ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑީގާޑަކަށް އުޅުނު ސިފައިންގެ މީހަކާއި އޭނާގެ ބޭބެ ހިމެނޭ ގޮތަށް، ސިފައިންގެ ބަޔަކު ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައިވަނީ ރައީސް ނަޝީދުގެ ބޮޑީގާޑެއް ކަމުގައިވާ އަހްމަދު ފައްތާހް އަދި އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ ކަމުގައިވާ ސާޖަންޓް މުހައްމަދު ފައްވާޒެވެ. ސާޖަންޓް ފައްވާޒްއަކީ މިދިޔަ އަހަރު ފާހަގަކުރި މިނިވަން 50 ގެ ހެވިކަމާއި ކުޅިވަރުތަކުގައި، ވައިފީނުމުގެ (ސްކައިޑައިވިން) ހަރަކާތުގައި ސްކައިޑައިވް ކުރި ދެ މީހުންގެ ތެރެއިން އެކަކެވެ.

ފައްތާހް އަދި ފައްވާޒްގެ އާއިލާއިން "ސަން" އަށް މައުލޫމާތު ދިން ގޮތުގައި، އެ ދެބެއިން ބައްޔަރުކޮށްފައި ވަނީ އިއްޔެ އެވެ. އެހެން ނަމަވެސް ހައްޔަރުކުރި ސަބަބެއް އެނގިފައި ނުވާކަމަށް އެ އާއިލާއިން ބުނެ އެވެ.

އިތުބާރުހުރި މަސްދަރުތަކުން "ސަން" އަށް އެނގިފައިވާ ގޮތުގައި، ސިފައިންގެ ޖުމްލަ ހަތް މީހަކު އިއްޔެ ވަނީ ހައްޔަރު ކޮށްފައެވެ. އެ މީހުން ވަނީ، ސިފައިންގެއިން ބޭރަށް ނުނިކުމެވޭ ގޮތަށް ބަންދު ކޮށްފައެވެ.

ސިފައިންގެ މަރުކަޒުގައި، ސިފައިންގެ ބަޔަކު އިއްޔެ ހައްޔަރުކުރި އިރު، ޑިފެންސް މިނިސްޓްރީން ރޭ ވަނީ ސިފައިންގެ އިސްވެރިއެއްގެ ހުއްދަ ނެތި، ސިޔާސީ ފަރާތްތަކާ ބައްދަލުކުރުމާއި، ސިޔާސީ ފަރާތްތައް ބައިވެރިވާ އިޖްތިމާއީ އެއްވުންތަކުގައި ބައިވެރިވުމާއި އެފަދަ އެއްވުންތަކަށް ދިއުން ައެވެ.

އެމްއެންޑީއެފުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ބުނީ، ސިފައިންނަކީ ވަކިފަރާތަކަށް ބުރަވުމެއް ނެތި، އިންސާފާއި ތެދުވެރިކަމާއެކު ގައުމީ ވާޖިބު އަދާކުރަންޖެހޭ ބަޔަކަށް ވާ އިރު، ސިފައިންގެ އިއްޒަތާއި ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތަށް އަމަލުތައް ބެހެއްޓުމަށާއި، "އެންމެހާ ނުފޫޒުތަކުންނާއި ސިޔާސީ ކަންކަމުންސިފައިން އެއްކިބާ ވާންޖެހޭނެ ކަމަށް" ޑިފެންސް މިނިސްޓްރީން ސިފައިންނަށް އަންގާފައިވާ ކަމަށެވެ.

ސިފައިންނަށް ބައްދަލުކުރުން މަނާކޮށްފައި ވަނީ:

  • ދައުލަތުގެ ވަޒީރުން
  • ރައީސް އައްޔަނުކުރައްވާ މަގާމުތަކުގައި ތިބޭ ފަރާތްތައް
  • ގާނޫނަކުން ކަނޑައަޅާ އިންތިޚާބެއްގައި ބައިވެރިވާ ކެންޑިޑޭޓުން
  • ސިޔާސީ ޕާޓީތަކުގެ ވެރިން
  • އެކްޓިވިސްޓުން
  • ޑިޕްލޮމެޓުން
  • ރާއްޖެއިން ބޭރުގެ އަސްކަރިއްޔާތަކުގެ ބޭފުޅުން
  • މިނޫނަސް ރާއްޖެއިން ބޭރުގެ ފަރާތްތައް