މިދިޔަ ހަފްތާތެރޭގައި ސެމްސަންގުން ދުނިޔޭގެ އެންމެ ބޮޑު ހާޑްޑިސްކް ޑްރައިވް (އެސްއެސްޑީ) 15.36 ޓީބީ އާ އެކު އުފައްދާފައިވަނިކޮށް، ސީގޭޓުން 60ޓީބީގެ ހާޑެއް އުފައްދައިފި ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ސީގޭޓުން އުފެއްދި ހާޑު އަންނަ އަހަރުތޭރޭގައި ބާޒާރަށް ނުކުންނާނެ ކަމަށް އެ ކުންފުނިން ބުނި ނަމަވެސް އޭގެ އަގެއް ހާމަ ކޮށްފައެއް ނުވެއެވެ. ދުނިޔޭގެ ބާޒާރުގައި މިހާރު ހުރި އެންމެ ބޮޑު ހާޑުޑިސްކް ލިބެން ހުރީ 10،000 އެމެރިކާ ޑޮލަރަށެވެ. އެއީ ސެމްސަން އިން އުފެއްދި 15.36ޓީބީ ގެ ހާޑެވެ.

ދުނިޔޭގެ އެންމެ ބޮޑު ހާޑްޑިސްކު ސީގޭޓުން އުފައްދާފައިވާއިރު، 60ޓީބީގެ ހާޑް ޑްރައިވެއްގައި ގާތްގަނޑަކަށް 400 މިލިއަން ފޮޓޯ ނުވަތަ 12000 ފިލްމު ރައްކާ ކުރެވޭނެ އެވެ.

ސީގޭޓުން އުފެއްދި އެ ހާޑަކީ ވިޔަފާރި ކުންފުނިތަކަށް ހާއްސަކޮށް އުފެއްދި ހާޑެކެވެ.

ސީގޭޓުން ދުނިޔޭގެ އެންމެ ބޮޑު ހާޑުޑިސްކް އުފައްދާފައިވީ ނަމަވެސް އަންނަ އަހަރު އެ ރިލީޒް ކުރުމާ ހަމައަށް އެންމެ ބޮޑު އެސްއެސްޑީ ވިއްކުމުގެ ލަގަބު އޮންނާނީ ސެމްސަން އަށެވެ.