ތ. މަޑިފުށީގައި ދޯންޏެއް އެހެލަން އުޅެނިކޮށް، ދޯނި އެހެލަން ބޭނުންކުރި ވިންޗު ކަނޑައިގެންގޮސް ތިން މީހަކަށް އަނިޔާވެ އެކަކު ސީރިއަސް ހާލަތުގައި ފަރުވާ ދޭން ފަށައިފިއެވެ.

މިއަދު 11:00 ހާއިރު ހިނގި ހާދިސާގައި އަނިޔާ ލިބިފައިވާ ތި މީހުންނަކީވެސް ދިވެހިންނެވެ.

ފުލުހުން ބުނީ އެހާދިސާގައި ތިން މީހުންނަށްވެސް އެކިވަރުގެ ބޮޑެތި އަނިޔާތައް ލިބިފައިވާއިރު އެ ތިން މީހުންގެތެރެއިން އެކަކަށް ވަރަށް ބޮޑަށް އަނިޔާވެ ސީރިއަސް ހާލަތުގައި މަޑިފުށީ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާ ދިނުމަށް މާލެ ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.

"ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ސީއެމްބިއުލާންސްގައި އެމީހާ ގޮވައިގެން މާލެ ދިއުމަށް ފުރާނެ.އެ ހާދިސާގައި އަނިޔާ ލިބުނު އަނެއް ދެ މީހުންވެސް އިތުރު ފަރުވާ ދިނުމަށް ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ޕޮލިސް ލޯންޗްގައި ވޭމަންޑުއަށް ގެންދިއުމަށް ދަތުރު ފަށާނެ،" ފުލުހުން ބުންޏެވެ.

އެ ހާދިސާގެ މައުލޫމާތު މިއަދު 11:05 ހާއިރު ލިބުމާއެކު މިކަން ހިނގަން މެދުވެރިވިގޮތް ސާފުކޮށް މައްސަލަ ތަހުގީގު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އަދި އަނިޔާ ލިބިފައިވާ ތިން މީހުން އިތުރު ފަރުވާ ދިނުމަށް ވޭމަންޑޫއަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ދަނީ ކުރަމުންނެވެ.

އެހާދިސާގައި އަނިޔާ ލިބިފައިވަނީ އުމުރުން 20 އަހަރުގެ ފިރިހެނަކަށާއި 21 އަހަރުގެ ފިރިހެނެއްގެ އިތުރުން 22 އަހަރުގެ ފިރިހެނަކަށެވެ.