ހަމައެކަނި ދައުލަތުގެ މީޑިއާއިން ދެއްކި މަންޒަރާއި އަޑު އިވުނު އިވުމަށް ބަދަލު ގެނައީ 2007 ވަނަ އަހަރު މޯލްޑިވްސް މީޑިއާ ކޮމްޕެނީ (އެމްއެމްސީ) އުފެދި ރާއްޖޭގައި ފުރަތަމަ އުފެއްދި އަމިއްލަ ރޭޑިއޯއާއެކު އެވެ. އެއަށްފަހު އެ ކުޑައިގެ ދަށުން އިތުރު ކުންފުއްޏެއް އުފެދި ދިޓީވީގެ ނަމުގައި ޓީވީ ޗެނަލެއްގެ ހިދުމަތް ފެށުމަކީ ތަފާތު އަޑުތަކާއެކު މަންޒަރެއް ބެލުމަށް ފެން ބޮވައިގެންފައި ތިބި ދިވެހިންނަށް ލިބުނު އީދެކެވެ. ރާއްޖޭގެ މީޑިއާގެ ތާރީހުގެ ފަވާލެވުނު އެ ދުވަސް މިއަދު މާޒީވެއްޖެ އެވެ. މިރެއިން ފެށިގެން އެ ކުންފުނީގެ ދަަށުން ހިންގަމުންދިޔަ ފަސް ޗެނަލް ހުއްޓުމަކަށް އަތުވެއްޖެ އެވެ.

ޓީވީއެމްގެ ނިއުސް ހެޑަކަށް މަސައްކަތް ކުރި އިބްރާހިމް ހަލީލާއި އެ ޓީވީގެ ޗީފް ކެމެރާމަނަކަށް ހުރި ހަސަން މައުމޫން (މާނު) އާއި ޓީވީއެމްގެ ޕްރެޒެންޓަރު އަހުމަދު ސަލީމް (ސައްލެ) އިސްކޮށް ތިބެގެން މުހައްމަދު މޫސާގެ ހަރަދުގައި 2007 ވަނަ އަހަރު ވުޖޫދަށް ގެނައި އެ މީޑިއާ މިއަދު ފުޅާވެ އެތައް މީޑިއާއެއް ހިންގަމުންދާއިރު މިރޭ 12 ޖެހުމާއެކު އެ ހުރިހާ މީޑިއާއެއް ވަނީ ހުއްޓާލާފަ އެވެ.

ރާއްޖޭގެ މީޑިއާތަކަށް އާ ކަންތައްވެސް އެބޭފުޅުން ތައާރަފު ކުރި

ދިއެފްއެމަކީ ރައްޔިތުން ބޭނުންވާ ސުވާލު ސީދާ ވެރިންނާ ކޮށްލުމުގެ މަގު ފަހިކޮށްދިން ސްޓޭޝަނެވެ. ބަސްނުބުނެވި ތިބި ސިޔާސީ ފަރާތްތަކާއި އާންމުންގެ ބަސް ގިނަ ބަޔަކާއި ހިސާބަށް ގެނެސްދިން ސްޓޭޝަނެވެ. "ވަން ޓޫ ވަން" އާއި "ޓޯކް އޮފް ޓައުން" ފަދަ ޕުރޮގުރާމްތަކަކީ އަދިވެސް އެއް ވަނައެވެ. ހެނދުނު ވަގުތު ރައްޔިތުންގެ ޝަކުވާ އިއްވާ ޕްރޮގްރާމް "މޯނިން އެޑިޝަން"އަކީ އެފަދަ ޕްރޮގްރާމެކެވެ.

  • ފުރަތަމަ 24 ގަޑިއިރު ޓިވީ ޗެނަލް

  • ފުރަތަމަ ވިޝްއަލް ރޭޑިއޯ
  • އެސްއެމްއެސް ޕޯލް ތައާރަފްކުރި
  • އިންތިހާބުތަކުގެ ބަހުސް ފެށި
  • ގުރުއާނުގެ ދިވެހި ތަރުޖަމާގެ އޯޑިއޯ އަދި ވީޑިއޯ އުފެއްދި

ތަފާތު ހިޔާލުތަކަށް ފުރުސަތު ހުޅުވައިލަ ދިން

މީގެ ނުވަ އަހަރު ކުރިން ވުޖޫދަށް ގެނައި އެ ސްޓޭޝަން އުފެއްދުމަށް ޓީވީއެމްގެ އިސް މަގާމު ދޫކޮށް ނުކުންނެވި އިބްރާހިމް ހަލީލް ވިދާޅުވި ގޮތުގައި އެ ސްޓޭޝަން ހިންގަން ފެށުމުގެ މަގުސަދަކީ ކުރިން މީޑިއާއިން ޖާގަ ނުލިބޭ ތަފާތު ފިކުރުތަކަށް ޖާގަ ދިނުން ކަމަށެވެ. އެއީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ހަލީލް ވިދާޅުވި އެވެ.

"ވަރަށް ގިނަ ބަޔަކު މަލާމާތް ކުރި، އަމިއްލަ ބަޔަކަށް ސުޓޭޝަނެއް ނުހިންގޭނޭ ވެސް ބުނި، އޭގެ ތެރެއިން ބައެއް މީހުން ފަހުން އަޅުގަނޑުމެންނާއެކު އެތަނުގައި މަސައްކަތް ވެސް ކުރި،" ހަލީލް ވިދާޅުވި އެވެ.

ދި އެފްއެމް ފުރަތަމަ ފަށައިގަތުމާއެކު ތަރުހީބު އޮހިގެންދިޔަ އެވެ. މީހުންގެ ތެރޭގައި އެންމެ މަގުބޫލް ރޭޑިއޯގެ މަގާމު އެ ސުޓޭޝަނުން ހޯދީ 24 ގަޑިއިރު އެކިއެކި ތަފާތު ކޮންޓެންޓްތައް ގެނެސްދީގެންނެވެ. ހަބަރާއި މައުލޫމާތެވެ. މުނިފޫހި ފިލުވުމާއި ދީނީ މައުލޫމާތުތަކާއެކުއެވެ.

"ވަރަށް ފޮނި އުންމީދެއްގައި މިނިވަން މީޑިއާއެއް އުފެއްދުމަށް، ވަރަށް މިނިވަންކަމާއެކު މަސައްކަތް ކުރީ، އޭރު ހަބަރުތައް އަޑު އެހި ފަރާތްތަކަށް އެނގޭނެ، އެއީ ކޮންމެ އިރެއްގައިވިޔަސް." ހަލީލް ވިދާޅުވިއެވެ.

ރޭޑިއޯއެއްގެ އިތުރުން ޓީވީއެއްގެ މަސައްކަތް ހަމަ އެބޭފުޅުން ފެށީ އެހެން ބަޔަކާއި ހަވާލުކޮށްގެންނެވެ. ސަބަބަކީ އޭރު ގަވާއިދު ބުނާ ގޮތުން އެއް ކުންފުއްޏެއްގެ ދަށުން ދެ ސުޓޭޝަން ނުހިންގޭތީ އެވެ.

ދިޓީވީ ވުޖޫދަށް ގެނައިތާ މާކަ ގިނަ ދުވަހެއްނުވެ ދިއެފްއެމްގެ ގޮތުގައި އެ މީޑިއާ ބުރޭންޑް އުފެއްދި ސަލީމް އާއި ހަލީލް ވަކިވެގެންދިޔަ އެވެ. އެ ދެ ބޭފުޅުން އެހެން ދެ ސުޓޭޝަނެއް ހިންގަންފެށި އެވެ.

އެ މީޑިއާއަކީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަން ހަމަމަގަށް ގެނައުމުގެ މުހިންމު ދައުރެއް އަދާކުރި ފަރާތެކެވެ. ހަމަ އެހެންމެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމަށް އެންމެ ބޮޑު ޕުރެޝަރެއް ދިން ބަޔަކީ އެއީ އެވެ.

ތަފާތު ގޮންޖެހުންތަކާ ވެސް ކުރިމަތިލާން ޖެހުނެވެ. ސިފައިން ވަދެ ބުރޮޑްކާސްޓިން ހުއްޓުވާ ހިސާބަށް ދިޔައެވެ. ދިއެފްއެމްގެ ޕޮއިންޓު ކެނޑުމާއި ބުރޮޑްކާސްޓިން ކޮމިޝަންގެ އިންޒާރުތަކަކީ މިއަދާ ހަމައަށްވެސް ކުރިމަތިވަމުން އައިކަންކަމެވެ.

ސަބަބެއް ކަމަށް ބުނެފައި ވަނީ ކުންފުނީގެ ހާލަތު ހުރި ގޮތުން ހިންގެން ނެތް ކަމަށެވެ. އެކިއެކި މަސްދަރުތަކުން ލިބޭ މައުލޫމާތައް ބަލާއިރު އެ މީޑިއާއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބްރޯޑްކާސްޓިން ކޮމިޝަނުން އަންގާ އެންގުންތަކާއި މާލީ މައްސަލަތަކެވެ.

ދިޓީވީ އާއި ދިޕްލަސްގެ ޓްރާންސްމިޝަން މިރޭ ހުއްޓާލިއިރު ރާއްޖޭގައި ހިންގާ މީޑިއާތައް ބަންދު ކުރުމުގެ ބާރު ލިބި ދޭ ގޮތަށް އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބިލު މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެ ބިލަށް އަމަލު ކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމުންނެވެ.

ދިވެހި މީޑިއާއަށް އިންގިލާބެއް ގެނައި އެ ބުރޭންޑް މިރެއިން ފެށިގެން ހުއްޓުމަކަށް އައިސްފައިވާއިރު އެއީ ވަރަށް ފަޅުކަމެކެވެ. އަދި މިދުވަސްވަރަކީ މީޑިއާތަކަށް އެތައް ގޮންޖެހުންތަކެއް އޮތް ދުވަސްވަރެކެވެ.