11 Aug 2016, 14:12
އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް މިއަދު ތަސްދީގު ކުރައްވައިފިއެވެ.
ހިޔާލު ފާޅުކުރުމަށް ގާނޫނު އަސާސީން ލިބިދީފައިވާ މިނިވަންކަން ހަނިވާ ގޮތަށް ފަރުމާކޮށްފައިވާ އެ ގާނޫނު ރައީސް ޔާމީން މިއަދު ތަސްދީގު ކުރެއްވުމާއި ގުޅިގެން އެ ގާނޫނު ވަނީ ގެޒެޓްކުރެވިފައެވެ. އެހެންކަމުން މިއަދުން ފެށިގެން އެ ގާނޫނަށް އަމަލުކުރެވެމުންދާނެ އެވެ.
އެ ބިލު މަޖިލީހުން މިދިއަ އަންގާރަ ދުވަހު ފާސްކޮށްފައިވަނީ ސަރުކާރަށް ތާއީދު ކުރައްވާ 47 މެމްބަރުންގެ ވޯޓާ އެކީ އެވެ. އެބިލު މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދެވެ.
ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ހަބަރު ފެތުރުމާއި އަބުރާ ބެހެވޭ ފަދަ ބަހެއް މީޑިއާއަކުން އާންމުކޮށްފި ނަމަ އެ މީޑިއާއެއް 50،000 ރުފިޔާ އިން ފެށިގެން 2،000،000 ރުފިޔާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ގާނޫނުގައިވެ އެވެ. އަދި އެފަދަ ކޮންޓެންޓެއް ޝާއިއުކުރި ނުވަތަ ބްރޯޑްކާސްޓް ކުރި ރިޕޯޓަރެއް 50،000 ރުފިޔާ އާއި 150،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ގާނޫނުގައި ވަނީ ބުނެފައެވެ.
އާންމު ނިޒާމާ ހިލާފުވު ވާހަކައެއް މީޑިއާއަކުން އާންމުކޮށްފިނަމަ ޖޫރިމަނާ ކުރެވޭނީ 50،000 ރުފިޔާ އާއި 1،000،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އާންމު ނިޒާމާ ހިލާފު ވާހަކައެއް ފެތުރި ނޫސްވެރިޔަކު 50،000 ރުފިޔާއިން 150،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ.
އިސްލާމް ދީނުގެ އަސްލަކާ ހިލާފަށް މީޑިއާއަކުން އަމަލުކޮށްފިނަމަ އަދި އެކަން ކުރި ނޫސްވެރިއަކަށް ގާނޫނުލް އުގޫބާތު ދަށުން އަދަބު ދެވޭނެ ކަމަށް ގާނޫނު ބުނެއެވެ.
ގާނޫނުގައިވާ ގޮތުން ހަބަރެއް ރައްދުވާ ފަރާތުން އެ ހަބަރެއް ބްރޯޑްކާސްޓުކުރި ފަހުން ނުވަތަ ޝާއިއުކުރިފަހުން ރައްދެއް ޝާއިއުކުރަން ނުވަތަ ބްރޯޑްކާސްޓުކުރަން ބޭނުންވާ ނަމަ އެއްވެސް އަގެއް ނުވަތަ ފީއެއް ނެގުމަކާ ނުލައި އެ ހަބަރެއް ޝާއިއު ނުވަތަ ބްރޯޑްކާސްޓު ކުރަންވާނެއެވެ.
ގާނޫނުގައި ބުނެފައި ވަނީ އަބުރާ ބެހެވޭ ފަދަ ޒާތުގެ ކޮންޓެންޓެއް ވަގުތުން ގެނެސްދޭ އިވެންޓެއްގައި ހިމެނިއްޖެ ނަމަ ލައިވް ފީޑު ހުއްޓާލަން އަބުރާ ބެހެވުނު ފަރާތުން ކަމާ ބެހޭ ދައުލަތުގެ މުއައްސަސާ އަށް އެންގުމުން ވެސް ލައިވް ފީޑު ކަނޑާ ނުލައިފި ނަމަ ކަމާ ގުޅޭ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތީން އެ މީޑިއާ އަކަށް ފިޔަވަޅު އަޅަންވާނެ ކަމަށެވެ.