10 Aug 2016, 20:18
ސިޔާސީ ފަރާތްތަކާ ބައްދަލުކުރުމާއި، ސިޔާސީ ފަރާތްތަކާ އެކު އިޖްތިމާއީ އެއްވުންތަކަށް ދިއުމާއި އެފަދަ އެއްވުންތަކުގައި ބައިވެރިވުން ދިވެހި ސިފައިންނަށް މަނާކޮށްފި އެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ސިފައިންގެ އިސްވެރިއެއްގެ ހުއްދަ ނެތި، ސިފައިންގެ މީހަކަށް ސިޔާސީ އެއްވެސް މީހަކާ ބައްދަލު ނުކުރެވޭނެ ކަމަށެވެ.
ސިފައިންނަށް ބައްދަލުކުރުން މަނާކޮށްފައި ވަނީ:
ދައުލަތުގެ ވަޒީރުން
- ރައީސް އައްޔަނުކުރައްވާ މަގާމުތަކުގައި ތިބޭ ފަރާތްތައް
- ގާނޫނަކުން ކަނޑައަޅާ އިންތިޚާބެއްގައި ބައިވެރިވާ ކެންޑިޑޭޓުން
- ސިޔާސީ ޕާޓީތަކުގެ ވެރިން
- އެކްޓިވިސްޓުން
- ޑިޕްލޮމެޓުން
- ރާއްޖެއިން ބޭރުގެ އަސްކަރިއްޔާތަކުގެ ބޭފުޅުން
- މިނޫނަސް ރާއްޖެއިން ބޭރުގެ ފަރާތްތައް
މީގެ އިތުރުން، މިފަދަ ބޭފުޅުން ބައިވެރިވާ އިޖުތިމާއީ އެއްވުންތަކަށް ދިއުމާއި އެ އެއްވުންތަކުގައި ބައިވެރިވުން ވެސް ޑިފެންސް މިނިސްޓްރީން މަނާކޮށްފައިވާ ކަމަށް އެމްއެންޑީއެފްގެ ބަޔާނުގައިވެ އެވެ.
އެމްއެންޑީއެފުން ބުނީ، ސިފައިންނަކީ ވަކިފަރާތަކަށް ބުރަވުމެއް ނެތި، އިންސާފާއި ތެދުވެރިކަމާއެކު ގައުމީ ވާޖިބު އަދާކުރަންޖެހޭ ބަޔަކަށް ވާ އިރު، ސިފައިންގެ އިއްޒަތާއި ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތަށް އަމަލުތައް ބެހެއްޓުމަށާއި، "އެންމެހާ ނުފޫޒުތަކުންނާއި ސިޔާސީ ކަންކަމުންސިފައިން އެއްކިބާ ވާންޖެހޭނެ ކަމަށް" ޑިފެންސް މިނިސްޓްރީން އެންގި ކަމަށެވެ.