11 Aug 2016, 16:45
ދުންފަތުގެ ބާވަތްތައް އިސްތިހާރު ކުރުމަކީ ގާނޫނުން މަނާ ކަމެއް ނަމަވެސް މިފަހަކަށް އައިސް ވިއްކަމުންދާ ސިގިރޭޓު ފޮށިތަކާއެކު ދުންފަތް އިސްތިހާރު ކުރާތީ އެކަން ހުއްޓުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަމާބެހޭ ފަރާތްތަަށް އަންގައިފިއެވެ.
"ކެމަލް" ބްރޭންޑުގެ ސިނގިރޭޓު ފޮށިތަކުގެ ތެރެއަށް ކުޑަ ލިޔުންކޮޅެއްލައިގެން އެ ޕްރޮޑަކްޓް އިސްތިހާރު ކުރަމުންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ.
އެޗްޕީއޭގެ ޑެޕިއުޓީ ޑައިރެކްޓަރު ހަސަން މުހައްމަދު "ސަން"އަށް ވިދާޅުވީ ކަސްޓަމްސް އާއި އިކޮނޮމިކް މިނިސްޓްރީ އަދި ޕޮލިހުން ހިމެނޭގޮތަށް އެފަދަ ސިނގިރޭޓް އެތެރެކުރުމާއި ވިއްކުން ހުއްޓުވުމަށް މިހާރު އަންގާފައިވާނެ ކަމަށެވެ.
އެފަދަ ސިނގިރޭޓް އެތެރެ ކުރި ފަރާތްތައްވެސް ޖަވާބުދާރީވުމަށް އަންގާފައިވާނެކަމަށްވެސް ހަސަން ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ، އެކަން ހިނގާގޮތް ބެލުމަށް ވަރަށް އަވަހަށް ޖޮއިންޓް އޮޕަރޭޝަންތަކެއް ފަށައި ފިޔަވަޅުއަޅާނެ ކަމަށެވެ.