10 Aug 2016, 23:23
މިދިޔަ އަހަރުގެ ޖީސީ އޯލްވެލް އިމްތިހާނުގައި ރާއްޖޭން ބައިވެރިވި ދަރިވަރުންގެ ތެރެއިން ދުނިޔޭގެ އެއްވަނަ ރާއްޖޭގެ ފަސް ދަރިވަރަކު ހޯދައިފި އެވެ.
ދުނިޔޭގެ ފެންވަރުގައި ތަފާތު ހަތަރު މާއްދާއަކުން ދުނިޔޭގެ އެއްވަނަ ފަސް ދަރިވަރަކު ހޯދާފައިވާއިރު، 2014 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުގައި އެއް ވަނަ ހޯދީ ރާއްޖޭގެ ހަތަރު ދަރިވަރެކެވެ.
ޖީސީއީ އޯލެވެލް އިމްތިހާނުގެ ގަދަ ދިހައެއް އިއުލާން ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި މުޅި ދުނިޔެއިން އެއް ވަނަ ހޯދައިގެން އެވޯޑް ހާސިލްކޮށްފައިވަނީ:
މަޖީދިއްޔާ ސްކޫލުގެ ސ. މީދޫ، ސްވީޓް ޕީ ކޮޓޭޖް، އަހުމަދު ބާސިލް ޝިޔާމް
- އިސްކަންދަރު ސްކޫލުގެ ސ. ހުޅުދޫ، އަލިމަސް ވާދީ މަރިޔަމް އިންޝާ ޒިޔާދު
- އަމީނިއްޔާ ސްކޫލުގެ ސ. ހިތަދޫ، ނާޒު ފާތިމަތު މަވީ ސޯލިހް
- އަމީނިއްޔާ ސްކޫލުގެ މ. އާތު އަމިނަތު ޝުއާއު މުހައްމަދު
- އިސްކަންދަރު ސްކޫލުގެ މ. ޝަބްނަމް ވިލާ މަރިޔަމް އަޒްހާ އިބްރާހިމް
މީގެ އިތުރުން، މިރޭގެ ރަސްމިއްޔާތުގައި އޯލެވެލް އިމްތިހާނުން ދުނިޔޭގެ ގަދަ 10 ގައި ހިމެނުނު ރާއްޖޭގެ 40 ދަރިވަރަކަށް ވަނީ އިނާމު ދީފަ އެވެ.
މިއީ 2014 ވަނަ އަހަރާ އަޅާބަލާއިރު 15 ދަރިވަރުންގެ ގިނަ އަދަދެކެވެ. އެ އަހަރު ޖީސީއޯ އޯލްވެލް އިމްތިހާނުން ދުނިޔޭގެ ގަދަ ދިހައެއްގައި ހިމެނިފައި ވަނީ 25 ދަރިވަރުންނެވެ.
ޖީސީއީ އޯލެވެލް އިމްތިހާނުގެ ގަދަ ދިހަ އެއް އިއުލާން ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އޯލެވެލް އިމްތިހާނުން އެއްވަނަ ހޯދި ދަރިވަރުންނަށާއި ދުނިޔޭގެ ގަދަ 10ގައި ހިމެނުނު ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުއްލް ގައްޔޫމެވެ.
މިރޭގެ ރަސްމިއްޔާތުގައި މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ރާއްޖޭގެ އެންމެ މަތީ 10 ވަނާގައި ހިމެނުނު 504 ދަރިވަރުންނަށާއި އިމްތިހާނުގައި ދަރިވަރުން ބައިވެރިވި ހުރިހާ މާއްދާ ތަކަކުން "އޭ" ފާހަށް ވުރެން މަތިން ހޯދައި މުޅި ރާއްޖެއިން އެއް ވަނަ ހޯދި 74 ދަރިވަރުންނަށް ވެސް ވަނީ އިނާމު ހަވާލު ކޮށްފަ އެވެ.
މީގެ އިތުރުން، ރާއްޖޭގެ ފެންވަރުގައި 17 ދަރިވަރަކު "ބެސްޓް އިން މޯލްޑިވަސް" އެވޯޑް އަދި އަށް ދަރިވަރަކު ހައި އެޗީވާސް އެވޯޑް މިރޭގެ ރަސްމިއްޔާތުގައި ހާސިލް ކޮށްފައިވެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި، 5011 ދަރިވަރަކު ބައިވެރިވެފައިވެފައި ވާއިރު، ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ ނިސްބަތަކީ55.7 ޕަސެންޓު ކަމަށެވެ. އަދި އެއީ 2014 ވަނަ އަހަރާ އަޅާ ބަލާއިރު 3.7 އިންސައްތައިގެ ކުރިއެރުމެއް ކަމަށް ބުންޏެވެ.
ދެހާސް ސާދަ ވަނަ އަހަރު ފަސް މާއްދާއިން ފާސްވި ދަރިވަރުން 60 ޕަސެންޓަށްވުރެ މަތީ ސްކޫލްތަކުގެ އަދަދު 38 ގައި ހުރިނަމަވެސް އެ އަދަދު މިދިޔަ އަހަރު ވަނީ 63 ސްކޫލަށް މަތިވެފަ އެވެ.
މީގެ އިތުރުން، މިދިޔަ އަހަރު 17 ސްކޫލަކުން ވަނީ، ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ ނިސްބަތް 80 ޕަސެންޓަށް މަތި ކޮށްފަ އެވެ.
މިދިޔަ އަހަރު އޯލެވެލް އިމްތިހާނުގައިމާއްދާތަކުން ދަރިވަރުން "ސީ" ފާހަށް ވުރެ މަތިން ފާސްވި އިންސައްތަ 46.9 ޕަސެންޓުގައި ހުރިއިރު، "ޔޫ" ގްރޭޑް ލިބުނު ދަރިވަރުންގެ ނިސްބަތް 2014 ވަނަ އަހަރާ އަޅާ ބަލާއިރު އެއަދަދު މިއަހަރު 1.2 އިންސައްތައަށް ދަށްކުރެވިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.