ވ. ފެލިދޫގައި 76 އަހަރުގެ އުމުރުން ދުވަސްވީ މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން އެބަ ދެ އެވެ.

ފުލުހުން މިރޭ ކުރި ޓްވީޓެއްގައި ބުނީ، ވ. ފެލިދޫ ލައިނޫފަރުމާގޭ، އުމުރުން 76 އަހަރުގެ އަހްމަދު ހަސަން ނަމަކަށް ކިޔާ މީހަކު ގެއްލިގެން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ފެލިދޫ ރައްޔިތުން ވެގެން ކުރަމުން އަންނަ ކަމަށެވެ.

ފުލުހުން ބުނީ، އަހްމަދު ހަސަން އެންމެ ފަހުން ފެނިފައިވަނީ އިއްޔެ ހެނދުނު 10:00 ހާ އިރު ކަމަށާއި، އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރީ މިރޭ 8:30 ހާ އިރު ކަމަށެވެ.

"އަހްމަދު ހަސަން ހޯދުމުގެ މަސައްކަތުގައި ރަށުތެރެއާއި މޫދުވެސް ދަނީ ބަލަމުން،" ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައި ވެ އެވެ.

ފުލުހުން ބުނީ އޭނާ ހޯދުމުގެ މަސައްކަތުގައި ޑައިވަރުން ވެސް ހަރަކާތްތެރިވަމުން ދާ ކަމަށެވެ.

މި މީހާގެ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ފުލުހުންނަށް (119) ނުވަތަ ފެލިދޫ ފުލުހުންގެ މަރުކަޒަށް އެންގުމަށް ފުލުހުން އިލްތިމާސް ކޮށްފައިވެ އެވެ.