ސްކޫލްތަކުގެ ހިންގުން ހަރުދަނާ ކުރުމަށާއި ލީޑާޝިޕް ހުނަރުތައް އިތުރު ކުރުމަށް ސްކޫލްތަކުގެ ޕްރިންސިޕަލުންގެ ވަފްދެއް މެލޭޝިއާއަށް ޒިޔާރަތްކޮށްފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ އިސްނެންގެވުމުގެ މަތިން މެލޭޝިޔާގެ ޔުނިޓާ އިންޓަނޭޝަނަލް ޔުނިވަސިޓީ އާއި ގުޅިގެން ކުރިއަށްދާ އެ ދަތުރަކީ ސްކޫލްތަކުގެ ޕްރިންސިޕަލުން ތަމްރީނު ކުރުމަށް ހިންގާ ޕްރޮގްރާމެކެވެ.

އެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް ތިން ބުރެއް ގެ މަތިން ޕްރިންސިޕަލުން މެލޭޝިޔާއިން ތަމްރީނު ހޯދާފައިވާ އިރު، މި ފަހަރުގެ ހަތަރު ވަނަ ބުރުގައި އަތޮޅުތެރެ އާއި މާލޭގެ ސްކޫލްތައް ހިނގުމުގައި ހަރަކާތްތެރިވާ ޕްރިންސިޕަލުންނާއި، ޑެޕިއުޓީ ޕްރިންސިޕަލުން އަދި ލީޑިން ޓީޗަރުން ހިމެނޭ ގޮތަށް 23 ފަރާތަކުން ބައިވެރިވެ އެވެ. ތަމްރީނުގެ ބައިވެރިން މެލޭޝިޔާ އަށް ފުރާފައި ވަނީ ރޭގަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ސްޓަޑީ ޓުއާ ގައި ބައިވެރިން މެލޭޝިޔާގެ ޔުނިޓާ އިންޓަނޭޝަނަލް ޔުނިވަސިޓީ އާއި އެ ގައުމުގެ ފަސް ސްކޫލަކަށް ޒިޔާރަތްކޮށް ހިންގުމުގެ ދާއިރާ އާއި ބެހޭ މައުލޫމާތު ހޯދާނެ ކަމަށެވެ. އަދި 21 ވަނަ ގަރުނުގެ ސްކޫލްތަކުގެ ހިންގުން ހަރުދަނާ ކުރުމާއި ގުޅޭ މަސައްކަތު ބައްދަލުވުންތަކެއް ޔުނިޓާ އިންޓަނޭޝަނަލް ޔުނިވަސިޓީން ބައިވެރިންނަށް ހިންގާނެ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ ޕްރޮގްރާމްގެ ފަސް ވަނަ ބުރު މި މަހުގެ ތެރޭގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އިރު، އެ ބުރުގެ ބައިވެރިން މެލޭޝިޔާއަށް ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 ވަނަ ދުވަހު އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އަމާޒަކީ 2017 ނިމޭއިރު ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުންނަށް އެ ތަމްރީނު ޕްރޮގްރާމުން ފުރުސަތު ހޯދައިދިނުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.