11 Aug 2016, 15:44
އިންޑިއާގެ މަޝްހޫރު ފްރޯޒަން ޔޯގަޓް ވިއްކާ ފްރެންޗައިޒް "ކޮކޯބެރީ"ގެ ފުރަތަމަ ބައިނަލްއަގުވާމީ އައުޓްލެޓް އަންނަ މަހު ރާއްޖޭގައި ހުޅުވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ދެހާސް ނުވަ ވަނަ އަހަރު އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހުޅުވި "ކޮކޯބެރީ" ފްރޯޒެން ޔޯގަޓް ސްޓޯރ ހުޅުވުމަށް ފަހު، މިހާތަނަށް އިންޑިއާގެ އެކި ސިޓީތަކުގައި 50 އަށް ވުރެ ގިނަ ކޮކޯބެރީ އައުޓްލެޓް ހުރެއެވެ.
ނިއު ދިއްލީގެ އިތުރުން ކޮކޯބެރީ އައުޓްލެޓްތައް ހުންނަނީ އަހްމަދްއާބާދު، ބެންގަލޫރު، ޗަންދީގަރް، ޗެންނާއީ، ފަރީދްއާބާދު، ގޯއާ، ގުރްގާއުން، ނޮއިޑާ، ޖައިޕޫރްް އަދި މުމްބާއީ ގައެވެ.

އިންޑިއާގެ ދިއްލީގެ ލަޖްޕަތު ނަގަރުގައި ހުންނަ ކޮކޯބެރީ އައުޓްލެޓެއް --
ފްރޯޒެން ޔޯގަޓަކީ އައިސް ކްރީމުގެ ބަދަލުގައި މީހުންނަށް ކެވޭނެ ހެލްތީ އޮލްޓަނޭޓިވް އެކެވެ.
ކޮކޯބެރީގެ ބްރޭންޑު، ފްރެންޗައިޒަކަށް ހެދީ 2014 ވަނަ އަހަރު އެވެ. އަދި ޖެހިގެން އައި 2015 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ރާއްޖޭގައި ކޮކޯބެރީގެ ފްރެންޗައިޒް އައުޓްލެޓެއް ހުޅުވުމަށް، ރާއްޖޭގެ ކުންފުންޏެއް ކަމުގައިވާ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑާ އެކު އެއްބަސްވުމެއް ހަދާފައި ވެ އެވެ. ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަކީ، މާލޭގެ މަޝްހޫރު ރެސްޓޯރަންޓެއް ކަމުގައިވާ ނިއުޕޯޓް ހިންގާ ކުންފުންޏެވެ.
ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުގެ ޑިރެކްޓަރެއް ކަމުގައިވާ ޒާހިދު ރަމީޒް "ސަން" އަށް ވިދާޅުވީ ކޮކޯބެރީގެ އިންޓީރިއާ ކޮންސެޕްޓަކީ ވަރަށް ތަފާތުވާނެ ކޮންސެޕްޓެއް ކަމަށެވެ. ޒާހިދު ވިދާޅުވި ގޮތުގައި، ރާއްޖޭގައި ހުޅުވާ ކޮކޯބެރީގައި އެންމެ ތަފާތުވާނީ އެތަނުގެ ފަންކާތަކެވެ. އެތަނުގައި ބަހައްޓާ ފަންކަލަކީ އެމެރިކާގެ "ބިގް އޭސް ފޭންސް"ގެ އެސެންސް މަރުކާގެ ފަންކަލެވެ.
މާލޭގައި ހުޅުވާ ކޮކޯބެރީ އައުޓްލެޓުގެ އިންޓީރިއާ ހުންނާނެ ގޮތް --
އިންޑިއާގެ ކޮކޯބެރީ އައުޓްލެޓުތަކުގައި ވިއްކަން ހުންނަނީ ސިއްހަތަށް ފައިދާ ހުންނަ ފްރޯޒެން ޔޯގަޓާއި ސޭންވިޗެވެ. އަދި ހަކުރު ނުހުންނަ، ޝުގަރ-ފްރީ ލޯ ފެޓް އައިސް ކްރީމާއި ސިއްހަތަށް ފައިދާ ހުރި ހާބަލް ބުއިންތައް ހުންނާނެ އެވެ. އެތަނުގައި ހުންނަ ތަކެއްޗަކީ ގްލޫޓެން ފްރީ ތަކެއްޗެވެ.
ރާއްޖޭގައި ހުޅުވާ ކޮކޯބެރީ އައުޓްލެޓުގައި، މިތަކެތީގެ އިތުރަށް، ހެލްތީ ކޭކު ވެސް ވިއްކުމަށް ހަމަޖެހިފައިވާ ކަމަށް ކޮކޯބެރީގެ ރާއްޖޭގެ ފްރެންޗައިޒް އޮތޯރިޓީ ސްޓްރާޑާއިން މައުލޫމާތު ދެއެވެ.
މާލޭގައި ހުޅުވާ ކޮކޯބެރީ އައުޓްލެޓުގެ އިންޓީރިއާ ހުންނާނެ ގޮތް --
އިންޑިއާގެ އެންމެ މަގުބޫލު ފްރޯޒަން ޔޯގަޓް ޗެއިން "ކޮކޯބެރީ" ފްރެންޗައިޒްގެ އެންމެ ފުރަތަމަ ބައިނަލްއަގުވާމީ އައުޓްލެޓް މިއަންނަ މަހު މާލޭގައި ހުޅުވާ އިރު، އެތަން ހުންނާނީ އަމީނީ މަގުގައި، ފިނޭންސް މިނިސްޓްރީ ހުންނަ އިމާރާތުގެ ކަންމަތީގައި ހުންނަ އޭޓީއެމްތަކުގެ ކުރިމަތީގައެވެ.