11 Aug 2016, 15:34
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ސޮނީ ސްޕޯޓްސް އިންޓަ ރިސޯޓް ޗެމްޕިއަންޝިޕްގެ ޒޯން ދޭއްގެ ފުރަތަމަ މެޗުގައި އޮޅުވެލި ބީޗް ރިސޯޓް އަތުން ފަސޭހަކަމާއެކު މޮޅުވެ، ފިހާޅޮހި އައިލެންޑް ރިސޯޓުން ފެށުން ރަނގަޅުކޮށްފި އެވެ.
އިއްޔެ ހަވީރު ކުޅުނު ޒޯން ދޭއްގެ މެޗުގައި އޮޅުވެލި އަތުން ފިހާޅޮހި މޮޅުވެފައިވަނީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުންނެވެ.
އެ މެޗުގެ ފުރަތަމަ ސެޓު 25-19 އިން ފިހާޅޮހިން ގެންދިޔަ އިރު، ދެވަނަ ސެޓު އެ ޓީމުން ގެންދިޔައީ 25-18 އިންނެވެ. އަދި ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ފަހު ސެޓު ފިހާޅޮހިން ގެންދިޔައީ 25-23 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ފިހާޅޮހީގެ ގައުމީ ޓީމު ކުޅުންތެރިޔާ އަޝްފާގު އާދަމް (އައްކަޅޭ) އެވެ.

ސޮނީ ސްޕޯޓްސް އިންޓަ ރިސޯޓް ޗެމްޕިއަންޝިޕްގެ ޒޯން ފަހެއްގައި ޑުސިޓް ތާނީ މޯލްޑިވްސް އާއި ސޮނޭވާފުށި ރިސޯޓް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ސޮނޭވާ ވަނީ ކާމިޔާބުކޮށްފައި --- ފޮޓޯ: ވީއޭއެމް
އެ މުބާރާތުގެ ޒޯން ފަހެއްގެ މެޗެއް ވެސް އިއްޔެ ކުރިއަށްދިޔައެވެ. ޑުސިޓް ތާނީ މޯލްޑިވްސްއާ ދެކޮޅަށް ކުޅުނު އެ މެޗު ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ސޮނޭވާފުށި ވަނީ ކާމިޔާބުކޮށްފައެވެ. އެ މެޗުގެ ސެޓުތައް ސޮނޭވާ އިން ގެންދިޔައީ 25-19، 25-17 އަދި 25-22 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސޮނޭވާގެ އިބްރާހިމް މަފާޒް އެވެ.
އިންޓަ ރިސޯޓް ޗެމްޕިއަންޝިޕް ކުރިއަށްދަނީ ހަތަރު ޒޯންއަކަށް ބަހާލައިގެންނެވެ. އެއީ ޒޯން އެކެއް، ދޭއް، ހަތަރެއް އަދި ފަހެކެވެ.
ޒޯން އެކެއްގައި ވާދަކުރާ ޓީމުތަކަކީ ބަނޑޮސް މޯލްޑިވްސް އާއި، ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓާއި، ޝެރެޓަން މޯލްޑިވްސް އާއި، ކުރުނބާ މޯލްޑިވްސް އާއި، މީރު އައިލެންޑް ރިސޯޓް އަދި ކޮކޯ ބޮޑުހިތި އެވެ. ޒޯން ދޭއްގައި ވާދަކުރާ ޓީމުތަކަކީ ފިހާޅޮހި އައިލެންޑް ރިސޯޓާއި، އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓް އަދި ޖުމެއިރަށް ވިއްޓަވެލި އެވެ.
މުބާރާތުގެ ޒޯން ހަތަރެއްގައި ވާދަކުރާ ޓީމުތަކަކީ ސަން އައިލެންޑް ރިސޯޓް އަދި ހޮލިޑޭ އައިލެންޑް ރިސޯޓެވެ. ޒޯން ފަހެއްގައި ވާދަކުރާ ޓީމުތަކަކީ ފިނޮޅާއި، ސޮނޭވާފުށްޓާއި، އަނަންތަރާ ކިހަވަށް ވިލާސް އާއި، ފޯ ސީޒަންސް ލަނޑާ ގިރާވަރު އަދި ޑުސިޓް ތާނީ މޯލްޑިވްސް އެވެ.