11 Aug 2016, 13:06
ތާރީހުގައި ފުރަތަމަ ފަހަރަށް އޮލިމްޕިކްސްގައި ޑައިވިން އިން އިނގިރޭސިން ރަން މެޑެއްޔެއް ހޯދައިފި އެވެ.
އިނގިރޭސިވިލާތުގެ ޖެކް ލާފާ އާއި ކްރިސް މިއާސްގެ ޕެއާ ރަން މެޑެއްޔެއް ހޯދާފައި ވަނީ ބްރެޒިލްގެ ރިއޯ ޑި ޖެނޭރޯގައި ކުރިއަށްދާ އޮލިމްޕިކް ގޭމްސްގެ ތިން މީޓަރު ސްޕްރިންގްބޯޑު އިވެންޓުގައި ވާދަކޮށްގެންނެވެ.
އެ އިވެންޓުގައި ވާދަކޮށް އިނގިރޭސި ޕެއާ ވަނީ 454.32 ޕޮއިންޓު ހޯދައިފަ އެވެ. އެ ޓީމާ އެންމެ ކައިރިން ވާދަކުރީ އެމެރިކާގެ ޓީމެވެ. ރިހި މެޑެލް ހޯދި އެމެރިކާގެ ސޭމް ޑޯމަން އަދި މައިކް ހިކްސޮން އަށް ހޯދިފައި ވަނީ 450.21 ޕޮއިންޓެވެ. އަދި ލޯ މެޑެލް ހޯދި ޗައިނާގެ ކިން ކައި އަދި ކައޯ ޔުއާންގެ ޕެއާ އަށް ހޯދިފައި ވަނީ 443.70 ޕޮއިންޓެވެ.

ތާރީހުގައި ފުރަތަމަ ފަހަރަށް އޮލިމްޕިކްސްގައި ޑައިވިން އިން އިނގިރޭސިން ރަން މެޑެއްޔެއް ހޯދައިދިން ޖެކް ލާފާ އާއި ކްރިސް މިއާސްގެ ޕެއާ ތިން މީޓަރު ސްޕްރިންގްބޯޑު އިވެންޓުގައި ވާދަކުރަނީ --- ފޮޓޯ: އޭޕީ
ބްރިޓަންގެ ޕެއާގައި ހިމެނޭ އުމުރުން 23 އަހަރުގެ މިއާސް އަކީ ނުރައްކާތެރި ވައިރަސްއެއް ކަމަށްވާ އެޕްސްޓެ އިން ބާ ވައިރަސްގެ ސަބަބުން 2009 ވަނަ އަހަރު މަރާ ހަނގުރާމަ ކުރަމުންދިޔަ އެތުލީޓެކެވެ. އެ ހާދިސާއަށް ފަހު މިއާސްގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު އުފަލެއްގެ ގޮތުގައި އޭނާ ދެކެނީ އޮލިމްޕިކްސްގައި މި ފަހަރު ރަން މެޑެއްޔެއް ހޯދުމެވެ.
ޑައިވިންގައި ފާއިތުވެ ދިޔަ އަހަރުތަކުގައި ރަސްކަން ކުރަމުން ގޮސްފައި ވަނީ ޗައިނާ އެވެ. ޗައިނާ އިން ވަނީ ޑައިވިންގައި ފާއިތުވެ ދިޔަ ހަތް އޮލިމްޕިކް ގޭމްސް އަދި ފާއިތުވެ ދިޔަ އަށް ވޯލްޑް ޗެމްޕިއަންޝިޕްގައި ރަން މެޑެލްތައް ހޯދައިފަ އެވެ.