11 Aug 2016, 11:48
މޯލްޑިވްސް އިމިގްރޭޝަނުން ތައްޔާރު ކުރާ ޕާސްޕޯޓް ކާޑުގެ ޕާޓްނަރެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ އެކު ޕާޓްނާޝިޕް އެގްރީމަންޓުގައި މިއަދު ސޮއިކޮށްފި އެވެ.
މޯލްޑިވްސް އިމިގްރޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި އިމިގްރޭޝަންގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު އަންވަރު އެވެ. ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އެންޑްރޫ ހީލީ އެވެ.
އެ ރަސްމިއްޔާތުގައި ކޮންޓްރޯލާ ޖެނެރަލް ވިދާޅުވީ އަލަށް ތައާރަފު ކުރި އީ- ޕާސްޕޯޓު ލޯންޗުކުރުމަށް މިދިޔަ ޖެނުއަރީ މަހު ބޭއްވި ރަސްމިއްޔާތަށް ފަހު، ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކެއްގައި ބޭނުންކުރަމުންދާ ޕާސްޕޯޓް ކާޑު ތައާރަފު ކުރުމުގެ މުހިއްމުކަމުން ފާހަގަކުރައްވައި މޯލްޑިވްސް އިމިގްރޭޝަނުން އެފަދަ ކާޑެއް ތައްޔާރު ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް އެދިވަޑައިގެންފައިވާ ކަމަށެވެ.
އެގޮތުން އެ ކާޑުގައި ފައިސާ ދެއްކޭނެ ފެސިލިޓީ ގާއިމްކުރުމީ ކާޑުން ލިބިދޭނެ ގިނަ ޚިދުމަތްތަކެއްގެ ތެރެއިން އެއް ޚިދުމަތެވެ.
ޕާސްޕޯޓު ކާޑުގެ ބޭނުމަކީ އާއްމު ރައްޔިތުންނަށް ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދޭނެ ވަސީލަތެއް ފޯރުކޮށްދިނުމެވެ. މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް އިން ބައިނަލްއަގުވާމީ ކޮށް ބޭނުންކުރެވޭ ޕާސްޕޯޓު ކާޑު، ފައިސާ ޖަމާކުރެވޭ ޕްރިޕެއިޑް ކާޑެއްގެ ގޮތުގައި ބޭނުންކުރެވޭނެ ނިޒާމް ގާއިމުކުރާނެއެވެ. އެ ގޮތުން ޕީއޯއެސް އަދި އޮންލައިންކޮށްވެސް އެ ކާޑު ބޭނުންކުރެވޭނެ އެވެ. މީގެ އިތުރުން އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމަށް ވެސް އެ ކާޑު ބޭނުންކުރެވޭނެ އެވެ. ރާއްޖެ އިން ބޭރުގައި ކާޑު ބޭނުން ކުރެވޭނެ ގޮތް ހަމަޖެހިފައިވާތީ، އެ ކާޑު ބޭނުންކޮށްގެން ރާއްޖެ އިން ބޭރަށް ދަތުރުކުރާ ދިވެހީންނަށް ލުއި ފަސޭހަކަމާ އެކު ފައިސާ ގެ މުއާމަލާތްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އިމިގްރޭޝަނާއި ބީއެމްއެލް އިން ބުންޏެވެ.
ޕާސްޕޯޓުގެ ބަދަލުގައި ގެންގުޅޭނެ ރަސްމީ ލިޔުމެއްގެ ގޮތުގައި ވެސް އެ ކާޑު ބޭނުންކުރެވޭނެ ކަމަށް އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސަރު ހަސަން ޚަލީލް ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ބޭންކް އޮފް މޯލްޑިވްސްގެ ރީޓެއިލް މާކެޓިން ޑިރެކްޓާ މުޙައްމަދު ޝަރީފު ދެއްކެވި ވާހަކަފުޅުގައި އާ ޚިދުމަތްތައް ތައާރަފު ކުރުމުގެ އެންމެ ކުރީ ސަފުގައި ބީއެމްއެލް އަބަދުވެސް ހިމެނޭ ކަމަށް ފާހަގަކުރެއްވި އެވެ. އެހެންކަމުން މޯލްޑިވްސް އިމިގްރޭޝަނާއެކު ޕާޓްނާޝިޕް އެގްރީމަންޓުގައި ސޮއިކޮށް ޕާސްޕޯޓު ކާޑު ޕުރޮޖެކްޓުގައި ބައިވެރިވުމީ ބީއެމްއެލް އަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމުގައި ވިދާޅުވި އެވެ.
"މޯލްޑިވްސް އިމިގްރޭޝަނާ ގުޅިގެން އަލަށް ތަޢާރަފްކުރުމަށް ހަމަޖެހިފައިވާ ޕާސްޕޯޓް ކާޑު މެދުވެރިކޮށް ފައިސާގެ މުޢާމަލާތްކުރެވޭނެ ނިޒާމް ގާއިމްކުރުމުގެ ޕްރެޖެކްޓް ކުރިއަށް ގެންދެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިހާރުވެސް ރާއްޖެއިން ބޭރަށް ދާ ވަރަށް ގިނަ ދަތުރުވެރިން މިދަނީ ލުއި ފަސޭހަކަމާއި ރައްކާތެރިކަމާއެކު އަޅުގަނޑުމެންގެ ކާޑުގެ ޚިދުމަތް ރާއްޖެއިން ބޭރުގައި ބޭނުންކުރަމުން. ޕާސްޕޯޓު ކާޑު މެދުވެރިކޮށް މިފަދަ މުހިންމު ޚިދުމަތެއް ދެވިގެން ދިޔުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ޝަރީފް ވިދާޅުވި އެވެ.
އެ ކާޑުން ދޭ ޚިދުމަތްތައް ފުޅާ ކުރުމުގެ ގޮތުން އާއްމު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއެކު މަޝްވަރާތައްކޮށްފައިވާ ކަމަށް އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސަރު ހަސަން ޚަލީލް ވިދާޅުވި އެވެ. އެހެންކަމުން އެ ފަރާތްތަކާ އެކުގައި ޕާޓްނަޝިޕް އެގްރީމަންޓުގައި ވަރަށް އަވަހަށް ސޮއިކޮށް އެ ކާޑު ކައިރި މުސްތަގުބަލެއްގައި ތައާރަފު ކުރާނެ ކަމަށް ވެސް ޚަލީލް ވިދާޅުވި އެވެ.
"މި ކާޑު މެދުވެރިކޮށް އިތުރު ޚިދުމަތްތައް ދިނުމަށް ހަމަޖެހުމުންދާ ވަރަކަށް އެކަމުގެ މައުލޫމާތު މީޑިއާ އާއި ހިއްސާ ކުރެވިގެން ދާނެ،" ޚަލީލް ވިދާޅުވި އެވެ.
އެ ކާޑު ހައްދައި ދިނުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މޯލްޑިވްސް އިމިގްރޭޝަނުންނެވެ.