11 Aug 2016, 09:27
އޮލިމްޕިކް ގޭމްސްގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުގައި ހޮންޑޫރަސްއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެ، އާޖެންޓީނާ އަށް މުބާރާތަށް އަލްވަދާއު ކިޔަން ޖެހިއްޖެއެވެ.
ބްރެޒިލްގެ ރިއޯ ޑި ޖެނޭރޯގައި ކުރިއަށްދާ އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓުގެ 'ގްރޫޕް ޑީ'ގައި އާޖެންޓީނާ އާއި ހޮންޑޫރަސް ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެންނެވެ.
އިއްޔެ ކުޅުނު މެޗުގެ ފުރަތަމަ ހާފު ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމުނު ނަމަވެސް، އާޖެންޓީނާ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެއެވެ. އެގޮތުން ޖޮނަތަން ކަލޭރީ އާއި ލިއަންޑްރޯ ވެގާ އަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެއެވެ.

އޮލިމްޕިކް ގޭމްސްގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުގައި އާޖެންޓީނާ އާއި ހޮންޑޫރަސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 1-1 ލަނޑުން އެއްވަރުވުމާއެކު އާޖެންޓީނާ ފުޓްބޯޅަ ޓީމަށް ވަނީ މުބާރާތާ އަލްވަދާއު ކިޔަން ޖެހިފައި --- ފޮޓޯ: އޭޕީ
މެޗުގެ 75 ވަނަ މިނެޓުގައި ހޮންޑޫރަސް އަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ލީޑު ހޯދައިދިނީ އެންތޮނީ ލޮޒާނޯ އެވެ. މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުގައި އާޖެންޓީނާ އަށް ނަތީޖާ ހަމަހަމަކޮށްދިނީ މައުރީސިއޯ މާޓިނޭޒް އެވެ.
އެ ނަތީޖާއާ އެކު 'ގްރޫޕް ޑީ'ގެ ޖާގައެއް ހޮންޑޫރަސް ހޯދާފައިވަނީ ގޯލުގެ ތަފާތުންނެވެ. ދެ ވަނައިގައި އޮތް ހޮންޑޫރަސް އާއި ތިން ވަނައިގައި އޮތް އާޖެންޓީނާ އަށް ވެސް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ގްރޫޕުގެ އެއް ވަނައިގެ ގޮތުގައި ކުއާޓާ އަށް ދަތުރުކުރީ ތިން މެޗުން ހަތް ޕޮއިންޓް ހޯދި ޕޯޗުގަލް އެވެ. ގްރޫޕުގެ ފުލުގައި އޮތް އަލްޖީރިއާ އަށް ތިން މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.