11 Aug 2016, 12:32
އެއް އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު، ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އަލުން ފަށާ ގޮތަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.
މި މަހުގެ 19 ވަނަ ދުވަހު މި އަހަރުގެ މުބާރާތް ފަށާ އިރު، 2011 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް މެދުކެނޑުމެއް ނެތި އެ މުބާރާތް ބާއްވަމުންދިޔައެވެ. އެ މުބާރާތް 2014 ވަނަ އަހަރު ކާމިޔާބުކޮށްފައިވަނީ ކްލަބު އީގަލްސް އެވެ.
ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން 2014 ވަނަ އަހަރުގެ ފަހުކޮޅު އެފްއޭއެމްގެ ރައީސް ކަމުގައި ހުންނެވި އިލްހާމް އަހްމަދާއި އޭރުގެ ހިންގާ ކޮމިޓީ އުވާލުމަށްފަހު، އެކުލަވާލި ނޯމަލައިޒޭޝަން ކޮމިޓީން 2015 ވަނަ އަހަރު އެ މުބާރާތް ބާއްވާފައެއް ނުވެއެވެ.
ޔޫތު ޗެމްޕިއަންޝިޕްގައި މި އަހަރު އަށް ޓީމުން ވާދަކުރެއެވެ. އެއީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، ޔުނައިޓެޑް ވިކްޓަރީ އާއި، ކްލަބު ވެލެންސިއާ އާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި، ބީޖީ ސްޕޯޓްސް އާއި، ޓީސީ ސްޕޯޓްސް ކްލަބު އަދި ކްލަބު އީގަލްސް އެވެ.
މި މަހު 19 ވަނަ ދުވަހު ހަވީރު ކުޅޭ އެ މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓަރީ އާއި މާޒިޔާއެވެ. މި މަހުގެ 20 ވަނަ ދުވަހު ކުޅޭ ދެވަނަ މެޗުގައި ނިއު އާއި އީގަލްސް ބައްދަލުކުރާ އިރު، މި މަހުގެ 23 ވަނަ ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ ވިކްޓަރީ އާއި ބީޖީ އެވެ. މުބާރާތުގެ ހަތަރު ވަނަ މެޗުގައި މި މަހުގެ 24 ވަނަ ދުވަހު ބައްދަލުކުރާނީ ވެލެންސިއާ އާއި ޓީސީ އެވެ.
މުބާރާތުގެ ލީގު ބުރުގެ މެޗުތައް ހެންވޭރު ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ އިރު، ސެމީ ފައިނަލާއި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ. ސެމީގެ ފުރަތަމަ މެޗުގައި ލީގު ބުރުގެ އެއްވަނަ އަދި ދެވަނަ ޓީމު ވާދަކުރާ އިރު، އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ޖާގައެއް ލިބޭނެއެވެ. ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ލީގު ބުރުގެ ތިން ވަނަ އަދި ހަތަރު ވަނަ ޓީމެވެ. އެ މެޗުން މޮޅުވާ ޓީމެއް ތިން ވަނަ ސެމީގައި ނުކުންނަން ޖެހޭނީ ފުރަތަމަ ސެމީން ބަލިވާ ޓީމަކާ ދެކޮޅަށެވެ. އަދި ތިން ވަނަ ސެމީން މޮޅުވާ ޓީމަކަށް ފައިނަލުގެ ފަހު ޖާގަ ލިބޭނެއެވެ.
ސެމީގެ ފުރަތަމަ މެޗާއި ދެވަނަ މެޗު އަންނަ މަހުގެ 15 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އިރު، ސެމީގެ ތިން ވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 19 ވަނަ ދުވަހުއެވެ. އަދި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 23 ވަނަ ދުވަހުއެވެ.