މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދެމުންގެންދާ ހިދުމަތްތައް ރަނގަޅުކުރުމުގެ ގޮތުން “އިންޓަގްރޭޓަޑް ޑިޖިޓަލް ނެޓްވޯކް” އެއް ގާއިމުކުރުމަށް ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކްލިމިޓެޑް (ދިރާގު)އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ކަރެކްޝަންސްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ކަރެކްޝަންސްގެ ފަރާތުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު ޝިހާން ސޮއިކުރެއްވި އިރު، ދިރާގުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ކަސްޓަމަރ ސާވިސް އެންޑް ސޭލްސްގެ ޑިރެކްޓަރު އަލީ ރިޔާޒް އެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިސަރު އަހްމަދު ލުގްމާން 'ސަން'އަށް ވިދާޅުވީ އިންޓަގްރޭޓަޑް ޑިޖިޓަލް ނެޓްވޯކް ގާއިމުކުރުމުން ކަރެކްޝަންސްގެ ޖަލުތަކާއި ހެޑް އޮފީސް އެއް ނެޓްވޯކް އަކުން ގުޅި، މަސައްކަތްތައް ކުރުމުގައި އަވަސްވާނެ ކަމަށާއި އެ ސިސްޓަމްގެ ސަބަބުން މުވައްޒަފުންނާއި އާންމުންނަށް ވެސް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

"މި ނެޓްވޯކަކީ މިހާރު ބޭނުންކުރަމުންދާ ނެޓްވޯކަށްވުރެ ހަރަދުކުޑަ، އަވަސް އަދި ހަރުދަނާ ނެޓްވޯކަކަށް ވާނެތީ ކަރެކްޝަންސް އިން ގައިދީންނަށާއި އާންމުންނަށް ދޭ ހިދުމަތް މިހާރަށްވުރެ އަވަސް ވެގެންދާނެ. އަދި މި ސިސްޓަމްގެ ސަބަބުން އާންމުންނަށް އެއްވެސް އުނދަގުލަކާ ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެންނަށް އެބައޮތް،" އޭނާ ވިދާޅުވި އެވެ.