ބްރޯޑްކާސްޓިން ކޮމިޝަންގެ ދެ ހަބަރެއް ސަންއޮންލައިންގައި ހަގީގަތް އޮޅޭ ގޮތަށް ލިޔެފައިވާ ކަމަށް ބުނެ އެކޮމިޝަނުން އެކަން ކުށްވެރިކޮށްފި އެވެ.

ސަން މީޑިއާ އަށް ބުރޮޑްކާސްޓިން ކޮމިޝަނުން ރޭ ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ އިއްޔެ ސަން އޮންލައިންގައި "ޓީވީން ގެނެސްދޭ މަންޒަރުތައް، އަޑުއިވުމުން މަހުރޫމްވެފައިވާ މީހުންނަށް ޚާއްސަ ކުރާކަށް ނުޖެހޭ: ބްރޯޑްކޮމް” އެސުރުހީގެ ދަށުން ޝާއިއުކޮށްފައިވާ ހަބަރަކީ އެކޮމިޝަނުން ނިންމާފައިވާ ގޮތް ނޫން ކަމަށެވެ.

މިދިޔަ މަހު އެއް ވަނަ ދުވަހު "އިދިކޮޅު ޕާޓީތަކުގެ ބަހެއް ނުހޯދައި ޓީވީން ޚަބަރު ގެނެސްދެވޭނެ" ކަމަށް ބުނެ ޝާއިއުކޮށްފައިވާ ހަބަރު ވެސް ބުރޯޑްކޮމް އިން ވަނީ ދޮގުކޮށްފަ އެވެ. އެކޮމިޝަނުން ބުނީ އެގޮތަށް ނިންމާފައިނުވާނެ ކަމަށެވެ.

އެކޮމިޝަނުން ވަނީ ހަބަރު ގެނެސްދޭ އިރު ޒިންމާދާރުކަމާ އެކު އަމަލުކުރުމަށް ސަން އޮންލައިން އަށް އިލްތިމާސްކޮށްފަ އެވެ.