ ފާހަގަކޮށްފައެވެ.
އެ ރިޕޯޓުގައި ބުނެފައި ވަނީ ފިޔޯރީ ކައުންސިލްގެ އިދާރާގެ ތިޖޫރީއާ ހަވާލުވެ ހުންނަނީ އެ އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަން އޭނާގެ ބަހުންނާއި އެ މައްސަލައިގައި ބަޔާންދީފައިވާ އެހެނިހެން މީހުންގެ ބަޔާންތަކުން އެނގޭ ކަމަށެވެ.
އެޑްމިނިސްޓްރޭޓިވް އޮފިސަރު ޗުއްޓީއަށް ދާއިރު ތިޖޫރީގެ ތަޅުގަނޑި ކައުންސިލްގެ އިދާރާގެ ދެ މުވައްޒަފަކާ ހަވާލުކުރެވިފައި ވާނެކަމަށާއި ޗުއްޓީގައި ހުރިއިރު ކައުންސިލްގެ އިދާރާއަށް ލިބޭ ފައިސާ ކައުންސިލްގެ ފަރާތުން ބަލައިގަތުމަށްފަހު ބައެއްފަހަރު ހުންނަނީ ތިޖޫރީއަށް ލާފައި ކަމަށް އެޑްމިނިސްޓްރޭޓިވް އޮފިސަރު ބުނެފައިވީނަމަވެސް، ތިޖޫރީ ހުޅުވައި ތިޖޫރީއަށް ފައިސާ ލާފައި ނުވާނެކަމަށް ތަޅުދަނޑި ހަވާލުކުރި ދެ މުވައްޒަފުން ބުނެފައިވާ ކަމަށް އޭސީސީން މިއަދު ނެރުނު ރިޕޯޓުގައި ވެއެވެ.
އެޑްމިނިސްޓްރޭޓިވް އޮފިސަރު ޗުއްޓީއަށް ދިޔައިރު ކައުންސިލްގެ އިދާރާގެ މުވައްޒަފުންނާ ތިޖޫރީ ހަވާލުކުރުމުގެ ކުރިން ތިޖޫރީގައި ހުރި ފައިސާގެ މިންވަރެއް ނުބަލާކަމަށާއި އަދި ޗުއްޓީ ނިމިގެން އެބުރި އައިސް ތިޖޫރިއާ ހަވާލުވާއިރުވެސް ތިޖޫރީގައި ހުރި ފައިސާގެ އަދަދު ބަލައިހަދާފައި ނުވާނެ ކަމަށް އޭނާ ބުނެފައިވާ ކަމަށް ވެސް އެ ރިޕޯޓުގައިވެއެވެ.
ކޮންމެ ހަފްތާއެއްގެ ނިޔަލަށް ތިޖޫރީގައި ހުރި ފައިސާގެ ހިސާބު ބަލައި، ތިޖޫރީއާއި ހަވާލުވެހުރި މުވައްޒަފުގެ އިތުރަށް އޮފީހުގެ އިސް މުވައްޒަފަކު އެހިސާބު ޗެކްކޮށް، ފައިސާ ގުނައި، އަދި އޮފީހުގެ ވެރިޔަކު އެހިސާބު ބަލަމުން ގެންދިޔުމަށް އޭސީސީން ވަނީ ފިޔޯރީ ކައުންސިލަށް އަންގާފައެވެ.
އޭސީސީގެ ރިޕޯޓުގައި ބުނެފައި ވަނީ ތިޖޫރީގެ ހަފްތާ ހިސާބު ތައްޔާރުކޮށް، ކޮންމެ އާދިއްތަ ދުވަހެއްގެ އޮފީސް ބަންދުވުމުގެ ކުރިން ފިނޭންސް މިނިސްޓްރީއަށް ފޮނުވަންވާނެކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާއިރު، ފިޔޯރީ ކައުންސިލްގެ އިދާރާއިން ތިޖޫރީ ރިޕޯޓް އެއްގޮތަކަށްވެސް ހަދާފައި ނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ތިޖޫރީގައި ހުރި ފައިސާގެ ބާކީ ވެސް ބަލަހައްޓާފައި ނުވާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެކަމަކީ ކޮރަޕްޝަނަށް ވަރަށް ބޮޑަށް ދޮރު ހުޅުވިފައިވާ ކަމަކަށްވެފައި އެކަމުގެ ސަބަބުން ތިޖޫރީން ފައިސާ މަދުވިޔަސް އެކަން ފާހަގަ ނުކުރެވި ގިނަދުވަސްތަކެއް ފާއިތުވެ ކައުންސިލަށް މާލީގޮތުން ބޮޑު ގެއްލުމަކާ ކުރިމަތިވުމުގެ ފުރުޞަތު އޮތްކަން ފާހަގަކުރެވޭ ކަމަށް ވެސް އޭސީސީން ބުންޏެވެ.
އެހެންކަމުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބުނެފައިވާ ގޮތުގެމަތިން ތިޖޫރީގައި ބަހައްޓާ ފައިސާގެ ތަފްސީލް ބަލަހައްޓައި ތިޖޫރީ ރިޕޯޓް ތައްޔާރުކޮށް ފިނޭންސް މިނިސްޓްރީއަށް ތިޖޫރީ ރިޕޯޓް ފޮނުވަމަށްވެސް ފިޔޯރީ ކައުންސިލްގެ އިދާރާއަށް އޭސީސީން ވަނީ އަންގާފައެވެ.
މިކަމާ ބެހޭގޮތުން ފިޔޯރީ ކައުންސިލްގެ ތިޖޫރިއާ ހަވާލުވެ ހުރި އެޑްމިނިސްޓްރޭޓިވް އޮފިސަރު މުހައްމަދު އިރުފާން ސަން އަށް ވިދާޅުވީ، އޭސީސީގެ ރިޕޯޓުގައި އޭނައާ ގުޅޭގޮތުން ފާހަގަކޮށްފައިވާ ކަންކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުންނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެކަމާ ގުޅޭގޮތުން ކޮމެންޓު ކުރަންޖެހޭނީ ކައުންސިލްގެ ރައީސް ކަމަށެވެ.