ގައުމީ އެއާލައިން މޯލްޑިވިއަންއިން ސްރީލަންކާގެ ކޮލޮމްބޯއަށް ދަތުރެއް ކުރަން ނިންމައި، އެ ދަތުރަށް ޚާއްސަ ފެއާއެއް އިއުލާން ކޮށްފި އެވެ.

ކޮލޮމްބޯއަކީ މޯލްޑިވިއަނުން އެންމެ ފުރަތަމަ ދަތުރުކުރަން ފެށި ބައިނަލްއަގުވާމީ އެއް މަންޒިލެވެ. ނަމަވެސް ކޮލޮމްބޯއަށް ކުރަމުން އައި ދަތުރުތައް 2010 ވަނަ އަހަރު ތެރޭގައި އެ އެއާލައިނުން ވަނީ ހުއްޓާލާފަ އެވެ.

މޯލްޑިވިއަންއިން މިއަދު އިއުލާން ކުރި ގޮތުގައި، އެ ޚާއްސަ ދަތުރު އޮންނާނީ އޯގަސްޓް 31 ގަ އެވެ. އަދި ކޮލޮމްބޯއިން އެނބުރި މާލެ އައުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު ހަތަރުވަނަ ދުވަހު އެވެ.

މި ފެއާގެ އަގަކީ އެއްކޮޅު ޓިކެޓު ނަމަ 90 ޑޮލަރެވެ. އަދި ދެކޮޅު ޓިކެޓު ނަމަ 130 ޑޮލަރެވެ. އަދި ދެ އަހަރުން ދަށުގެ ކުޑަކުދިންނަށް މި ފްލައިޓުގައި ހިލޭ ދަތުރުކުރެވޭ އިންތިޒާމު ވަނީ ހަމަޖެހިފަ އެވެ.

މޯލްޑިވިއަނުން ބުނީ، މި ދަތުރުގެ ޓިކެޓު ބުކް ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.