ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމްގެ ކެޕްޓަން ނޭމާ އަށް އިހްތިރާމް ނުކުރާކަމުގަވާ ނަމަ އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލަފާނެ ކަމަށް އެގައުމުގެ ކޯޗު ރޮގޭރިއޯ މިކޭލް ބުނެފި އެވެ.

ރެގޭރިއޯ އެ މޭރުމުން ވާހަކަ ދެއްކީ މިހާރު އަމިއްލަ ގައުމުގައި ކުރިއަށްދާ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގެ ފުޓްބޯޅަ އިވެންޓްގައި ބްރެޒިލް ކުޅުނު ފުރަތަމަ ދެ މެޗުން ގޯލެއް ކާމިޔާބް ނުކުރެވި އެގައުމުގެ ސަޕޯޓަރުންގެ ފާޑުކިޔުންތައް ނޭމާއަށް އަމާޒްވާން ފެށުމުންނެވެ.

ނޭމާ: އޭނާ އަންނަނީ ބްރެޒިލްގެ ޒުވާން ޓީމާއި އެކު އޮލިމްޕިކްސް ފުޓްބޯޅަ އިވެންޓުން ބްރެޒިލް އަށް ރަން މެޑަލް ހޯދައިދިނުމަށް މަސަތްކަތް ކުރަމުން --- ފޮޓޯ: އޭޕީ

"ނޭމާ އަކީ އަދި ތަޖުރިބާ މަދު ވަރަށް ޅަ ކުޅުންތެރިއެއް. އަހަރެން ވެސް ގަބޫލު ކުރުން ބައެއް ފަހަރު ނޭމާގެ ފަރާތުން ސަޕޯޓަރުން ހިތްނޭދޭ ކަންތައްތަކެއް ފެނިދާނެ ކަމަށް. ނަމަވެސް އެ އުމުރުގައި އޭނާ އެ ހުރި މަގާމުގެ ގޮތުން ސަޕޯޓަރުން ހިތްހަމަ ޖައްސަދެވޭތޯ ވަރަށް މަސަތްކަތް ކުރޭ،" ރެގޭރިއޯ ބުންޏެވެ.

ރެގޭރިއޯ ބުނީ އާންމް ގޮތެއްގައި ފުޓްބޯޅަ ކުޅުންތެރިއަކު އެންމެ ރަނގަޅަށް ފުރާ ފުރުހަމަ ވާނީ އުމުރުން 28 ހިސާބު ކަމަށާއި ނަމަވެސް ނޭމާގެ އުމުރުން މިހާރު އަދި ވީ 24 އަހަރު ކަމަށާއި އުމުރުން އެންމެ 17 އަހަރުން ފެށިގެން ވެސް އޭނާ އަންނަނީ ބްރެޒިލް ޓީމް ލީޑް ކުރަމުން ކަމަށެވެ.

"އަހަރެންނަށް ޔަގީން އަދި ކޮންމެ ވެސް ދުވަހަކުން ނޭމާ ވެގެންދާނެ ދުނިޔޭގެ ހުރި އެންމެ މޮޅު ކުޅުންތެރިއާއަށް. އެ ދުވަސް ވަރަށް ކައިރީގައި ވަނީ. އޭނާ އަށް ފުރިހަމައަށް އިހްތިރާމް ކުރޭ. ނޫންނަމަ މިގައުމުން އޭނާ ގެއްލުމުގެ ފުރުސަތު ވަރަށް ބޮޑު،" ރެގޭރިއޯ ބުންޏެވެ.

އޮލިމްޕިކް ފުޓްބޯޅަ އިވެންޓަގައި ބްރެޒިލް އިން ސައުތު އެފްރިކާއާ ދެކޮޅަށް ކުޅުނު މެޗުގައި ނޭމާ --- ފޮޓޯ: އޭޕީ

ބްރެޒިލްގެ ގައުމީ ޓީމަށް ކުޅެދިން 70 މެޗުގައި 46 ގޯލު ކާމިޔާބް ކޮށްފައިވާ ނޭމާގެ ކެޕްޓަން ކަމުގެ ދަށުން އެގައުމުގެ ޒުވާން ފުޓްބޯޅަ ޓީމް މިހާރު އަންނަނީ އޮލިމްޕިކްސްގައި ވާދަކުރަމުންނެވެ. ބްރެޒިލް އިން މިފަހަރުގެ އޮލިމްޕިކްސް އަށް ކުރިމަތިލީ ވެސް ފުޓްބޯޅަ އިވެންޓުން ރަން މެޑްލަ ހޯދުމަށް ވަރަށް ބޮޑަށް އުންމީދަކާ އެކެ އެވެ.

ފުޓްބޯޅަ އިވެންޓްގައި ބްރިޒިލް ވަނީ ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކޮށް ދެ މެޗު އެއްވަރުވެގެން ލިބުނު ފަސް ޕޮއިންޓާ އެކު ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ކުއާޓާ ފައިނަލް އިން ޖާގަ ހޯދާފަ އެވެ. ކުއާޓާ ފައިނަލްގައި އަންނަ ހޯމަ ދުވަހުގެ ރޭ ބްރެޒިލް ނިކުންނާނީ ކޮލަމްބިޔާއާ ދެކޮޅަށެވެ.