11 Aug 2016, 14:02
ގައުމީ ޔުނިވާސިޓީގެ ޖީ-ބްލޮކުގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ "ބާޖަމާލުއްދީން" ވެދާނެ ގެއްލުމަކަށް ވިސްނައި ހުސްކުރުމަށް ފަހު ކައުންސިލް އިންތިހާބުގެ ކަން ކަން ކުރިއަށް ގެންދަން އިލެކްޝަންސް ކޮމިޝަނަށްދީފި އެވެ.
ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އާއި ފެކަލްޓީ އޮފް އާޓްސްގެ އިތުރުން ގިނަ ފެކަލްޓީތަކެއް ހިންގަމުން ދިޔަ ބާޖަމާލުއްދީން އިމާރާތް އެއްކޮށް ހުސްކޮށްފައިވަނީ މިއަހަރު ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކުރަމް 'ސަން' އަށް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ޖަމާލުއްދީންގެ ކުރީގެ އިމާރާތް އިލެކްޝަންސް ކޮމިޝަނަށް ދީފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހްމަދު އަކްރަމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ އިޙްތިޝާމް މުހައްމަދު
" ކޮންމެ އަހަރަކުވެސް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދަން ސަރުކާރުން ތަނެއް ދޭ. މީގެ ކުރިން ދީފަ ވަނީ ދަރުބާރުގޭގެ ބައެއް ތަންތަން. އެކަމަކު މިފަހަރު ބާ ޖަމާލުއްދީން ލިބިފަ މިވަނީ،" އަކުރަމް ވިދާޅުވި އެވެ.
މިފަހަރު ބާ ޖަމާލުއްދީން ލިބުމުން އިންތިހާބުގެ ކަންކަން ހާމަކޮށް ބޮޑުކޮށް މިނިވަން ކަމާއެކު ކުރިއަށް ގެންދެވޭނެ ކަަމަށް އަކުރަމް ދެކެވަޑައިގެންނަވައެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ތަނުގެ ޖާގަ ބޮޑުވެފައި ހުޅުވާލައިގެން ކަންކަން ކުރުމުގެ ފުރުސަތު ލިބޭނެތީ ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބާ ގުޅުން ހުރި ގިނަ ކަންކަން ކުރިއަށްދާނީ ބާ ޖަމާލުއްދީން އިމާރާތުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ ފެށޭ އަހަރު ޖެނުއަރީ މަހުގެ ތެރޭގައެވެ.