ވ. ފެލިދޫން އިއްޔެ ހެނދުނު 10 ޖަހާ އެހާކަންހާއިރު ފެށިގެން ހަބަރެއް ނުވެގެން ހޯދަމުންދާ މީހާ އަދިވެސް ނުފެންނަ ކަމަށާއި ނަމަވެސް އޭނާގެ އައިނު މޫދުން ފެނިފައިވާ ކަމަށް އެ ރަށު ކައުންސިލްއިން ބުނެފި އެވެ.

ގެއްލިގެން ހޯދަމުން އަންނަތާ 24 ގަޑިއިރަށް ވުރެ ގިނައިރުވެފައި ވަނީ ވ. ފެލިދޫ ލައިނޫފަރުމާގޭ، އުމުރުން 76 އަހަރުގެ އަހްމަދު ހަސަން އެވެ.

ފެލިދޫ ކައުންސިލްގެ ރައީސް ހަސަން އަލީ މިއަދު ސަން އަށް ވިދާޅުވީ މިހާރު ފެންނަން ހުރި ހެކިތަކަށް ބަލާ އިރު ބޮޑަށް ބެލެވެނީ އޭނާ ގެއްލިފައި ވަނީ މޫދަށް ކަމަށެވެ. މޫދުން އޭނާގެ އައިނު މިހާރު ފެނިފައިވާ ކަމަށް ހަސަން ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށްވީ ގޮތެއް ނޭންގެ މޫދާއިދިމާލަށް އެންމެ ފަހުން ދިޔަ ކަމަށް މިފެންނަނީ، ފައިވާން ހުރީ މޫދު ކައިރީގައި، ފީނާ ހަދައިގެން އަޅުގަނޑުމެން ބެލިއިރު އެދިމާލުން މޫދުން އޭނަ އަޅައިގެން އުޅޭ އައިނު ފެނިއްޖެ، އެހެންވީމާ ވަރަށް ބޮޑަށް މޫދުގައި ވީކަމަށް ބެލެވޭ،" ހަސަން ވިދާޅުވި އެވެ.

ސިފައިންނާއި ފުލުހުން އަދި ޑައިވިން ސުކޫލުތަކުން ޑައިވްކޮށް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް މިހާތަނަށް އޭނާ ފެނިފައިނުވާ ކަމަށް ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވި ގޮތުގައި ގެއްލިގެން ހޯދަމުންދާ އަހުމަދު ހަސަން އަކީ އެހާބަލި މީހެއްނޫނެވެ. އާންމުކޮށް މޫދަށް ގޮހެއް ވެސް ނޫޅެ އެވެ. ބޮޑަށް ބެލެވެނީ ކުޑަކަމު ދިއުމަށް މޫދު ކައިރިއަށް ދިޔައީ ކަމަށް ކައުންސިލް ރައީސް ވިދާޅުވި އެވެ.

އަހުމަދުގެ ހަތް ދަރިންނާއި އަތް ބަކު ދުނިޔޭގައި ތިބިއިރު ގިނަ އަދަދެއްގެ ކާފަ ދަރިންނާއި މުނިކާފަ ދަރިން އެބަތިއްބެވެ.

އެއީ އެރަށު އެންމެން ގަދަރުކުރާ އެރަށު ސަގާފީ ކުޅިވަރުތަކުގައި އެންމެ ނަގާ ކިޔާ ބޭފުޅާ އެވެ.