11 Aug 2016, 09:06
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ފްރާންސާ ދެކޮޅަށް ޕޯޗްގަލް ކުޅުނު މެޗުގައި ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ރެއާލް މެޑްރިޑްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފިއެވެ.
ރެއާލް އިން ކުރިއަށް އޮތް ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ފަރިތަކުރުންތައް ފަށާފައިވާ އިރު ރޮނާލްޑޯ އާއި ފޯޗުގަލްގެ ޕެޕޭ، ޔޫރޯ ފުޓްބޯޅު މުބާރާތަށް ފަހު ޗުއްޓީ ހޭދަކޮށްލުމަށް ފަހު ޓީމާއި ގުޅުނީ އިއްޔެއެވެ.
އެ ދެ ކުޅުންތެރިންގެ އިތުރުން ޖަރުމަނުގެ ޓޯނީ ކްރޫސް އާއި ވޭލްސްގެ ތަރި ގެރެތު ބޭލް ވެސް ފަރިތަކުރުންތަކަށް ނިކުމެފައިވާ އިރު ރެއާލް މެޑްރިޑުން ވަނީ އެ ހަތަރު ކުޅުންތެރިންނާ ނުލައި މިދިޔަ ބުދަ ދުވަހުގެ ރޭ ސެވިއްޔާ ބަލިކޮށް ޔުއެފާ ސުޕަ ކަޕް ވެސް ކާމިޔާބް ކޮށްފައެވެ.
ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނީ ފަރިތަކުރުންތަކަށް ނިކުތް ހަތަރު ކުޅުންތެރިން މިހާރު ކުރަމުންދަނީ ފިޓްނަސް ލެވަލް ރަނގަޅު ކުރުމުގެ މަސަތްކަތް ކަމަށާއި ރޮނާލްޑޯ ފިޔަވައި އެހެން އެއްވެސް ކުޅުންތެރިއެއްގެ އަނިޔާގެ މައްސަލައެއް ނެތް ކަމަށެވެ.
އެހެންކަމުން ބެލެވޭ ގޮތުގައި މިމަހުގެ 21 ވަނަ ދުވަހު ލީގްގެ ފުރަތަމަ މެޗުގައި ރެއާލް މެޑްރިޑުން ސެލްޓާ ވިގޯއާ ދެކޮޅަށް ނިކުންނަ މެޗު ރޮނާލްޑޯ އަށް ގެއްލޭނެއެވެ.