ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ އަކީ ފުޓްބޯޅައިގައި ކޮންމެ ފަދަ އުކުޅެއް ވެސް ދެއްކި ދާނެ ފަދަ ކުޅުންތެރިއެކެވެ. މެސީ ވަނީ ފުޓްބޯޅައިގައި ސަޕޯޓަރުނަށާއި މުޅި ދުނިޔެ އަށް އޭނާގެ އަވަސް ހުނަރުތައް ވަރަށް ރަނގަޅަށް ދައްކުވައިދީފަ އެވެ.

މިހާރު މެސީގެ ސަޕޯޓަރުންނަށް ހާއްސަކޮށްގެން އާޖެންޓީނާގެ ކުންފުންޏެއް ކަމަށްވާ ކިޔުބީ9 އިން ވަނީ މޯބައިލް ގޭމެއް ތައްޔާރުކޮށް، މެސީ ގޮވައިގެން ދުވެލުމުގެ ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. މަޝްހޫރު 'ޓެމްޕަލް ރަން' ގޭމް ފަދަ ގޮތަކަށް ތައްޔާރުކުރެވުނު ގޭމް އަށް 'މެސީ ރަނާ'ގެ ނަން ދިނުމަށް ފަހު، މިހާރު އެ ގޭމް ވަނީ ލޯންޗުކޮށްފަ އެވެ.

'މެސީ ރަނާ' ގޭމް ލޯންޗު ކުރެވުނު އިރު، މިހާރު އައިފޯން އަދި އެންޑްރޮއިޑް މޯބައިލް ފޯނުތަކުން އެ ގޭމް ޑައުންލޯޑް ކުރެވޭނެ އެވެ. 'މެސީ ރަނާ' އަކީ މީހުންގެ މަގުބޫލުކަން ލިބޭނެ ގޭމެއް ކަމަށް އެ ގޭމް އުފެއްދި ކުންފުނިން އުންމީދުކުރެ އެވެ.

އެ ގޭމު މެދުވެރިކޮށް ފަސް ފަހަރު ފީފާ ބެލޮންޑިއޯ ހޯދާފައިވާ މެސީ ގޮވައިގެން ތަފާތު ތަންތަނުގައި ދުވެ، ހުނަރުތައް ދައްކާލައި، ކުރިމަތިލާން ޖެހޭ އެއްޗެއްސަށް ފުޓްބޯޅައަކުން ހަމަލާ ދެވޭނެ އެވެ.