އިސްލާމީ ޝަރީއަތާ އެއްގޮތަށް އަމަލު ނުކޮށް މިހާރު މުޖުތަމައުގައި ހުރި މައްސަލަތައް ހައްލު ނުކުރެވޭނެ ކަމަށާއި ކީރިތި ގުރުއާނަކީ ތަންތަން ޒީނަތްތެރި ކުރާށާއި ރީތި އަކުރުން ލިއުމަށާއި މީހުން މަރުވާއިރު ކަންފަތްދޮށުގައި ކިއުމަށް ބާވާލެއްވި އެއްޗެއް ނޫން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޢަބުދުލް މަޖީދު ޢަބުދުލް ބާރީ ވިދާޅުވެއްޖެ އެވެ.

މަސްޖިދުއް ސުލްތޯނު މުހައްމަދު ތަކުރުފާނުލް އައުޒަމް، އިސްލާމީ މަރުކަޒުގައިގައި އިމާމުވެ މިއަދު ހުކުރު ނަމާދު ކުރެއްވުމަށް އެމަނިކުފާނު ވިދާޅުވި ހުކުރު ހުތުބާގައި ވިދާޅުވީ މާތް ﷲ ކީރިތި ގުރުއާން ބާވައި ލެއްވީ އެ ގުރުއާނުގައިވާ ހުކުމްތަކަށް އަމަލުކުރުމަށް ކަމަށާއި އޭގައިވާ ހުކުމްތައް ތަންފީޒު ކުރުމަށް ކަމަށެވެ.

" އިސްލާމީ ޝަރީޢަތުގައި މިފަދަ ހުކުމްތައް ކަނޑައެޅިފައިވާ އިރު އަޅުގަނޑުމެން އަޅުގަނޑުމެންނާ ކުރިމަތިވެފައިވާ ކަންތައްތައް ހައްލުކުރުމަށް މިދަނީ އެހެން ގޮތްތައް ހޯދަމުން،" މީހުން މަރާ މީހުންނަށާއި ފަސާދަކުރާ މީހުންނަށް ހުރި އަދަބުތައް ގުރުއާނުގެ އަލީގައި ވިދާޅުވެ ދެއްވުމަށް ފަހު ޑރ. މަޖީދު ވިދާޅުވި އެވެ.

މަޖީދު ވިދާޅުވީ ގުރުއާނުގައިވާ ގޮތްއް ދޫކޮށް އެހެން ގޮތްތަކެއް ހޯދަން މަސައްކަތް ކޮށްގެން ދުވަހަކު ވެސް މައްސަލަތަކަށް ހައްލެއް ނުލިބޭނެ ކަމަށެވެ.

"...ﷲ ސުބްހާނަހޫ ވަތަޢާލާ ޝަރުޢުކުރައްވާފައިވާ ޝަރުޢު އެއްކިބާ ކުރުމަށް ފަހު ދެން ހޯދަން އުޅޭ އެއްވެސް ކަމަކުން ހައްލެއް ނާންނާނެ،" ޑރ. މަޖީދު ވިދާޅުވި އެވެ.

މައުސޫމު ކުޑަކުދިންތަކެއް މަރާލާއި އެތައް މިތަނަށް އުކާލާފައިވާތަން ފެންނަމުންދާ ކަމަށާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން އާއްމުވެފައިވާ ކަމަށް ވިދާޅުވެ، އެކަން ހައްލުކުރުމަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާއިން އެއްބާރުލުމަށް ޑރ. މަޖީދު ގޮވާލެއްވި އެވެ.

" ޚިޔާލު ތަފާތުވުންތައް އެއްކައިރި ކުރުމަށް ފަހު އެއްރޫހެއްގައި މިކަން ކަމަށް ހައްލެއް ގެނައުމަށްޓަކައި އެންމެ ވެގެން މަސައްކަތް ކުރަން އެބަޖެހޭ، ވަކިން ހާއްސަކޮށް ގާނޫނު ހަދާ މަޖިލީހުގެ ބޭފުޅުން މިކަމުގައި އިސް ދައުރެއް އަދާކުރުމަށް ގޮވާލަން،"

ތުއްތު ކުދިން މެރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ރާއްޖޭގައި ފަހަކަށް އައިސް ވަނީ އާއްމު ވެފައެވެ. އެގޮތުން މި މަހު އެކަނި ވެސް މަރާލައި އެއްލާލާފައި އޮތް ތިން ކުދިން ވަނީ އެކި ތަންތަނުން ފެނިފަ އެވެ.