11 Aug 2016, 08:49
ސުޕަސްޓާރ ސަލްމާން ޚާންގެ "ސުލްތާން"ގެ ކާމިޔާބީގެ އިތުރުން އޭނާގެ ކުރިއަށް އޮތް ފިލްމު "ޓިއުބްލައިޓް" އަކީ ވެސް ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ފިލްމަކަށް މިވަނީ ވެފައެވެ. ޚާއްސަކޮށް ފިލްމުގައި ސަލްމާން އާއެކު ފެންނާނެ އަންހެން ފަންނާނަކީ ކޮބައިކަން ބެލުމަށް ވެސް ބެލުންތެރިން ތިބީ ޝައުގުވެރިވެފައެވެ.
ކަބީރް ޚާންގެ "ޓިއުބްލައިޓް"ގައި ލީޑު ރޯލު ކުޅޭނެ ކަމަށް ގިނަ ބަޔަކު ބުނަމުން ދިޔައީ ކުޅަދާނަ އެކްޓްރެސް ދީޕިކާ ޕަދުކޯން ނުވަތަ މަގުބޫލު އެކްޓްރެސް ކެޓްރީނާ ކައިފް އެވެ.
ލަދާކް ގައި ފިލްމުގެ ޝޫޓިން މިހާރު ފަށާފައިވާ އިރު، ގިނަ ބަޔަކު ހީކުރި ގޮތާ ޚިލާފަށް، އެ ފިލްމުގެ އަންހެން ލީޑު އެކްޓްރެސްގެ ގޮތުގައި ސަލްމާނާ އެކު ފެންނަނީ ބޮލީވުޑުގެ ފަންނާނެއް ނޫނެވެ.
ހަބަރުތައް ބުނާ ގޮތުން "ޓިއުބްލައިޓް"ގެ ލީޑު އަންހެން ފަންނާނަކީ އޭނާގެ ހުނަރުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގްބޫލުކަން ހޯދާފައިވާ ޗައިނާގެ އެކްޓްރެސް ޒޫ ޒޫ އެވެ.

"ޓިއުބްލައިޓް" އަކީ 1962 ވަނަ އަހަރު އިންޑިއާ އާއި ޗައިނާ އާދެމެދު ކުރެވުނު ހަނގުރާމައިގެ މައްޗަށް އުފައްދާ ފިލްމެކެވެ.
އުމުރުން 32 އަހަރުގެ ޒޫ ޒޫ ވަނީ މިހާތަނަށް 11 ވަރަކަށް ފިލްމު ކުޅެފައެވެ. އޭނާގެ އިތުރު ދެ ފިލްމެއް ރިލީޒްވުމަށް ތައްޔާރުވަމުން އަންނަ އިރު، ޓީވީ ޑްރާމާ އަކުން ވެސް ޒޫ ޒޫ ވަނީ ފެނިގެން ގޮސްފައެވެ.
ސަލްމާން އާއެކު ލަދާކް ގައި މިހާރު ޝޫޓިން ކުރިއަށް ދާއިރު، ޒޫ ޒޫ ވަނީ ހިންދީ ބަހުން ވާހަކަ ދައްކަން ފަރިތަކުރުމަށް މުމްބާއީގައި ވެސް ދުވަސްތަކެއް ހޭދަކޮށްފައެވެ.