ސާޅީސް މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދައި މީގެ ހަ މަސް ކުރިން ހުޅުވި ރަސްފަންނަށް ލިބޭ ގެއްލުންތައް ހައްލުކުރުމަށް އެތަނުގެ ކަނޑުތޮއްޓަށް ބަދަލުގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

ރަސްފަންނުގައި ހަދާފައިވާ ރީތި ވެލިގަނޑު ގިރާލަމުންދިއުމާއި އެ ސަރަހައްދަށް އުދައަރާތީ އެކަމުގެ ހައްލު ދެނެގަނެފައިވާކަމަށް ދާދިފަހުން ހައުސިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ރަސްފަންނުން ބޮޑު ބައެއް ގިރާލާފައި--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ސަން އަށް ވިދާޅުވީ، ތޮއްޓަށް ގެންނަ ބަދަލަކީ އެސަރަހައްދު ގިރުން ފަދަ މައްސަލަތައް ހައްލުކުރުމަށް ގެންނަ ބަދަލުތަކެއް ކަމަށާއި ވަރަށް އަވަހަށް އެމަސައްކަތް ނިމިގެންދާނެ ކަމަށެވެ.

ތޮށިގަނޑުގެ ކެނޑުންތަކާއި ވެލިއަޅާފައިވާ ގޮތްތަކަށް ބަދަލު ގެނެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ ކުދި ބަދަލުތައް ގެނައުމާ އެކު ރަސްފަންނަން މިހާރު ދިމާވެފައިވާ މައްސަލަތައް އެއްކޮށް ހައްލުވެގެންދާނެ ކަމަށެވެ.

ރަސްފަންނަކީ ސާފުވައި ލިބި ހިތްހަމަޖެހޭ މާހައުލެއް މާލޭގައި އުޅޭ ރައްޔިތުންނަށް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ހިންގި މަޝްރޫޢެކެވެ. ކޮންމެ ދުވަހަކުވެސް ގިނައަދެއްގެ ބަޔަކު އެސަރަހައްދަށް ގޮސް ހިތްހަމަ ޖައްސާލުމަށާއި ކަސްރަތު ކުރުމަށް އެސަރަހައްދު ބޭނުންކުރެއެވެ.