11 Aug 2016, 13:57
ހދ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން އެ އަތޮޅު ނޭކުރެންދޫގައި ކުރިއަށް ގެންދިޔަ ހައިޑްރޮޕޯނިކްސް ތަމްރީން ޕްރޮގްރާމް މިއަދު ނިންމާލައިފިއެވެ.
ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީއާއި ހދ. އަތޮޅު ކައުންސިލް ގުޅިގެން ޖުލައި 31ން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި 18 މީހުން ބައިވެރިވެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ހދ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ހައިޑްރޮޕޯނިކްސް ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިކަން ކުރަން ދަސްކޮށްދިނުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމްގެ ތެރެއިން --- ފޮޓޯ/ ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ
އެ ޕްރޮގްރާމްގައި ހައިޑްރޮޕޯނިކްސް ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިކަންކޮށް އެއިން ނަފާ ހޯދޭނެ ގޮތްތަކާބެހޭ ގޮތުން ޕްރޮގްރާމްގެ ބައިވެރިންނަށް މައުލޫމާތު ދީފައިވާނެ ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުނެއެވެ. އަދި ދަނޑުވެރިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށާއި ހާއްސަކޮށް ދިރޭސޫފާސޫފީގެ ސަބަބުން ދިމާވާ މައްސަލަތަކާއި ގަސްތަކަށްޖެހޭ އެކި ބަލިތައް ކޮންޓްރޯލްކުރާނެ ގޮތާ ބެހޭގޮތުން މައުލޫމާތު ދީފައިވާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
ހައިޑްރޮޕޯނިކްސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރަން ދަސްކޮށްދިނުމަށް މިދިޔަ ޖުލައި މަހު ވަނީ ނެއްލައިދޫގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. އަދި ޖުލައި މަހުގެ 17އިން 27ށް ވަނީ ހދ. ކުޅުދުއްފުށީގައިވެސް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެ ޕްރޮގްރާމުގައި 28 މީހުން ބައިވެރިވެފައިވެއެވެ.
ހައިޑްރޮޕޯނިކްސް ޓެކްނޮލޮޖީގެ އެހީގައި ގަސް ހައްދަނީ ބިމުގެ ވެލި ބޭނުން ނުކޮށެވެ.