11 Aug 2016, 02:11
ބްރެޒިލްގެ ރިއޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކް ގޭމްސްގައި އަންހެނުންގެ 100 މީޓަރ ފްރީސްޓައިލް އިވެންޓްގެ ޤައުމީ ރެކޯރޑް ރާއްޖޭގެ އެއްވަނަ އަންހެން ފެތުންތެރިޔާ އާމިނަތު ސަޖަން އާކޮށްފިއެވެ.
އެ އިވެންޓްގެ ޤައުމީ ރެކޯޑް އެންމެފަހުން އާކޮށްފައިވަނީ ވެސް ސަޖަން އެވެ. އެއީ 2014 ވަނަ އަހަރު ސްކޮޓްލަންޑްގެ ގްލާސްގޯގައި ބޭއްވި 20 ވަނަ ކޮމަންވެލްތު ގޭމްސްގައި 100 މީޓަރ ފްރީސްޓައިލް އިވެންޓް 01:06.60 އިން ފުރިހަމަކޮށްގެންނެވެ. ސަޖަން އެރެކޯރޑް އާކޮށްފައި ވަނީ 01:05.71 އިން އިވެންޓް އިން ރޭސް ނިންމައިގެންނެވެ.
ދެހާސްތޭރަ ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް ސަޖަން ވަނީ އިންޑިވިޖުއަލް އިވެންޓްތަކުން 13 ޤައުމީ ރެކޯޑްއާކޮށް، ތިން ޓީމު އިވެންޓްގައި ޤައުމީ ރެކޯޑް އާކުރުމަށް އެހީތެރިވެދީފަ އެވެ. އަދި ސަޖަން ވަނީ 12 ވަނަ ސައުތު އޭޝިއަން ގޭމްސްގެ 800 މީޓަރު ފްރީސްޓައިލް އިވެންޓުން ރާއްޖެއަށް ރަންވަންލޯ މެޑަލް ހޯދައިދީފަ އެވެ. ސަޖަން ވަނީ ތައިލެންޑްގައި ބޭއްވި ސްޕީޑޯ ތައިލެންޑް އޭޖް ގްރޫޕް ޗެމްޕިއަންޝިޕްގައި ވެސް ރާއްޖެ ތަމްސީލްކޮށް، 200 މީޓަރު އިންޑިވިޖުއަލް މިޑްލޭ އިވެންޓުން ރަންވަންލޯ މެޑަލް ހޯދައިފަ އެވެ.
ސަޖަންއަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި، ފީނާ އަދި އިންޓަނޭޝަނަލް އޮލިމްޕިކްސް ކޮމިޓީގެ އޮލިމްޕިކް ސޮލިޑާރިޓީ ޕްރޮގްރާމްގެ އެހީތެރިކަމާއެކު ރާއްޖެއިން ބޭރުގައި ފަރިތަކުރުންތައް ފުރިހަމަ ކުރަމުންދާ ފެތުންތެރިއެކެވެ. ސަޖަން ފަރިތަކުރުންތައް ފުރިހަމަ ކުރަމުންދަނީ ތައިލަންޑްގެ ޕުކެޓްގަ އެވެ.