ސާނަވީ އިމްތިހާނު ނިންމާ ދަރިވަރުންނަކީ، އެ ދަރިވަރުންގެ އަމިއްލަ ޒިންމާތަކެއްވާކަން ގަބޫލު ކުރަންޖެހޭ ބައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރުގެ ސާނަވީ އިމްތިހާނުގައި މަތީ ވަނަތައް ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި އެސްޓީއޯ ޓޮޕް އެޗީވާސް އެވޯޑްސްގައި، ދަރިވަރުންނާ މުހާތަބު ކުރައްވަމުން ރައީސް ޔާމީން ވަނީ، ދަރިވަރުންނަށް ނަސޭހަތްތަކެއް ދެއްވާފަ އެވެ.

ރައީސް ޔާމީން ވިދާޅުވީ، މިއަދު ދަރިވަރުންނަށް ލިބޭ އެވޯޑާ އެ ކުދިން ދަސްވެނިވީ އެ ކުދިންގެ ހަޔާތުގެ މުހިންމު މަރުހަލާއަކުން ކަމަށެވެ.

"މިއަދާ ހަމައަށް ތި ހުރިހާ ކުދިންނަކީ މައިންބަފައިންގެ ލޯޓްބާއި ކުލުނާއި ފަސޭހަކަމުގައި ދިރިއުޅެމުން އައި ކުދިން. ކުދިންގެ އަމިއްލަ ހިތުގައި އުފެދޭ ޚިޔާލާއި އަރައިރުންތައް ފިޔަވައި ތިކުދިން ވިސްނަންޖެހޭ އެއްވެސް ކަމެއް ނެތް، ކިޔެވުމަށް މުޅި ވަގުތު ހޭދަކުރަން ފުުރުސަތު ލިބުނު ހަޔާތެއް ހޭދަކުރި ކުދިންތަކެއް. މިއަދު ތިކުދިން ގްރެޖުއޭޓުވަނީ ހަޔާތުގެ އެހެން ދަރަޖައަކަށް،"

ރައީސް ވިދާޅުވީ، ދަރިވަރުން މިއަދު ގަބޫލުކުރަން ޖެހެނީ އެ ކުދިންނަކީ މައިންބަފައިންގެ ބެލެނިވެރިކަމުގައި ތިބި ކުދިން ކަމުގައި ބެލުމުގެ ބަދަލުގައި، އަމިއްލަ ޒިންމާތަކެއް އުފުލާ މަރުހަލާއަކަށް ގޮސްފައިވާ ބައެއްގެ ގޮތުގައި ކަމަށެވެ.

"އެކަމަކު ހަނދާން ކޮށްދޭން ބޭނުންވޭ، އަދިވެސް ތިކުދިންނަކީ ޅަކުދިން، ކުޑަކުދިން، ބޮޑެތި މީހުންގެ ބަސް އަހަންޖެހޭ ހިސާބުގައި ތިބި ކުދިން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޖިސްމާނީ ގޮތުން ބޮޑުވުމަކީ، ހަށިގަނޑާ އެއްވަރަށް ސިކުނޑި ތަރައްގީވުން ނޫން ކަމަށެވެ. އެގޮތުން ސިކުނޑިއަށް ތަރައްގީވުމަށް ވަގުތު ނަގާނެ ކަމަށާއި، ފިލާވަޅުތަކެއް ވެސް ސިކުނޑި އުގެނެން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މަތީ ތައުލީމަށް ކުރިމަތިލާ އިރު ރޭވުމެއް އޮންނަން ޖެހޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ކިޔެވުމުގެ މަރުހަލާގައި އުޅޭ އިރު، ވަގުތު ބޭކާރު ކުރުމަށްފަހު، އިމްތިހާނެއް ލައިގަތުމުން ކިޔެވުމައިގެން އުޅެން ފެށުމުގެ ސަބަބުން އޭގެ ގެއްލުން ލިބޭނީ އެ ދަރިވަރުންނަށް ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، އެ ދަރިވަރެއްގެ ޚާއްސަ ހުނަރަކީ ކޮބައިކަން ހޯދަންޖެހޭ ކަމަށާއި، ކުރާ ކޮންމެ ކަމެއްގެ ކާމިޔާބީ ނުވަތަ އެންމެ މަތީ ވަނަ ހޯދުމަށް ގަދައަޅާ މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ކިޔަވަނީ ކިޔަވައި ނިންމުމަށް ފަހު މުޖުތަމައުގައި މުހިންމު މަސައްކަތްތަކެއް ކުރުމުގެ ނިޔަތުގައި ކަމަށް ވާ އިރު، ކިޔަވާ ނިމުމަށް ފަހު ކުރާނެ ކަމަކާ މެދު ވެސް ވިސްނަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ދަރިވަރުންނަކީ ހަމައެކަނި ފޮތުން އުނގެނެންވާނެ ބައެއް ނޫން ކަމަށާއި، ދަރިވަރުންނަކީ ހަރުދަނާ ބަޔަކަށް ވާންޖެހޭ ކަމަށެވެ.

"ކުދިންނަކީ ހަމައެކަނި ފޮތް ގިރާލައިގެން ދަސްކޮށްގެން ދިބޭ ބަޔަކަށް ވާކަށް ނުޖެހޭ. ކުދިންނަކީ އެއަށް ވުރެ ވަރުގަދަ ބަޔަކަށް ވާންޖެހޭ،" ރައީސް ވިދާޅުވި އެވެ.