11 Aug 2016, 10:04
މެނީލާ (އޮގަސްޓް 11) : ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ، އެގައުމުގައި ހުންނަވާ އެމެރިކާގެ ސަފީރަށް ބަހުގެ ވަރުގަދަ ހަމަލާތަކެއް ދެއްވައި އެމެރިކާގެ ސަފީރަކީ ނަހަލާލު ދަރިއެއްކަމަށް ސިފަކުރައްވައިފި އެވެ.
ފިލިޕީންސްގައި ހުންނަވާ އެމެރިކާގެ ސަފީރު އެގައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ތަކުރާރުކޮށް ވަދެވަޑައިގެން ސަރުކާރުން ކުރާކަން ކަމަށް ފާޑުވިދާޅުވެ އޭނާގެ ހުދޫދޫން ބޭރުވެ ވަޑައިގަންނަވާ މައްސަލާގައި ކޯފާވެވަޑައިގެން ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ވިދާޅުވީ އެމެރިކާގެ ސަފީރަކީ ފިލިޕީންސަށް ބޭނުން މީހެއް ނޫންކަމަށާއި އެއީ އަނގަގަދަ ނަހަލާލު ދަރިއެއް ކަމުގަ އެވެ.
މީގެ އިތުރުން އެމެރިކާގެ ސަފީރު ފިލިޕް ގޯލްޑްބާގް އަށް އިޝާރާތް ކުރައްވައި އޭނާއަކީ އެއްޖިންސުން ގުޅުންހިންގާ އަދި ޒިނޭގެ ދަރިއެއްކަމަށް ވެސް ފިލިޕީންސްގެ ރައީސް ސިފަކުރެއްވި އެވެ. ފިލިޕީންސްގެ ރައީސް މިމޭރުމުން ވާހަކަ ދެއްކެވީ އެގައުމުގެ ސިފައިންނާ ބައްދަލުކުރައްވައި މިހަފްތާގެ ކުރީކޮޅު ދެއްކެވި ވާހަކަފުޅެއްގަ އެވެ.

ފިލިޕީންސްގައި ހުންނަވާ އެމެރިކާގެ ސަފީރު
އެމެރިކާ އިން ވަނީ މިކަން ކުށްވެރިކޮށްފަ އެވެ. އަދި އެމެރިކާގެ ޚާރިޖީ ވުޒާރާ އިން ވަނީ ވޮޝިންޓަންގައި ހުންނަވާ ފިލިޕީންސްގެ ޗާޖްޑިއެފެއަރ ޕެޓްރިކް ޝުވާސޫޓޫ އެވުޒާރާއަށް ހާޒިރުކޮށް ޕިލިޕީންސްގެ ރައީސްގެ ވާހަކަފުޅުތައް ކުށްވެރިކުރާ އިހްތިޖާޖްގެ ލިޔުމެއް އޭނާ އާ ހަވާލުކޮށްފަ އެވެ. މިކަމާބެހޭ ގޮތުން އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާނާ އެލިޒަބަތު ޑްރޫޑޯ ވިދާޅުވީ ފިލިޕީންސްގެ ރައީސް އެމެރިކާގެ ސަފީރަށް ބަހުގެ ހަމަލާތައް ރައްދު ކުރެއްވުމުން ކަންބޮޑުވާކަމަށާއި މިކަމުގެ ފަހަތުގައިވާ ސަބަބުތައް ހޯދާނެ ކަމުގަ އެވެ.
ފިލިޕީންސްގެ ޚާރިޖީ ވުޒާރާ އިން ވަނީ މިކަންތައްތަކާއެކު ވެސް ދެ ގައުމުގެ ގުޅުންތައް އަދިވެސް ވަރުގަދަކަމަށް ބުނެފަ އެވެ. ނަމަވެސް އެމެރިކާގެ ސަފީރުގެ އަމަލުތައް ހުންނަ ގޮތުން ދެގައުމުގެ މަސްއޫލުވެރިންނަށް ދަތިތަކެއް ކުރިމަތިވެފައިވާކަން ފިލިޕީންސްގެ ޚާރިޖީ ވުޒާރާގެ ފަރާތުން ވާހަކަ ދެއްކެވި ތަރްޖަމާން ޗާލް ޚޮސޭ އިއްޔެ ވިދާޅުވީ މިފަދަ މައްސަލަތައް ދިމާވަނީ އެމެރިކާގެ ސަފީރުގެ އަމަލުތައް ވެސް ހުންނަގޮތުން ކަމަށާއި އޭނާ ވެސް ޑިޕްލޮމެޓިކް އުސޫލުތައް ހިފަހައްޓަން ޖެހޭނެ ކަމުގަ އެވެ.
މިދިޔަ މޭމަހު ފިލިޕީންސްގެ ރައީސްކަމުގެ މަގާމަށް ރޮޑްރިގޯ ޑުޓާޓޭ އިންތިޚާބުވެ ވަޑައިގަތީ އިންތިޚާބީ ވަރުގަދަ ކޭންޕޭނެއްގެ ތެރެއިންނެވެ. މިކޭންޕޭންގައި އޭނާވަނީ އެމެރިކާއަށާއި އެމެރިކާއަށް ވާގިވެރިވާ ގައުމެއް ކަމަށްވާ އޮސްޓްރޭލިޔާއަށް ވެސް ބަހުގެ ހަމަލާތަކެއް ދެއްވާފަ އެވެ. އަދި ވެރިކަން ލިބިވަޑައިގެންފި ނަމަ އެމެރިކާއާއި އޮސްޓްރޭލިޔާއާ ގުޅުންތައް ކަނޑާލަފާނެ ކަމުގެ އިންޒާރު ވެސް ކޭންޕޭންގައި ޑުޓާޓޭ ދެއްވާފައިވެ އެވެ.
ފިލިޕީންސްގައި ހުންނަވާ އެމެރިކާގެ ސަފީރަކީ އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ނަމުގައި ފިލިޕީންސްގެ ދާޚިލީ ކަންކަމުގެ ތެރެއަށް އަތްބޭނުމަށް މަސައްކަތްކުރައްވާ ބޭފުޅެއްކަމަށް ވެ އެވެ. އޭނާ ވަނީ ފިލިޕީންސްގެ ރިޔާސީ ކޭމްޕޭންގައި ވެސް ޑުޓާޓޭ އަށް ބަހުގެ ހަމަލާތަކެއް ދެއްވާފަ އެވެ. މިހަމަލާތައް ދެއްވީ ފިލިޕީންސްގެ ސިޓީއެއްކަމަށްވާ ޑެފާވް ގެ މޭޔަރަކަށް 1989 ގައި ޑުޓާޓޭ ހުންނެވިއިރު އޮސްޓްރޭލިޔާގެ އަންހެނަކު އެ ރަށުގައި ރޭޕްކޮށްލި ޖަރީމާއަށް ޑުޓާޓޭ އަޅާނުލައްވައި އެކަމަށް ޖޯކު ޖެއްސެވި ކަމަށް ބުނާ މައްސަލާގަ އެވެ.
ފިލިޕީންސަކީ އެމެރިކާއާ ގުޅުންތައް ވަރަށްބޮޑު އަދި އެމެރިކާއަށް ވަރަށް މުހިއްމު ގައުމެކެވެ. ޚާއްސަކޮށް ދެކުނު ޗައިނާ ކަނޑުގެ ބޮޑުބައެއްގެ މިލްކުވެރިކަމަށް ޗައިނާ ދައުވާކުރާއިރު ޗައިނާއާ ދެކޮޅަށް ބޭނުންކުރާ ހަތިޔާރަކަށް ފިލިޕީންސް ހެދުމަށް އެމެރިކާ ގެންދަނީ މަސައްކަތްކުރަމުންނެވެ. (ނޫސްއެޖެންސީތައް)