އަންހެނުންގެ ހެދުމާއި ބިއުޓީ ޕްރޮޑަކްޓްސް ޑިޒައިންކޮށް އުފައްދައި މާކެޓް ކުރާ ދުނިޔޭގެ އެންމެ ބޮޑު ރީޓެއިލާ، އެމެރިކާގެ މަޝްހޫރު ކުންފުނި ވިކްޓޯރިއާސް ސީކްރެޓްގެ މޮޑެލް އިސަބެލީ ފޮންޓާނާގެ ކައިވެނި ރާއްޖޭގައި ކޮށްފިއެވެ.

ތިން އަހަރު ދުވަސް ވަންދެން އެކުގައި އުޅުނު ލޯބިވެރިޔާ އަދި ލަވަކިޔުންތެރިޔާ ޑިއޭގޯ ފެރޭރޯއާ ބްރެޒިލްގެ މޮޑެލް އިސަބެލީ ކައިވެނިކޮށްފައިވަނީ ސޮނެވާ ފުށި ރިސޯޓުގާ މިދިޔަ އަންގާރަ ދުވަހުއެވެ.

ވިކްޓޯރިއާސް ސީކްރެޓްގެ މޮޑެލް އިސަބެލީ އަދި އޭނާގެ ލޯބިވެރިޔާ އަދި ފިރިމީހާ ޑިއޭގޯ ފެރޭރޯގެ ކައިވެނި ހަފްލާގެ ތެރެއިން ---

އިސަބެލީގެ ކައިވެނި ހަފްލާގެ ތަފްސީލަކާއި އޭނާގެ ކައިވެނި ހަފްލާގައި ބައިވެރިވި މީހުންގެ މައުލޫމާތެއް އަދި ނޭނގުނު ނަމަވެސް، ކައިވެނި ހަފްލާގެ ފޮޓޯތަކާއި ވީޑިއޯތައް އިސަބެލީ ދިޔައީ އޭނާގެ އިންސްޓަގްރަމް އެކައުންޓުގައި ހިއްސާކުރަމުން ނެވެ.

ވިކްޓޯރިއާސް ސީކްރެޓްގެ މޮޑެލް އިސަބެލީ އަދި އޭނާގެ އަދި ފިރިމީހާ ޑިއޭގޯ ފެރޭރޯގެ ކައިވެނި ހަފްލާގެ ތެރެއިން --- އިންސްޓަގްރާމް ފޮޓޯ

އިސަބެލީގެ އިންސްޓަގްރާމް އެކައުންޓުން މީގެ އެއް ދުވަސް ކުރިން ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި ބުނާގޮތުން، އޭނާގެ ލޯބިވެރިޔާ ރާއްޖެ އައިސްފައިވަނީ އޭނާ އަށްވުރެ ފަހުންނެވެ.

ޓްރާންސް މޯލްޑިވިއަން އެއާވޭސްގެ ސީޕްލޭންއެއް ދާ މަންޒަރު ފެންނަ އެ ވީޑިއޯ ހިއްސާކުރަމުން އިސަބެލީ ބުނެފައިވަނީ، އޭނާގެ ބޮޑު ދުވަހަށް ލޯބިވެރިޔާ "ސުވަރުގެއަށް" އައިސްފައިވާ ކަމަށެވެ.